02 Aug 2023, 18:54
ބްރެންޓްފޯޑްގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ރާޔާއާއެކު އެއްބަސްވުމަކަށް އާދެވި، އޭނާ އާސެނަލާ ގުޅުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި އާސެނަލާ ގުޅުމަށް އުމުރުން 27 އަހަރުގެ ރާޔާ އެއްބަސްވެފައިވީ ނަމަވެސް، އޭނާގެ ފީއަކާ މެދު އަދި އެއްބަސްވުމަކަށް އަންނަން ޖެހެއެވެ. ރާޔާ އަކީ ބްރައިޓަނުން 2021 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓުވި ފަހުން އެ ކްލަބާއެކު މޮޅު ކުޅުމެއް ދައްކަމުންދާ ކީޕަރެކެވެ.
ކީޕަރު ރާޔާ އާސެނަލާ ގުޅިއްޖެ ނަމަ، މިހާރު އެ ކްލަބުގެ ގޯލު ބަލަހައްޓަމުންދާ އިނގިރޭސި ކީޕަރު އާރޮން ރަމްސްޑޭލްގެ ކުރިމަގާ މެދު ސުވާލުތަކެއް އުފެދޭނެއެވެ. އާސެނަލަށް 30 މިލިއަން ޕައުންޑް (38.3 މިލިއަން ޑޮލަރު) އަށް 2021 ވަނަ އަހަރު ގުޅުނު ފަހުން ރަމްސްޑޭލް އަކީ އެ ކްލަބުގެ އެއް ނަމްބަރު ކީޕަރެވެ.
ސްޕެއިންގެ ބާސެލޯނާއަށް އުފަން ގޯލްކީޕަރު ރާޔާ މުޅިން ވެސް ފެނިގެންދިޔައީ އިނގިރޭސި ކްލަބުތަކުންނެވެ. ރާޔާގެ ކެރިއަރު 2014 ވަނަ އަހަރު ބްލެކްބާން ރޯވާސް އިން ފެނިގެންދިޔަ އިރު، އޭނާ ބްރެންޓްފޯޑާ ގުޅުނީ 2019 ވަނަ އަހަރުއެވެ. އޭނާ ވަނީ ބްރެންޓްފޯޑް، ޕްރިމިއާ ލީގަށް ޕްރޮމޯޓުކޮށްދިނުމުގައި ވެސް އިސް ދައުރެއް އަދާކޮށްފައެވެ.
ރާޔާ އަކީ ކުޅުމުގައި ވަރަށް ބޮޑަށް ބައިވެރިވާ ކީޕަރެކެވެ. އެހެންކަމުން އޭނާއަކީ އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބޭނުންކުރާ ކުޅުމުގެ ސްޓައިލާ ވަރަށް ގުޅޭނެ ކީޕަރެކެވެ.