ދިވެހިންގެ މަޤްބޫލުކަން ލިބިފައިވާ "ވަނާޖުބޭސާ" މިހާރު ބައިސްކޯފުން ބަލާލެވޭނެއެވެ.

މަޝްހޫރު ކޮމީޑިއަނުން ކަމަށްވާ ނާޒިރު ޝިހާމް (ކާއްޓޭ) އާއި ހުސައިން ޝާދު (މަޓޭ)ގެ އެކްޓިން ފެންނަ "ވަނާޖެބޭސާ" އަކީ އޮލިމްޕަހުގައި އެޅުވީއިރު ގިނަ އަދަދެއްގެ ދިވެހީންނަށް ކަމުދިޔަ ކޮމެޑީ ފިލްމެކެވެ.

މި ފިލްމަކީ ޕްރޮޑަކްޝަން ދާއިރާގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހުރި، ވިޝާލް ޒަކީ (ވިއްޓެ)ގެ އުފެއްދުމެކެވެ.

ސޯޝަލްމީޑިއާގައި މީހުން ހެއްވާލާ ފަދަ ވީޑިއޯތައް ކުޅެމުން އަންނަ ކާއްޓޭ އާއި މަޓޭގެ ނަން ބުނުމުން އެއީ ކޮން ބައެއްކަން ނޭނގޭ އެއްވެސް މީހަކު ނުހުންނާނެއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ކާއްޓޭ އާއި މަޓޭގެ ވީޑިއޯތައް ފެންނަނީ އަބަދު ވެސް ވަރަށް ކުރުކޮށްނެވެ.

އެކަމަކު، އެ ތިން މިނެޓުގެ ވީޑިއޯތައް ދިގުވެ، 1 ގަޑިއިރާއި 45 މިނެޓުގެ ފިލްމެއް އެޅުވުމާ އެކު ބެލުންތެރިންގެ މެދުގައި އެ ފިލްމް ވަނީ ވަރަށް މަގުބޫލުވެފައެވެ.

'ސަން' އާ ވާހަކަދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު ވިޝާލް ޒަކީ ބުނީ، ބައިސްކޯފުން މިހާރު ވަނާޖުބޭސާ ހުރިހާ އެންމެންނަށް ވެސް ބަލައިލެވޭނެ ކަމަށާއި އެކަމާ ވަރަށް އުފާކުރާ ކަމަށެވެ. އަދި، ބައިސްކޯފުގެ މިވަގުތު އެއްވަނައިގައި އޮތީ ވެސް ވަނާޖުބޭސާ ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

އާންމުންގެ ފަރާތުން ވަނާޖުބޭސާއަށް ވަރަށް ބޮޑު ތަރުހީބެއް ލިބުން އެއީ ވަރަށް އުފާވާ ކަމެއް. ދެން މި އަހަރު ތެރޭ އެ ފިލުމުގެ ދެވަނަ ބައި ނެރުމުގެ މަސައްކަތް ފަށާނަން.ވިޝާލް ޒަކީ (ވިއްޓެ)

'ސަން' އާ ވާހަކަދައްކަމުން ކާއްޓޭ ބުނީ، ވަނާޖުބޭސާއަކީ ފުރަތަމަ ނެރުނުއިރު ވަރަށް ލިމިޓްކޮށްގެން އެޅުވި ފިލްމެއް ކަމަށެވެ. އެހެންނަމަވެސް އެންމެ އުފާކުރާ ކަމަކީ މިހާރު ގިނަ ބަޔަކަށް ބައިސްކޯފު މެދުވެރިކޮށް ފިލްމް ބަލާލެވުން ކަމަށް ކާއްޓޭ ބުންޏެވެ.

View this post on Instagram

A post shared by Baiskoafu (@baiskoafu)

އެކްސްޕެރިމެންޓެއް ގޮތަށް އެންމެ ފުރަތަމަ މަސައްކަތް ކޮށްގެން ނެރުނު ވަނާޖުބޭސާގެ މަގްސަދަކީ ބެލުންތެރިންނަށް އެ ކަމުދިޔަތޯ ނުވަތަ އެއް ގަޑިއިރަށް ވުރެ ދިގު ފިލްމެއް ނެރެވިދާނެތޯ ބެލުން ކަމަށް ކާއްޓޭ ބުންޏެވެ. އެއާ އެކު އެ ފިލްމަށް އާންމުންގެ ފަރާތުން ލިބިގެންދިޔަ ތަރުހީބާ އެކު އެއީ ކާމިޔާބީއެއްގެ ގޮތުގައި ކާއްޓޭ ވަނީ ސިފަކޮށްފައެވެ.

މިހާރު ދެވަނަ ބައިގެ މަސައްކަތް ފެށުމުގެ ގޮތުން ތަމްރީނުތައް ވަމުން މިދަނީ. ގެރެންޓީ އެބައޮތް ދެން ބޮޑު ފިލްމެއް ހެދޭނެ ކަމަށް.ވިޝާލް ޒަކީ (ވިއްޓެ)

ކާއްޓޭ ބުނީ ކުރިއަށް އޮތީ އެކްޝަން ކޮމިޑީގެ ދެވަނަ ބައި ކަމަށާއި އެ ފިލްމްގެ މަސައްކަތް ކުރުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

ޕާޓިކަލްސް ސްޓޫޑިއޯ އާއި ވާންޗޯ އެންޓަޓެއިންމަންޓާ ގުޅިގެން އުފައްދައިފައިވާ މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް އުފެއްދި ކޮމެޑީ އެންމެ މޮޅު އެއް ފިލްމެވެ.