01 Aug 2023, 21:25
ފުވައްމުލައް އިޙްތިސާސް ތެރޭގައި ހިމެނޭ ކަނޑުގެ ސަރަޙައްދުތައް ފަތުރުވެރިކަމުގެ ބޭނުމަށް މެނޭޖު ކުރުމާ ބެހޭ ގަވާއިދު އަލުން މުރާޖައާ ކުރުމަށް، އެ ގަވާއިދަށް އަމަލު ކުރުން ފަސްކޮށްފިއެވެ.
މި ގަވާއިދު އެކުލަވާލާފައި ވަނީ ފުވައްމުލަކުގައި ފީނާއިރު އަމަލު ކުރަން ޖެހޭ ގޮތް ކަނޑައެޅުމުގެ މަގްސަދުގައެވެ. އެގޮތުން ޑައިވަރުންގެ އަތުން ފީއެއް ނެގުމަށާއި، އެ ސިޓީ ކައުންސިލުން ޝެޑިއުލް ކޮންޓްރޯލް ކުރުމަށް ގަވާއިދުގައި ހިމަނާފައިވެއެވެ.
އެ ގަވާއިދު އެކުލަވާލުމަށް ފަހު މިހާރު ގެޒެޓުގައި އާންމު ވެސް ކޮށްފައި ވާއިރު، އެ ގަވާއިދަށް އަމަލު ކުރަން ފަށަން ހަމަޖެހިފައި އޮތީ މިއަދެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ ސެކްރެޓްރީ ޖެނެރަލް އަސްލަމް ރަޝީދު "ސަން"އަށް ވިދާޅުވީ ގަވާއިދަށް އަމަލުކުރުން ފަސް ކުރީ ޑައިވިން ސްކޫލުތަކުން ހިތްހަމަ ނުޖެހޭ ބައެއް ކަންކަން އެ ގަވާއިދުގައި ހުރުމުން ކަމަށާއި، ގަވާއިދަށް ގެންނަން ޖެހޭ ބަދަލު ތަކާ ގުޅޭ ގޮތުން އެ ފަރާތްތަކާ އެކު މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ގަވާއިދު އެކުލަވާލީ ވެސް އެ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް ފަހު، އެކަމަކު އަދިވެސް އޭގައި އެ ބޭފުޅުން ހިތް ހަމަ ނުޖެހޭ ބައެއް ކަންކަން ހުރުމުން އިތުރަށް މަޝްވަރާ ކުރަން އަޅުގަނޑުމެން ނިންމާފަ ވާނީ." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ޑައިވިން ސްކޫލުތަކުގެ މައިގަނޑު ކަންބޮޑުވުން އޮތީ ފީ ސްޓްރަކްޗާ އާ މެދުއެވެ.
ފީ ސްޓްރަކްޗާ އާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ޑައިވަރުން ވަނީ މިދިޔަ ހަފުތާ ތެރޭގައި ސިޓީ ކައުންސިލް އިދާރާގައި އިހުތިޖާޖު ވެސް ކޮށްފައެވެ. އެ ފަރާތްތަކުން ބުނި ގޮތުގައި ފުވައްމުލަކު ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ގަވާއިދަކީ ލާރި ހޯދުމުގެ މަގްސަދުގައި އެކުލަވާލާފައިވާ ގަވާއިދެކެވެ.