ހިފާފައިވާޤުދްސު (މޭ 6): ނިއުކްލިޔާ ބޮމެއް އުފެއްދުމުގެ ޤާބިލްކަން އީރާނަށް މިހާރު ލިބިގެންވާ ކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު އިހޫދް ބަރާކް ވިދާޅުވެއްޖެވެ.

އިސްރާއީލުގެ ނޫހެއްކަމަށްވާ "އިސްރާއީލު ޙައްޔޫމް"އަށް ދެއްވި ބަސްދީގަތުމެއްގައި ބަރާކް ވިދާޅުވީ އީރާނުގައި ނިއުކްލިޔާ ބޮމެއް އުފެއްދުމުގެ ޤާބިލްކަން އީރާނުގެ އަތުގައި ހުރި ނަމަވެސް އެޤައުމުން ނިއުކްލިޔާ ހަތިޔާރު ނުއުފައް ދަނީ ރޭވުމެއްގެ ދަށުންނެވެ. އީރާނުގެ ނިއުކްލިޔާ ސުޓްރެޓެޖީ ބިނާކޮށްފައި ވަނީ ނިއުކްލިޔާ ވަރުގަދަ އައްޑަނައެއް ބިނާކުރުމުގެ ޤާބިލްކަން ފުރިހަމައަށް ލިބެންދެން ނިއުކްލިޔާ އާދައިގެ ހަތިޔާރެއް ނުއުފެއްދުމުގެ މައްޗަށްކަމުގަ އެވެ.
ނިއުކްލިޔާ އައްޑަނައެއް (ނިއުކްލިޔާ ޙިމާޔަތެއް) ނޫނީ ދުޝްމަނުންނަށް ނިއުކްލިޔާ ރައްދެއް ދެވޭމިންވަރަށް ޤާބިލްކަން ހޯދުމަށް ފަހު ނިއުކްލިޔާ ހަތިޔާރު އީރާނުން އުފައްދާނެ ކަމަށާއި އެފަދަ ޙާލަތެއްގައި އީރާނަށް އިސްވެ ޙަމަލާދޭނެ އެއްވެސް ޤައުމަކަށް ނުކެރޭނެކަން އީރާނަށް ކަށަވަރުވާތީ އީރާނުގެ ސްޓްރެޓެޖީއަކީ މިއީ ކަމަށް ބަރާކް ވިދާޅުވި އެވެ.

އިސްރާއީލުގެ އިސްމަސްއޫލުވެރިން ވަނީ އީރާނުގެ ނިއުކްލިޔާ ސިޔާސަތަކީ ވަރަށް ބުއްދިވެރި ސިޔާސަތެއް ކަމަށް ސިފަކުރައްވައި ވާހަކަ ދައްކަވަން ފައްޓަވައިފަ އެވެ. އީރާނުގެ ނިއުކްލިޔާ ސަޔާސަތު ބިނާކޮށްފައި ވަނީ ނިއުކްލިޔާ ބޮންއުފެއްދުމުގެ ޤާބިލްކަން ހޯދިނަމަވެސް ނިއުކްލިޔާ ބޮމް ނުއުފެއްދުމުގެ މައްޗަށް ކަމަށް އިސްރާއީލު ސިފައިންގެ ޗީފް އޮފް ސްޓާފް ދާދިފަހުން ވިދާޅުވެފައިވެ އެވެ.

އީރާނުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ނިންމުމެއް ނުނިންމާ ކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓްތަކާއި ހުޅަނގުގެ އެހެން ޤައުމުތަކުގެ ޖާސޫސީރިޕޯޓްތައް ވެސް ބުނެފައިވާ އިރު އީރާނުން ވެސް ވަނީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ އެޤައުމުގެ ސިޔާސަތެއް ނޫން ކަން އެތަށްފަހަރަކުހާމަކޮށްފަ އެވެ.

ނަމަވެސް ބޭނުންވެއްޖެ ނަމަ ނިއުކްލިޔާ ބޮމެއް އުފައްދާލުމަކީ ކުރެވިދާނެ ކަމެއްކަމަށް އީރާނުންވަނީ އެއްބަސްވެފަ އެވެ. މިއާއެކު ވެސް ނިއުކްލިޔާ ވަރުގަދަ ޑިޓަރެންޓެއް ބިނާކުރުމަށް އީރާނަށް ވަގުތު ބޭނުންވާ ކަމަށް މުޙައްލިލުން ދެކެވަޑައިގަންނަވަ އެވެ. (ނޫސްއެޖެންސީތައް)