02 Aug 2023, 11:30
އެމްޑީޕީގެ އެތެރޭ ކޯޅުން ފަޅައިގެން ދިޔަ ދުވަސްވަރު، މުޅި މަޖިލީހުގައި ސަރުކާރު "ގަދަ" ކޮށްލީ އޭނާއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މެޖޯރިޓީ ލީޑަރު އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަކީ މަޖިލީހުގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް މެންބަރެވެ.
އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، ރިޔާސީ ކެމްޕޭނަށް ހުއްޓުމެއް ނެތި ރަށްރަށަށް ވަޑައިގަންނަވާއިރު އަސްލަމެއް ނުފެނެއެވެ. ކެމްޕޭންގެ އެއްވެސް ކަމަކުން ނުފެނެއެވެ. ޓުވީޓެއް ވެސް ނުފެނެއެވެ. މުޅިން ގެއްލިއްޖެއެވެ.
ކޯލިޝަން ޕާޓުނަރުންނާ އެކު ރައީސް ޞާލިޙް ގެންދަވަނީ މިހާރު ވެސް ރަށްރަށަށް ވަޑައިގަންނަވަމުންނެވެ. އަދި، އެމްޑީޕީއާއި މުޅި ކޯލިޝަން ވެސް ގެންދަނީ ހުއްޓުމެއް ނެތި ކެމްޕޭން ކުރަމުންނެވެ. މިހާ ވަރަށް ކެމްޕޭން ކުރާ ވެސް ހަމަ އެކަނި ޕާޓީއެވެ. މަޑުމަޑުން ހުންނެވީ އަސްލަމެވެ.
ރަނިންމޭޓެއްގެ މައްސަލަ؟
ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވި ގޮތުގައި އަސްލަމާއި އެމްޑީޕީއާ ޖެހިފައިވަނީ ރަނިންމޭޓެއްގެ މައްސަލައެވެ.
މިދިޔަ ޖެނުއަރީ މަހު އެމްޑީޕީގެ ރިޔާސީ ޓިކެޓު ކަށަވަރު ކުރެއްވި ރައީސް ޞާލިޙަށް އަދިވެސް ރަނިންމޭޓެއް ކަނޑައެޅުއްވިފައެއް ނުވެއެވެ. އެ މަނިކުފާނު މީގެ ކުރިން ވިދާޅުވި ގޮތުގައި، އެ މަގާމަށް ޕާޓީ ތެރެއިން ވެސް ވަރަށް ގިނަ ނަންނަން ލިބިވަޑައިގަންނަވައެވެ. އެހެންވެ، ވަކި ބޭފުޅެއް ޚިޔާރު ކުރައްވަން އެ މަނިކުފާނަށް ވަނީ ވަރަށް ބޮޑަށް ދަތިފުޅުވެފައެވެ.
"އަޅުގަނޑު ސިކުނޑީގައި މިވަގުތި އިން އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން. ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ،" މިދިޔަ މަހު 17 ގައި ރައީސް ވިދާޅުވިއެވެ.
ރައީސް ހއ. އުލިގަމަށް ވަޑައިގަތް އެ ރަށު ރައްޔިތުންނާ އެކު -- ފޮޓޯ/ އެމްޑީޕީ
މުޅި އެކަށް ފެޅިފައި އަލުން އެކަތި ކުރަން ޖެހުނު އެމްޑީޕީގައި އަނެއްކާ ވެސް އެތެރޭ ވާދައެއް އެބައޮތެވެ. އެއީ، ރަނިންމޭޓުކަމަށް ޕާޓީގެ ތެރެއިން "ބޮޑެތި" ބައެއް ބޭފުޅުންގެ ޝައުގުވެރިކަން ވަރަށް ބޮޑެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން ބޭބޭފުޅުން ވިދާޅުވާ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އައްޑޫ މެންބަރު އަސްލަމް ވަނީ ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ. ދެ ބޭފުޅުން ކުރެ އެކަކު ވެސް ރަނިންމޭޓުކަމާ ގުޅޭ ސުވާލަށް ޖަވާބެއް ނުދެއްވައެވެ. ދޮގެއް ވެސް ނުކުރައްވައެވެ. ދެ ބޭފުޅުންނަކީ ވެސް މި ސަރުކާރާއި އެމްޑީޕީގައި އިންތިހާއަށް ނުފޫޒު ގަދަ، ދެ ބޭފުޅުންނެވެ. ސިޔާސީ ގޮތުން އިންތިހާއަށް "ވަރުގަދަ" ދެ ބޭފުޅުންނެވެ.
