ބޭންކް އޮފް މޯލްޑިވްސްއިން ގެދޮރު ގަތުމަށާއި، ފައިނޭންސް ކުރުމަށް ނަގާ ލޯނާއި އިސްލާމިކް ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފިއެވެ.

އެ ބޭންކުން މިއަދުން ފެށިގެން ވަނީ ލޯންތައް އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދަންމާލާފައެވެ. އަދި, އަނބުރާ ދައްކަން ފެށުމުގެ ކުރިން ލިބޭ ގްރޭސް ޕީރިއަޑްގެ މުއްދަތު 24 މަހަށް އިތުރުކޮށްދީފައެވެ.

މީގެ ކުރިން އެ ލޯންތައް އަނބުރާ ދައްކަން ލިބެނީ 20 އަހަރެވެ. އަދި, ގްރޭސް ޕީރިއަޑްގެ ގޮތުގައި ލިބެނީ 18 މަސްދުވަހެވެ.

އެ ކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ މި ބަދަލަކީ ގެދޮރު ގަންނަ މީހުންނަށް އެ ބޭންކު މެދުވެރިކޮށް ދޭ ޚިދުމަތްތައް އިތުރަށް ފަސޭހަވާނެ ކަމެއް ކަމަށެވެ.

"2021ވަނަ އަހަރު އަޅުގަނޑުމެން ހޯމް ލޯނާއި، ފައިނޭންސިން ދޭ ރޭޓުތައް ނުވަ އިންސައްތައަށް ކުޑަކުރިން. މިއަދާ ހަމައަށް ވެސް އެއީ ރާއްޖޭގެ އެންމެ ދަށް ރޭޓުތައް" އޭނާ ވިދާޅުވިއެވެ.

ބީއެމްލްގެ ހޯމް ޕާޗޭސިން ލޯން އަދި އިސްލާމިކް ވިންޑޯގެ ހޯމް ޕާޗޭސިން ފައިނޭންސިން ދެނީ 20 ޕަސެންޓުގެ އިކުއިޓީއަކާއި، 9 ޕަސެންޓުގެ ރޭޓެއްގައެވެ. އަލަށް ގެއެއް ގަންނަ މީހުންނަށާއި، އިތުރު ތަނެއް ގަންނަން ބޭނުންވާ ގެދޮރުވެރީންނަށް ވެސް އެ ޚިދުމަތް ބޭންކުން ދެއެވެ.