ދިރާގު ދިވެހި ލީގުގައި ވެލެންސިއާ އަތުން 3-0 އިން ނިއު މޮޅުވި ނަމަވެސް ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ވެލެންސިއާގެ ކުޅުމަށް ތައުރީފް ކޮށްފި އެވެ.

"މެޗުގެ ކުޅުމަށް ބަލާއިރު 75 މޮޅަށް ކުޅުނީ ވެލެންސިއާ. އެމީހުންނަށް މޮޅެއް ހައްގު ދުވަހެއް މިއީ. އެތިބި (ތަޖުރިބާމަދު ޒުވާން) ކުޅުންތެރިންނާ އަޅާ ބަލާއިރު ވެލެންސިއާގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެއް. ގައުމީ ޓީމުގެ ވެސް އެކްސްޕީރިއަންސް ކުޅުންތެރިންތަކެއް ތިބުމާއެކު ނިއު މޮޅުވީ. އެކަމަކު ކުޅެގެނެއް ނޫން މޮޅުވީ،" މޯހަން ބުންޏެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ވެލެންސިއާގެ ތަޖުރިބާމަދު ޒުވާން ޓީމު ކޮޅަށް ނިއުގެ ފުރަތަމަ ލަނޑު ހަ ވަނަ މިނިޓްގައި ޖެހީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އޭގެ ފަހުން ވެލެންސިއާއިން ކުއިންސީ އޮސޭއީ ފޮބުވާލި ބޯޅަ ގޯލަށް ނުވަނީ ހުރަސް ދަނޑީގައި ޖެހިފަ އެވެ. އޭނާއަށް އިތުރު ދެ ފުރުސަތެއް ވެސް ލިބުނެވެ.

ފުރަތަމަ ހާފުގައި ނަތީޖާ ތަފާތު ކުރަން ނިއު އަށް ޕެނަލްޓީ އެއް ވެސް ލިބުނެވެ. އެކަމަކު އެފްއޭއެމުން ހޮވި މޮޅު ކުޅުންތެރިޔާ އިބްރާހީމް ފަޒީލް (އޮއްޕޮ) ދެ ފަހަރު ޖަހައިގެން ވެސް ގޯލަށް ބޯޅަ ވައްދާނުލެވުނެވެ. ފުރަތަމަ ޖެހުމުން ބޯޅަ ޖެހުނީ ގޯލު ދަނޑީގަ އެވެ. ދެ ވަނަ ފަހަރަށް އަލުން ޕެނަލްޓީ ޖެހުމުން ކީޕަރު އިބްރާހީމް އިފްރާހު އަރީފް ދިފާއު ކުރި އެވެ. އެކަމަކު ނިއުގެ ތިން ވަނަ ގޯލު ޖެހީ އޮއްޕޮ އެވެ. ދެ ވަނަ ގޯލު ހާފު ފަށައިގެން ޖެހީ ވެލެންސިއާގެ ފަހަތަށް ހެދުނު ގޯހަކުން ޑިފެންޑަރު އަހުމަދު އަބުދުﷲ (ލިލީ) އެވެ.

މެޗަށް ފަހު ވެލެންސިއާގެ ކޯޗު މުހައްމަދު އިގްބާލް ބުނީ ކުޅުން ރަނގަޅު ކަމަށާއި ވެލެންސިއާގެ ނަތިޖާތައް ކުރިއަށްހުރި މެޗުތަކުގައި ގޯސް ނުވާނެ ކަމަށެވެ.

"ނިއު އަކީ އެންމެ މޮޅު ޓީމު. އެމީހުން ގޯލު ޖަހާނެ. ދަގަނޑޭ މެންނަކީ ކޮންމެ ވަގުތެއްގައި ވެސް ގޯލު ޖަހާނެ މީހުން. އަނެއްހެން ވެލެންސިއާ ދެރައީކީ ނޫން. މިއަދު ނިއު އަށްވުރެ ރަނގަޅު ކުޅުން. އެހެންވީމަ ކުރިއަށް ހުރި މެޗުތައް ރަނގަޅު ކުރެވިދާނެ،" އިގްބާލް ބުންޏެވެ.

މިހާތަނަށް ތިން މެޗު ކުޅެގެން ވެލެންސިއާ އަށް ލިބިފައިވަނީ އޭވައިއެލް އަތުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓެވެ. ނިއު ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ޓޭބަލިގެ ކުރި ހޯދައިފަ އެވެ.