މި އަހަރު ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންނަށް "ސްޕޮންސާ ލެޓާ" ދޫކުރަން ފަށައިފި ކަމަށް މިނިސްޓަރު އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

"ސްޕޮންސާ ލެޓާ" އިން އެ ދަރިވަރަކީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޫޑެންޓް ލޯނު ލިބިފައިވާ ދަރިވަރެއްކަން އެނގޭނެއެވެ. އަދި، ލޯނުގެ ފައިސާ ވީހާވެސް އަވަހަށް ހަމަޖެހޭނެކަން ވެސް އެނގޭނެއެވެ.

އެހެންކަމުން ދަރިވަރުގެ ކިޔެވުމަށް އެއްވެސް ވުރުލެއް ނާރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ލޯނު ލިބުނު ކޮންމެ ދަރިވަރަކަށް ވެސް މިނިސްޓްރީން ލޯނު ލިބުނުކަމުގެ ލިޔުމާއެކު ލޯނުގެ ފައިސާ ހޯދުމަށް އެ ދަރިވަރަކު އަމަލު ކުރަންޖެހޭ ގޮތުގެ ތަފްސީލު މެއިލް ކޮށްފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ކޮންމެ ދަރިވަރަކު ވެސް އެ ލިޔުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓަރު އިލްތިމާސްކުރައްވާފައި ވެއެވެ.

"މިސާލަކަށް އަލަށް ސްޓޫޑެންޓް ލޯނު ލިބުނު ދަރިވަރުންނަށް ފައިސާ ހަމަޖެހުމުގެ ކުރިން އެ ދަރިވަރަކު އަމިއްލައަށް ވިސާ ފީ ދެއްކިކަމުގައި ވިޔަސް ވިސާއަށް ދެއްކި ފައިސާ ސްޓޫޑެންޓް ލޯނުން ކަވާ ކުރާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރު ލޯނު ލިބުނު ދަރިވަރުންނަށް އަހަރުގެ ފުރަތަމަ ސެމިސްޓާގެ ފައިސާ ވެސް ސްޓޫޑެންޓް ލޯނުގައި ހިމެނޭނެއެވެ.

ސްޓޫޑެންޓް ލޯނުގެ ފައިސާ ދޫކުރުމުގެ ކަންކަން އަވަސް ކުރުމަށްޓަކައި ކޮންމެ ދަރިވަރަކު ވެސް ލޯނު ލިބުނުކަމުގެ ލިޔުމާ އެކު ފޮނުވާފައިވާ މެއިލުގައިވާ ގޮތަށް ޑޮކިއުމެންޓްތައް ފުރިހަމަ ކުރުމަށްފަހު ވީހާވެސް އަވަހަށް ފަންޑް މެއިލަށް ފޮނުވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ސްޓޫޑެންޓް ލޯނާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ހިއްސާކޮށް ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވާ ޚާއްސަ އޮންލައިން ސެޝަނެއް މާދަމާ ހެނދުނު އޮންނާނެއެވެ. މި ސެޝަން ކުރިއަށްދާނީ މި މިނިސްޓްރީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށްނެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން މިއަހަރު 720 ފުރުސަތަށް އެދި 1،507 ފަރާތަކުން ކުރިމަތި ލިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނިންމެވުމުގެ މަތިން ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް މި އަހަރު ސްޓޫޑެންޓް ލޯނު ދޫކުރިއެވެ. އެއީ 1،275 ދަރިވަރުންނެވެ.