02 Aug 2023, 13:52
ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ ޕާޓިގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މިއަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހަޅަނީ ޑިމޮކްރެޓުންގެ "މުޅި ރާއްޖެ ތަމްސީލުވާ މަޖިލިސް" ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.
އެގޮތުން، ކުދި ދާއިރާތަކުން މެންބަރުން އިންތިހާބުކުރުމުގެ ބަދަލުގައި އަތޮޅުތަކުން މެންބަރުން އިންތިހާބުކުރާ ގޮތަށް ބަދަލު ކުރުމަށް އެ ހުށަހެޅުމުގައި ވެއެވެ. އަދި މަޖިލީހުގެ މެންބަރުންގެ އަދަދު 76ގައި ހިފެހެއްޓުމަށް ވެސް ހުށަހަޅާފައިވެއެވެ. އެ 76 މެންބަރުން ބެހިގެންވާ ގޮތަކީ؛
އަތޮޅުތަކުން ހޮވާ 55 މެންބަރުން
- ޕާޓީތަކުގެ ނެޝަނަލް ލިސްޓުން 11 މެންބަރުން
- އަންހެނުންނަށް ހާއްސަ އަށް ގޮނޑި
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ދެ ގޮނޑި
މީގެ ތެރެއިން، ނެޝަނަލް ލިސްޓުން ޕާޓީތަކަށް ޖާގަދޭނެ މިންގަނޑު ކަނޑައަޅާނީ، އިންތިހާބުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތަށް ބަލާފައެވެ. އަދި އަންހެން މެންބަރުން ހޮވާނީ ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލުމަށްފަހު، ކޮންމެ ސަރަހައްދަކުން ދެ މެންބަރުން އިންތިހާބުކޮށްގެންނެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިލްޔާސް ވިދާޅުވީ އެ ބަދަލުތަކަކީ މަޖިލިސް އިތުރަށް ބޮޑުވެ، ޚަރަދު ބޮޑުވިޔަ ނުދިނުމަށް މުހިއްމު ބަދަލެއް ކަމަށެވެ.
"ވަރަށް ކުދިކުދި ދާއިރާތަކެއްގެ ގޮތުގައި މިހާރު މަޖިލީހުގައި މެންބަރުން މި ތިއްބަވަނީ. އޭގެ ބަދަލުގައި، މުޅި އަތޮޅުން ނެގީމައި އަތޮޅު ޑިވެލޮޕްމެންޓް ޕްލޭނެއްގޮތަށް، އެކި މެންބަރުން އެކީ މަސައްކަތް ކޮށްގެން ގުދުރަތީ ގޮތުން އަތޮޅު އެކުލެވިގެންވާ ގޮތަށް އަތޮޅުގެ ޕްލޭންތައް މަޖިލިސް މެންބަރުންނާ ސަރުކާރާ އެކީ ގެންދެވޭނީ" އިލްޔާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ އިތުރުން، އިންތިހާބުތަކާ ބެހޭ ގާނޫނަށް ވެސް އެ ބަދަލު ގެނައުމަށް އިސްލާހުތަކެއް ގެންނަން ޖޭހޭނެ ކަމަށެވެ. ގާނޫނު އަސާސީއަށް އެ ބަދަލު ގެނެވުމާއެކު، އެ އިސްލާހު ވެސް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.