އެހެންވެ، ރައީސް ވިސްނުންފުޅު ގެންގުޅުއްވީ މުޅިން އެހެން މިސްރާބަކަށެވެ. މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމާ އެކު ކުރިއަށް ދާށެވެ.
އެ މަނިކުފާނުގެ ވިސްނުންފުޅަކަށްވީ، ޕާޓީގެ ބައިބައިވުން ކުޑަވާނެ ގޮތަކަށް ފައިސަލާ އެކު ކުރިއަށް ދާށެވެ. އެކަމަކު، މުޅިންހެން ނިންމުން ނިމިފައި އޮއްވައި އަނެއްކާ ވެސް "ފިއްތުންތަކެއް" ކުރިމަތިވީއެވެ. އެ ނިންމުމުން، ޕާޓީ ތެރޭ މަސްލަހަތު ގާއިމު ނުކުރެވޭނެކަން ސާފުވެވަޑައިގަތީ ކަންނޭނގެއެވެ.
އުނދަގޫ ވަނީ ކީއްވެ؟
ފައިސަލް އަކީ ފުވައްމުލަކު ބޭފުޅެކެވެ. އަސްލަމަކީ އައްޑޫ ބޭފުޅެކެވެ. އެއީ، އެމްޑީޕީގެ އެންމެ މުހިއްމު ދެ ވޯޓާސް ހަބެވެ.
އެންމެ ފަހުން، އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ފުވައްމުލައް ސިޓީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 9505 މީހުން އެބަތިއްބެވެ. އަދި، އައްޑޫ ހިތަދޫގައި އެކަނި ވެސް 12،405 މީހުންނަށް ވޯޓު ލެވެއެވެ. އައްޑޫގެ ހަ ރަށުން 25،973 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ.
ދެ އާބާދީ ވެސް މުހިއްމެވެ. އެކަމަކު، ހަމަ ގައިމު ވެސް އައްޑޫ މާ މުހިއްމެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްޑޫ މެންބަރު އަސްލަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އަސްލަމް ކޮންމެ ވެސް ވަރަކަށް ގުޑާފައި ހުއްޓައި، އަނެއްކައި ޑިމޮކްރެޓްސް މީހުން އައްޑުއަށް ގޮސްގެން އައްޑޫ ވެސް އޮތީ ވަރަށް ބޮޑަށް ގޯސްވެފައި. އެހެންވެ، ވަރަށް ބޮޑަށް ދަތިވެފައި މި ވަނީ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި ބޭފުޅަކު ވިދާޅުވިއެވެ.
އެހެންވެ، އެމްޑީޕީން އަސްލަމް ގެއްލުނީއެވެ. އޭނާގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ، "ވައުދުވެފައި އޮތް މަގާމެއް" ނުލިބިގެންނެވެ.
އެކަމަކު، ތަކުރާރުކޮށް ގުޅުމުން ވެސް އަސްލަމް ފޯނަށް ޖަވާބު ދެއްވައިފައެއް ނުވެއެވެ. އެހެންވެ، މި ކަމުގައި އަސްލަމްގެ ކޮމެންޓެއް މިހާތަނަށް ވަނީ ލިބޭ ގޮތް ނުވެފައެވެ.