02 Aug 2023, 19:21
އިދިކޮޅު ޕީޕީއެމުން ކެންޑިޑޭޓެއް ކަނޑައަޅައި ކެމްޕެއިން ފެށުމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިލްތިމާސް ކުރައްވައިފިއެވެ.
އަތޮޅުތެރެއަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެެއިން މިއަދު ހދ. ހަނިމާދުއަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ، އެންމެ އިންސާފުވެރި ގޮތަކަށް ވާނީ ކޮންމެ ޕާޓީއަކުން ވެސް އިންތިޚާބުގައި ބައިވެރިވުން ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ޕީޕީއެމް އަކީ އެއްވެސް ޗެލެންޖެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު އެދެނީ ޕީޕީއެމުން ލަސްނުކުރައްވާ ކެންޑިޑޭޓެއް ނެރުއްވާ ކެމްޕެއިން ފެއްޓެވުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އަތޮޅުތެރެއިން އެމަނިކުފާނަށް ފެންނަނީ ފެހި ސިގުނަލެއް ކަމަށެވެ.
"އަޅުގަނޑަކަށް ނުފެނޭ އެހެން އެއްވެސް ޕާޓީއަކުން މިގޮތަށް ކެމްޕެއިން ޖައްސާ ތަނެއް. އިންތިޚާބެއް ކާމިޔާބު ކުރުމަށްޓަކައި ރައްޔިތުންނަށް އެންމެ ބޭނުންވާނީ ރައްޔިތުން ކައިރިއަށް އައިސް ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ކޮށްދިނުން" ރައީސް ޞާލިޙު ވިދާޅުވިއެވެ.
ރައީސް ޞާލިޙު ވިދާޅުވީ، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު މާދަމާ ނޫނީ ހުކުރު ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ރަނިންމޭޓެއް ކަނޑައެޅުމަށް ވަކި ނިންމުމެއް އަދި ނިންމިފައި ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރަނިން މޭޓެއް ކަނޑައެޅުމަށް ޑެސިޝަނެއް އަދި ނުނަގަން. އާ ބޭފުޅަކަށް ވުން ވެސް އެކަށީގެންވޭ، ފައިސަލަށް ވެސް ފުރުސަތު އެބޮތް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަނިންމޭޓެއް ކަނޑައެޅުމަށް ނިންމާނީ އެމްޑީޕީން ކޯލިޝަން ހަދާފައިވާ އެމްޑީއޭއާއި އަދާލަތު ޕާޓީއާއެކު ވެސް މަޝްވަރާކުރައްވާފައި ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށްދިނުމަށް އެދި މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވެނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.