02 Aug 2023, 15:39
ޓެރަރިޒަމްގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ދިވެހިންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާ ސަރުކާރުން ނިންމުމާ ގުޅިގެން ރާއްޖެއަށް ލިބޭނެ ގެއްލުން ދެނެގަތުމަށް ގޮވާލާ ގަރާރެއް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ނާޒިމް މިއަދު މަޖިލީހަށް ހުށަހެޅި ގަރާރުގައި ޓެރަރިޒަމްގެ ނުރައްކާ ކުޑަކުރުމަށް ދައުލަތުން އަޅާފައިވާ ފިޔަވަޅުތައް ދެނެގަތުމަށް ވެސް ގޮވާލާފައިވެއެވެ.
"[އެމެރިކާގެ] ނޫސްބަޔާން ނެރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ހިންގެވި 6 މެއި 2021ގެ ހަމަލާއާ ބެހޭ އިންކުއަރީ އިން ވެސް ޓެރަރިޒަމްގެ ބިރުވެރިކަން ރާއްޖޭގައި އޮތް މިންވަރު ފާހަގަ [ކުރެވިފައިވެެއެވެ.]" އެ ގަރާރުގައި ވެއެވެ.
ނަމަވެސް، އެ އިންކުއަރީން ދީފައިވާ ރެކޮމެންޑޭޝަންތަކަށް ސަރުކާރުން އަމަލުކޮށްފައިވާ މިންވަރު ހާމަކޮށްފައިނުވާ ކަމަށެވެ. އަދި, އެ ހަމަލާއާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސް އޮޑިޓެއް ހަދާނެ ކަމަށް އިއުލާނުކުރި ނަމަވެސް، އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައިނުވާކަން އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ބޭރުގެ ސަރުކާރަކުން އެފަދަ ގަރާރެއް ދިވެހި ބަޔަކާ ދެކޮޅަށް ނެރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ބުނެފައިވެއެވެ.
އެމެރިކާ ސަރުކާރުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނުގައި ޓެރަރިޒަމްގެ ހަރަކާތްތައް ހިންގުމުގައި އިސްވެ އުޅޭ 20 ދިވެއްސެއްގެ ނަން ފާހަގަކޮށް އެމީހުންނާ ގުޅޭ 29 ވިޔަފާރިއެއް ލިސްޓުކޮށްފައިވެއެވެ. އެ މީހުންނަށް ދަތިކުރުމުގެ ގޮތުން، އެސެޓުތައް ބްލޮކްކޮށް، ގުޅިގެން ވިޔަފާރި ކުރާ މީހުންނަށް ވެސް ފިޔަވަޅު އެޅުމަށް ނިންމާފައިވެއެވެ.