07 Aug 2010, 13:28
18:30
އިންތިގާލީ މަރުހަލާ ހަމަނުވަނީސް ސުޕްރީމް ކޯޓުގެ ތަޅުދަނޑި ގައުމީ ދިފާއީ ބާރުން ހިފަހައްޓައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް މުޖްތާޒު ފަހުމީ ސަންއެފްއެމް ބްރޭކިން ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ދެންމެ ވިދާޅުވީ ސްޕްރީމް ކޯޓުގެ ތަޅުދަނޑި ގައުމީ ދިފާއީ ބާރުން ހިފެހެއްޓުން އެއީ ޖުޑިޝަރީގައި ތަޅު އެޅުވުން ކަމަށެވެ. މުޖްތާޒު ވިދާޅުވީ މިއަދު ހަވީރު ސްޕްރީމް ކޯޓުގެ މަސައްކަތެއް ކުރަން ތަޅުދަނޑި ބަލާ ދިއުމުން ތަޅުދަނޑި ގައުމީ ދިފާއީ ބާރުން ދީފައިނުވާ ކަމަށެވެ.
ސަރުކާރުގެ އެހެން އޮފީސްތަކެކޭ އެއްގޮތަށް ސުޕްރީމް ކޯޓްގެ ތަޅުދަނޑިތައް ވެސް ބަހައްޓާފައި ހުންނަނީ ސިފައިންގެ ހެޑް ކުއާޓާސް، ބަނޑޭރިގޭގަ އެވެ.
މުޖްތާޒު ވިދާޅުވީ މިއަދު ހައެއް ޖަހާއިރަށް ރައީސް އޮފީހަށް ސްޕްރީމް ކޯޓުގެ ހުރިހާ މުވައްޒަފުން ހާޒިރު ވުމަށް އަނގާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މުވައްޒަފަކު ރައީސް އޮފީހަށް ނުދިއުމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ކަމަށް ވެސް މުޖްތާޒު ވިދާޅުވި އެވެ.
ސަންއެފްއެމް ބްރޭކިން ނިއުސްއަށް ދެއްވި އިންޓަވިއު އެއްގައި ބަންޑާރަނައިބު ހުސްނުއްސުއޫދު ވިދާޅުވީ އެ ގޮތަށް ތަޅުދަނޑި ހިފެހެއްޓިކަން އެނގިނުލައްވާ ކަމަށާއި އަދި އެކަމާދޭތެރޭ އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނޫން ކަމަށެވެ.