06 May 2012, 01:50
ދުނިޔޭގެ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ އިނގިރޭސި އެފްއޭކަޕް ލިވަޕޫލް 2-1 އިން ބަލިކޮށް ޗެލްސީ އުފުލާލައިފި އެވެ.
މިއީ މި ސީޒަނުގައި ޗެލްސީގެ ފުރަތަމަ ކާމިޔާބީގެ އިތުރުން ވަގުތީ ކޯޗު ރޮބާޓޯ ޑިމަޓިއޯގެ ފުރަތަމަ ކާމިޔާބުވެސްމެ އެވެ.
ރޭގެ މެޗުގައި ޗެލްސީގެ ލަނޑުތައް ޖެހީ ރަމިރޭޒް އައި ޑިޑިއޭ ޑޮރޮގްބާ އެވެ. ލިވަޕޫލަށް ގޯލު ޖަހައިދިނީ އެންޑީ ކެރޯލް އެވެ. އޭނާ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ނަތިޖާ ހަމަހަމަކޮށްފަ އެވެ. ނަމަވެސް އެއީ ގޯލެއް ނޫން ކަމަށް ރެފްރީ ނިންމީ ޗެލްސީގެ ކީޕަރު ޕީޓަ ޗެކް އަތުން ޖަހައި ބޯޅަ ނެރުނީ ގޯލު ރޮނގު ހުރަސްކުރުމުގެ ކުރިން ކަމަށް ބަލައިފަ އެވެ.
މި ކާމިޔާބީގެ ސަބަބުން އަންނަ ސީޒަން ފެށުމުގެ ކުރިން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި އެއްކޮޅުން ކުޅޭނެ ޓީމަކަށް ވަނީ ޗެލްސީ ހޮވިފަ އެވެ. އަނެއް ކޮޅުން ކުޅޭނީ ޕްރެމިއާ ލީގުގެ ޗެމްޕިއަނުންނެވެ. އެބަޔަކަށްވާނީ މެންޗެސްޓާގެ ދެ ޓީމު ކަމަށްވާ ސިޓީ އާއި ޔުނައިޓެޑް ކުރެ ކޮންމެވެސް ޓީމެކެވެ.
އެފްއޭކަޕް ހޯދި ނަމަވެސް ލީގުގެ ގަދަ ހަތަރަކަށް ނުހޮވޭނެ ކަމުގެ ބިރު ހީވެފައި އޮތުމުން އަނަން ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް ޗެލްސީ އަށް އޮތަ ހަމައެކަނި ގޮތަކީ މުބާރާތުގެ ފައިނަލްގައި ޖަރުމަނުގެ ބަޔާން މިއުނިކް ބަލިކުރުމެވެ. އެހެން ނޫނީ ލިވަޕޫލާއެކު ޗެލްސީ ވެސް ޗެމްޕިއަންސް ލީގުން ކަޓާނެ އެވެ.
އިނގިރޭސި ވިލާތުގައި ކުޅޭ މުބާރާތްތަކުގެ ތެރެއިން މި އަހަރުގެ ކާލިން ކަޕް ހޯދީ ލިވަޕޫލެވެ. އެފްއޭކަޕް ޗެލްސީ އަށް ލިބުމުން ޕްރެމިއާ ލީގު ނުލިބިއްޖެނަމަ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަށް ވެސް ސީޒަން ނިންމާލަން ޖެހޭނީ ހުސް އަތާ އެވެ.