އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި މިއަހަރު ރާއްޖެއިން ބައިވެރިވާ މޯލްޑިވްސް ޓައިކޮންޑޯގެ މާޝަލް އާޓްސްގެ ބައިވެރިންގެ ޕްރެކްޓިސްތައް ފަށައިފިއެވެ.

މި މަހުގެ 23 ވަނަ ދުވަހުން ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އައިއޯއައިޖީ ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ފަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މަޑަގަސްކަރައިގައެވެ.

ނެޝަނަލް މާޝަލް އާޓްސް ސެންޓަރުގައި ޕްރެކްޓިސް ކުރަމުންދާ ބައިވެރިންގެ ތެރެއިން މޯލްޑިވްސް ޓައިކޮންޑޯގެ މާޝަލް އާޓްސްގެ ފަރާތުން އައިއޯއައިޖީގައި ބައިވެރިވަނީ ޖުމްލަ ފަސް ބައިވެރިންނެވެ. މި ބައިވެރިންނަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި މާޝަލް އާޓްސް މުބާރާތްތަކުން އެއްވަނަ ހާސިލްކޮށްފައިވާ ބައިވެރިން ކަމަށް މޯލްޑިވްސް ޓައިކޮންޑޯގެ މާޝަލް އާޓްސް އިން މައުލޫމާތު ދެއެވެ.

މި އަހަރުގެ އައިއޯއައިޖީގައި ބައިވެރިވެވޭނީ އުމުރުން 17 އަހަރުން މަތީގެ ބައިވެރިންނަށެވެ.

އައިއޯއައިޖީއަށް މިއަހަރު ރާއްޖެއިން ދާ މޯލްޑިވްސް ޓައިކޮންޑޯގެ މާޝަލް އާޓްސްގެ ބައިވެރިންގެ ޕްރެކްޓިސްތައް ފެށުން ---

އެ ބައިވެރިންނާ ވާހަކަދައްކާލުމުން ކޮންމެ ބައިވެރިއަކުވެސް ބުނެފައިވަނީ ބޭނުންވަނީ ރާއްޖެ ފަޚުރުވެރިވާ ކާމިޔާބީއެއް ހާސިލުކުރަން ކަމަށެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގެ ގިނަ މުބާރާތްތަކެއްގައި ބައިވެރިވަމުން އަންނަ މި ބައިވެރިންނަކީ މާޝަލް އާޓްސްގެ ދާއިރާއިން ފުރިހަމަ ތަމްރީންތައް ލިބިފައިވާ ބައިވެރިންނެވެ.

މާޝަލް އާޓްސްގެ ދާއިރާއިން ޒުވާނުންނަށް ފުރުސަތުތައް ހޯދައިދެއްވުމަށް ހުޅުމާލޭގައި ވަނީ ނޭޝަނަލް މާޝަލް އާޓްސް ސެންޓަރެއް ގާއިމުކުރެވިފައެވެ. މި ސެންޓަރަކީ ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި 2020 ޑިސެންބަރު ހަ ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ހުޅުއްވައިދެއްވި ސެންޓަރެކެވެ.

ނޭޝަނަލް މާޝަލް އާޓްސް ސެންޓަރު ހުޅުވާފައިވަނީ ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި 2020 ޑިސެންބަރު 6 ވަނަ ދުވަހު ---

މި ސެންޓަރުގައި މާޝަލް އާޓްގެ ފަރިތަކުރުންތަކާއި، އެކި އުމުރު ފުރާގެ ކުދިންނަށް މާޝަލް އާޓްގެ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް މިހާރުވެސް ކުރިއަށް ގެންދެއެވެ. އަދި މި ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުން މާޝަލް އާޓްސްގެ ހުނަރު ދަސްކޮށްދޭ ހުރިހާ ޖަމިއްޔާތަކަށް ވަކި ޝެޑިއުލެއްގެ ދަށުން ދޫކުރަމުން ގެންދެއެވެ.

އެގޮތުން މޯލްޑިވްސް ޑައިކޮންޑޯގެ މާލޭގެ ޕްރެކްޓިސްތައް ވެސް ގެންދަނީ މި ސެންޓަރުގައެވެ. މޯލްޑިވްސް ޑައިކޮންޑޯގެ ފަރާތުން މިހާރުވެސް އެކި އުމުރު ފުރާގެ 500 އަށްވުރެ ގިނަ ކުދިން ބޭރުގެ ކޯޗުންގެ އިރުޝާދާއެކު ދަނީ ތަމްރީން ކުރަމުންނެވެ. އެގޮތުން އައްޑޫ ސިޓީ ފޭދޫ އާއި ހިތަދޫގައި ވެސް މި ޖަމިއްޔާގެ ފަރާތުން ގެންދަނީ މާޝަލް އާޓްސް ކުލާސްތައް ހިންގަމުންނެވެ.