އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ސޮއި ހަމަކޮށް ކެމްޕެއިނަށް ވޮލެންޓިއަރުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފާރިސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާއްމު ރައްޔިތުންގެ ތަރުހީބާއެކު 1،500 ސޮއި ހަމަވެފައިވާ ކަމަށެވެ. ނަމަވެސް، ސޮއި އިތުރުކުރުމުގެ މަސައްކަތް އަދިވެސް ކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އެ ޓްވީޓުގައި ފާރިސް ވިދާޅުވީ އޭނާގެ ކެމްޕެއިނަށް ކުރާނެ ވޮލެންޓިއަރުން ހޯދާ ކަމަށާއި އެ ކަމަށް އެހީވުމަށް 7595665އަށް ގުޅުމަށް އެދޭ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވުމުން އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ފާރިސް ނިސްބަތްވާ އެމްއާރުއެމް އުވާލުމަށް މީގެ ކުރިން ނިންމައިފައެވެ. ފާރިސް އަމިއްލަ ގޮތުން ކުރިމަތިލާން ނިންމީ އެމްއާރުއެމް އުވާލުމުގެ މައްސަލަ މިހާރު ކޯޓު މަރުހަލާގައި އޮތުމުން، ޕާޓީގެ ނަމުގައި ކުރިމަތިލާން ގޮންޖެހުންތަކަކާ ކުރިމަތިވެދާނެތީއެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރިން އެމްއާރުއެމްއިން ވަނީ ޖުމްހޫރީ ޕާޓީއާއެކު ވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ. އަދި ކޯލިޝަން ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދެއްވި ދައުވަތު އެ ޕާޓީން ގަބޫލުކުރައްވައިފައެއް ނުވެއެވެ.