02 Aug 2023, 17:54
މާލެ ސަރަހައްދުގައި އިތުރު 4،000 ފްލެޓް އިމާރާތް ކުރުމުގެ މަޝްރޫއުއެއް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް)އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ ޖުމުލަ އަގަކީ ޖުމުލަ 165 މިލިއަން ޑޮލަރު (2.65 ބިލިއަން ރުފިޔާ)އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކޭޕީއައިއެލްއާ އެކު މި މަޝްރޫއުގައި ސޮއިކޮށްފައިވަނީ އެ ކުންފުނީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫއަށް ފައިނޭންސް ކުރުމަށް ފައިސާގެ %85 ހަމަޖައްސާނީ ކޮންޓްރެކްޓާ-ފައިނޭންސް އުސޫލުން، ސޮވަރިން ގެރެންޓީގެ ދަށުން ކޭޕީއައިއެލް އިން ލޯނު ނަގައިގެންނެވެ. އަދި ބާކީ %15 ހަމަޖައްސާނީ އެފްޑީސީން ސަރުކާރުގެ ބަޖެޓު މެދުވެރިކޮށެވެ.
މީގެ އިތުރުން، އެފްޑީސީން ބުނާ ގޮތުގައި މި މަޝްރޫއު ބަހާލާފައިވަނީ ދެ ފިޔަވައްސަކަށެވެ. ފުރަތަމަ ފިޔަވަހީގައި ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 2000 ހައުސިން ޔުނިޓެެވެ. އެއީ ތިން ކޮޓަރީގެ 1400 ޔުނިޓާއި ދެ ކޮޓަރީގެ 600 ޔުނިޓެވެ.
އެ ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މަސަތްކަތް ފަށާތާ 37 މަސް ނުވަތަ ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ ތެރޭގައެވެ.
މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މައުލޫމާތު އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.
ފަހިދިރިއުޅުން ކޯޕަރޭޝަނަކީ ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދު ފުއްދަން މި ސަރުކާރުން އުފެއްދި ކުންފުންޏެކެވެ.