ކުރިއަށް އިތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ގެ ރަނިންމޭޓަކު މާދަމާ ކަނޑައަޅުއްވާނެ ކަމަށާއި، ކެންޑިޑަސީ ފޯމު ހުކުރު ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސްގެ ކެމްޕެއިނަށް އުތުރުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހދ. ހަނިމާދުއަށް ވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރަނިންމޭޓުގެ ގޮތުގައި ކަނޑައެޅުމަށް ނަންތަކެއް އެބަހުރި ކަމަށެވެ.

އެ ނަންތަކުގެ ތެރޭގައި ނައިބު ރައީސް ފައިސަލް ނަސީމްގެ ނަންވެސް ހިމެނޭ ކަން ފާހަގަކުރައްވައި، ރައީސް ވަނީ އެކަމުގައި އަދި ގޮތެއް ނިންމާފައިނުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަމާ މެދު ގޮތެއް ކަނޑައަޅުއްވާނީ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބުރާސްފަތި ނުވަތަ ހުކުރު ދުވަހު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވޭތޯ މަސައްކަތް ކުރައްވަމުން ދާ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ އެމްޑީޕީ މިވަގުތު އޮތީ ކޯލިޝަނެއްގައި ކަމަށް ވީ ހިނދު، ރަނިން މޭޓު ކަނޑައެޅުމުގައި އެމްޑީއޭ އާއި އަދާލަތު ޕާޓީގެ ޚިޔާލު ވެސް ހޯއްދަވާނެ ކަމަށެވެ.

"ހުކުރުދުވަހު އެންމެ ލަސްވެގެން އަޅުގަނޑު މި ގަސްތުކުރަނީ ރަނިންމޭޓަކާ އެކު ފޯމު ހުށަހަޅަން،" ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާއިރު، އިލެކްޝަންސް ކޮމިޝަނަށް މިހާތަނަށް ފޯމު ހުށަހަޅުއްވާފައި ވަނީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެކަންޏެވެ. ނަމަވެސް އެ ކޮމިޝަނުން ވަނީ އެމަނިކުފާނުގެ ކެންޑިޑަސީ ބަލައި ނުގަންނަން ނިންމާފައެވެ.

ރައީސް ޞާލިޙްގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫންގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ.