މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ކާމިޔާބުކުރައްވައިފިނަމަ، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ހަޔާތް ނިމޭނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި "ދަ ޑިމޮކްރެޓްސް" ޕާޓީގެ މެންބަރުން ތިއްބަވާ ގުރޫޕަކަށް ކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވަނީ އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެ އެންމެންގެ ތާއީދު ބޭނުންވާކަމަށް ވިދާޅުވެފައެވެ.

"ބައިބައިވީމަ އަޅުގަނޑަށް ފެންނަނީ މާ ފަސޭހަކޮށް ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ނަގާތަން. ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކާމިޔާބުކުރާ ދުވަސް ވެގެންދާނީ އަޅުގަނޑުގެ ސިޔާސީ މަސައްކަތުގެ ފަހު ދުވަހަށް" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އެކަމާ ޑިމޮކްރެޓްސްގެ މެންބަރުން ވިސްނުމަށް އިލްތިމާސް ކުރައްވާފައެވެ.

އެކަމަކު، ނަޝީދުގެ ވާހަކަފުޅު މީޑިއާތަކުން ރިޕޯޓު ކުރިތާ އެތައް ގަޑިއިރެއް ފަހުން އެ މަނިކުފާނު ވަނީ އެކަން ދޮގު ކުރައްވައިފައެވެ. އަދި، އެ ފަދައިން ވިދާޅުވެފައިނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ފަހު، އެ ޕާޓީއިން ރައީސް ނަޝީދަށް ތާއީދުކުރާ މެންބަރުން ނުކުތީ އެމްޑީޕީގެ އަސާސްތަކާ އެއްގޮތަށް ޕާޓީ ނުހިނގާކަމަށް ބުނެއެވެ. އޭގެ ފަހުން ޕާޓީ ރެޖިސްޓްރީ ކުރުމަށް ފަހު، ފެންނަ ނުފެންނަ އިންތިހާބަކުން ރިޔާސީ ޓިކެޓު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ވަނީ ހަވާލުކޮށްފައެވެ.

އެ ޕާޓީގެ ރިޔާސީ ކެމްޕޭނުގެ ގިނަ ހަރަކާތްތަކެއް މިހާރު ކުރިއަށް އެބަދެެއެވެ.