02 Aug 2023, 11:51
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އަށް ބިރު ދެއްކި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ފޯނު އަތުލުމަށްފަހު ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އޭނާ ހައްޔަަރުކުރި ކޯޓު އަމުރު ތަންފީޒުކުރުމަށް ފަހު، ރޭ އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
"އަދި އޭނާގެ ފޯނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި" އޭނާ ވިދާޅުވިއެވެ.
ފުލުހުން އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައެވެ. އޭނާގެ މައްޗަށް ތުހުމަތުކުރަނީ އީވާގެ ދަރިފުޅުގެ ފޮޓޯ ބޭނުންކޮށްގެން ޓުވިޓާގައި އޭނާއަށް ބިރުދައްކާ ކަމަށެވެ.
އީވާގެ ދަރިފުޅުގެ ނަމުގައި ފޭކު ޓުވިޓާ އެކައުންޓެއް ހަދައިގެން، އޭނާއަށް ފުރައްސާރަ ކުރާ މައްސަލަ ފެންމަތިވީ މި ފަހުންނެވެ. އެ އެކައުންޓުން ވަނީ އީވާގެ ދަރިފުޅުގެ ފޮޓޯ ބޭނުން ކޮށްގެން އޭނާއަށް ބިރުދައްކައި، އަދި ފުރައްސާރަ ކޮށްފައެވެ.
އެ އެކައުންޓު ޓުވިޓާގައި ހަރަކާތްތެރިވާން ފެށުމާއެކު ކުރި ޓުވީޓެއްގައި އީވާ ވަނީ ޝަހްސު އޮޅުވާލައިގެން އޭނާގެ ދަރިފުޅަށް ފުރައްސާރަކުރުން ބަލައި ނުގެނެވޭ ކަމަށް ބުނެފައެވެ. އަދި އެ މައްސަލަ ފުލުހުން ސީރިއަސްކޮށް ބެލުމަށް އެދިވަޑައިގަތެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ވެސް ރޭ ފެންތިވިއެވެ. މުއިއްޒުއަށް މަރުގެ އިންޒާރު ދީ މެސެޖުތަކެއް ފޮނުވާފައިވަނީ ތައިލެންޑު ނަންބަރުކަން އޭނާގެ އަނބިކަނބަލުންގެ ފޯނަށެވެ. އެ މައްސަލަ ވެސް ފުލުހަށް ވަނީ ހުށަހަޅާފައެވެ.