02 Aug 2023, 13:36
އުރީދޫ މޯލްޑިވްސްގެ 18ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނީގެ ވެރިން މިއަދު މީޑިއާތަކަށް ޒިޔާރާތްކުރިއެވެ. އެ ޒިޔާރާތުގައި އެ ބޭފުޅުން ހަދިޔާއެއް ގެނައި އިރު، އެންމެން ވެސް ހީކުރީ އެއީ ކޭކެއް ކަމަށެވެ.
ނަމަވެސް، ކަންތައް ވީ އެއާ ޚިލާފަށް މުޅިން އިދިކޮޅަށެވެ. އުރީދޫން ހަދިޔާއަކަށް މި ފަހަރު ގެނައީ ކޭކެއްގެ ބަދަލުގައި 18 އެއްގެ ގޮތަށް އަޅާފައި އޮތް ބޯކިބަލެކެވެ.
މިކަމާ ހައިރާންވެ ސުވާލުކުރުމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒް ވިދާޅުވީ ކޭކުގެ ބަދަލުގައި ބޯކިބާ ހަދިޔާކުރަން ނިންމީ ސިއްހަތަށް ފައިދާ ހުރި އެއްޗެއް ހަދިޔާ ކުރުމުގެ ނިޔަތުގައި ކަމަށެވެ.
އުރީދޫން ހަދިޔާ ކުރި ބޯކިބާ
ހާއްސަ މުނާސަބަތު ތަކާ ގުޅުވައިގެން ކޭކު ފެޅުމަކީ ދިވެހިންގެ ވެސް ސަގާފަތެކެވެ. އެންމެ ތުއްތު ކުދިންގެ އުފަންދުވަސް ފާހަގަ ކުރުމުން ފެށިގެން ކައިވެނި ޕާޓީއެއް، ތަނެއްގެ އަހަރީ ދުވަހެއް ނުވަތަ ކާމިޔާބީއެއް ފާހަގަކުރި ނަމަވެސް ފަޅާ އުޅެނީ ކޭކެވެ. ނަމަވެސް ކޭކަކީ ސިއްހަތަށް ކިހާ ގެއްލުމެއް ހުރި އެއްޗެއް ކަމާ މެދު ވިސްނަނީ ކިތައް މީހުން ހެއްޔެވެ.
ކޭކަކީ އޭގައި ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް އަދި ފެޓްސް އެކުލެވޭ އެއްޗެކެވެ. އެހެންކަމުން އާދަކޮށް ކޭކު ކާން ފަށައިފި ނަމަ ބަރުދަން އިތުރުވުމުގެ ފުރުސަތު ބޮޑެވެ.
މީގެ އިތުރުން، ކޭކަކީ ގިނަ އަދަދަކަށް ހަކުރު ވެސް އެކުލެވޭ އެއްޗެކެވެ. އެހެންކަމުން ކޭކުގެ ސަބަބުން ލޭގައި އެކުލެވޭ ގުލްކޯޒް މަތިވެ ހަކުރު ބައްޔަށް މަގުފަހި ކުރުވައެވެ.
އެހެންކަމުން ކޮންމެ މުނާސަބަތަކާ ގުޅުވައިގެން ކޭކު ކެއުމަކީ ސިއްހަތަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ނުވެދާނެއެވެ. މިފަދަ މުނާސަބަތުތަކާ ގުޅުވައިގެން ބޯކިބާ ނޫނަސް ކޭކުގެ ބަދަލުގައި ފެޅޭނެ ސިއްހަތަށް ފައިދާ ހުރި އެއްޗިހި ހުރެއެވެ.
އެގޮތުން، ފުރުޓު ކޭކަކީ މިހާރު ސޯޝަލް މީޑިއާގައި ވެސް މަގްބޫލު ވަމުން އަންނަ އެއްޗެކެވެ. މިނޫނަސް، ބަނާނާ ބްރެޑާއި އޯޓްސް ކޭކު ފަދަ އެއްޗިއްސަކީ ކޭކުގެ ބަދަލުގައި ފެޅިދާނެ ސިއްހީ ގޮތުން ފައިދާ ހުރި އެއްޗިއްޗެވެ.
އުރީދޫން މިހާރު މިވަނީ ކޭކު ފެޅުމުގެ ސަގާފަތް ބަދަލުކޮށްފައެވެ. އެ ކުންފުނީގެ ބޭނުމަކީ މި މެސެޖު އެންމެނަށް ފޯރުކޮށްދީ ސިއްހީ ގޮތުން ފައިދާ ހުރި އާދަތަކާ ދިމާލަށް ދިވެހިން ގެންދިއުމެވެ.