މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ ހަޔާތް ނިމޭނެ ކަމަށް ވިދާޅުވެ ފަތުރަމުން ދަނީ ދޮގު ވާހަކައެއް ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

ވަޓްސްއެޕް ގްރޫޕަކަށް ރައީސް ނަޝީދު އެހެން ވިދާޅުވެ، ފޮނުވާފައިވާ ސްކްރީންޝޮޓެއް ސޯޝަލްމީޑިއާގައި ދައުރުވުމާއި ގުޅިގެން އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ އެކަން ދޮގުކުރައްވައިފައެވެ.

އެފަދަ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށާއި ރައީސް ޞާލިޙަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. އަދި, އެމަނިކުފާނުގެ ސިޔާސީ ހަޔާތް ބިނާ ކުރަނީ ރައީސް ޞާލިޙާއި ގުޅިގެން ނޫން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ދައުރުވަމުންދާ މެސެޖުގައި ނަޝީދު ވަނީ، އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެ އެންމެންގެ ތާއީދު ބޭނުންވާކަމަށް ވިދާޅުވެފައެވެ.

"ބައިބައިވީމަ އަޅުގަނޑަށް ފެންނަނީ މާ ފަސޭހަކޮށް ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ނަގާތަން. ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކާމިޔާބުކުރާ ދުވަސް ވެގެންދާނީ އަޅުގަނޑުގެ ސިޔާސީ މަސައްކަތުގެ ފަހު ދުވަހަށް" ދައުރުވާ މެސެޖުގައި ވެއެވެ.

އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައި ހުންނެވުމަށް ފަހު ރައީސް ނަޝީދު ވަނީ ޖޫން މަހުގެ 21 ވަނަ ދުވަހު އަލަށް އުފެއްދި ޕާޓީ 'ދަ ޑިމޮކްރެޓްސް' އަށް ސޮއިކުރައްވައިފައެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ އެމްޑީޕީގައި ނަޝީދު ހިންގެވި "ފިކުރެއްގެ ދިރުން" ގޮތްޕަށް އޭރު ތާއީދު ކުރެއްވި މެންބަރުންނެވެ. އެ ޕާޓީ އުފެއްދުމަށްޓަކައި ނަޝީދަށް ތާއިދު ކުރައްވާ ގިނަ މެންބަރުންތަކެއް މެއި މަހު އެއް ފަހަރާ އެމްޑީޕީން ވަކިވިއެވެ.

ނަމަވެސް އެމްޑީޕީގެ ކޮންޓްރޯލް ހޯއްދަވާނެ ކަމަށް ވިދާޅުވެ ނަޝީދު އެ ޕާޓީގައި މަޑުކުރެއްވިއެވެ. އެއަށް ފަހު ނަޝީދު ވަނީ އެ ޕާޓީގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ޕާޓީން ވަކިވެވަޑައިގެންފައެވެ.