06 May 2012, 00:17
ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ ފައިސާއަށް ވިކިގެން ނޫން ކަމަށާއި އެފަދަ ބަޔަކު އެމްޑީޕީގައި އުޅުނީތީ ހިތާމަ ކުރައްވާ ކަމަށް އެމްޑީޕީ ދޫކުރައްވާ ޕީޕީއެމްއަށް މިރޭ ސޮއިކުރެއްވި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑަކީ ފައިސާއަށް އަޅުކަން ކުރާ މީހެއް ނޫން" އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކުގައި މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަފުޅު ދައްކަވަމުން އެމްޑީޕީ ދޫކުރައްވަންޖެހުނު ސަބަބުތަކާ ބެހޭ ގޮތުން ޝިފާގު ވިދާޅުވީ ނޮވެންބަރު 11، 2009ގައި ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ސިޔާސީ ގޮތުން އައްޔަން ކުރެވުނު ފަރާތްތަކުން ރައްޔިތުންނައް ގޮންޖަހައި، ރައްޔިތުންނަށް ބަދުބަސް ބުނެފައިވާ ކަމަށެވެ. ނަތީއްޖާއަކަށް ވެގެންދިޔައީ ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލަން ފެށުން ކަމަށާއި 23 ޑިސެންބަރު މުޒާހަރާ އަކީ އޭގެ ފެށުން ކަމަށެވެ. އަދި އެއީ ރައީސް ނަޝީދުގެ ވެރިކަން ނިމުގެ އަސްލު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
~
"ތިމަތިމާމެންގެ ވެރިކަމޭ މިއޮތީ، ތިމަންނަމެން ހިތަށް އެރިގޮތަކަށޭ ކަން ކުރާނީ، އެއީ އަޅުގަނޑުގެ ޕާޓީ [އެމްޑީޕީ]ގެ މެންބަރުން ބުންނަންފެށި ބުނުން. ތިމަތިމާމެންގެ ހިތަށް އެރި މީހަކަށް ނޫނީ ވަޒީފާއެއް ނުދޭނަމޭ ބުނަން ފެށި ބުނުން. ތިމަތިމާމެންގެ ޕާޓީއަށް ނުވަންނަ މީހަކަށް މިރާއްޖޭގައި ފުރުސަތެއް ނެތޭ ބުނަން ފެށި ބުނުން. ފުލެޓްތަކާއި އެހެން އެއްޗެއްސާއި މިއެއްޗެހި ލިބޭނީ ތިމަތިމާމެންގެ ޕާޓީގެ މެންބަރުންނަށް ލިބިފައޭ ބުނަންފެށި ފެށުން. ނަތީއްޖާއަކަށް ވެގެންދިޔައީ މުޅި ޖުމްލަ ރައްޔިތުން އަޅުގަނޑުމެންނާ ދޭތެރޭގައި ހިންހަމަނުޖެހުން އުފެދިގެންދިއުން،" އެމްޑީޕީއަށް މީހުންގެ ނަފުރަތު ކުރަން ފެށި ސަބުބުތައް ބަޔާންކޮށްދެއްވަމުން ހިސްޓޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި ނުކުމެ ފުވައްމުލަކު މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް އެ ދާއިރާގެ ރައްޔިތުންނަށް ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށާއި އެ ވައުދުތަކުގެ ތެރެއިން މަދު ކަމެއް ވެސް ކޮންދެއްވުނީ އެތައް "އާދޭހެއް" އެމްޑީޕީގެ ސަރުކާރުގައިކޮށްގެން ކަމަށެވެ. އަދި މިއަދާހަމައަށް ވެސް އެ ވައުދުތައް ރައްޔިތުންނަށް ފުއްދާދެވިފައި ނުވާ ކަމަށެވެ. އަދި ޕީޕީއެމާ ގުޅިވަޑައިގެންނެވީ އެ ވައުދުތައް ފުއްދުމަށް ކަމަށް ދޭހަވާ ގޮތަށް ވެސް ހިސްޓޯ ވާހަކަފުޅު ދެއްކެވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއަށް ފާޑުކިޔަން ފެށީ ވެރިކަން ބަދަލުވުމަށްފަހުގައި ނޫން ކަމަށާއި އެމްޑީޕީގެ ސަރުކާރަށް ފާޑު ކިޔަންފެށީ މީގެ ދެ އަހަރު ކުރިން ރައްޔިތުންގެ މަޖިލީހުގައި ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ ސިއްހީ ދާއިރާ ފެއިލްވަމުން ދިއުމުން އޭރުގެ ހެލްތު މިނިސްޓަރު އައިމިނަތު ޖަމީލުގެ އިސްތިއުފާއަށް މަޖިލީހުގެ ތެރޭގައި ގޮވައިލެއްވެވި ކަމަށެވެ.
އެމްޑީޕީގައި ހުންނެވިއިރު، "އެހެން ޕާޓީއަކަށް ބަދަލުވާނީ އަޅުގަނޑުގެ ހަތަރު އަހަރުގައި މަރުވި ބައްޕަ އަޅުގަނޑުގެ ގާތުގައިބުނީމައޭ،" ވިދާޅުވެ ކުރެއްވި ވައުދަށް އިޝާރާތް ކުރައްވާ ހިސްޓޯ ވިދާޅުވީ އެފަދަ މޭރުމުން ވާހަކަފުޅު ދެއްކެވީ މަޖާޒީގޮތުން ކަމަށެވެ.
"އެއީ ދާދި މިތާކައްދުވަހު ރައީސް ނަޝީދުވި ވިދާޅުވި ކަހަލަ ވާހަކައެއް. 'އައިވިލް ގޯ ޓު ހެލް'އޭ ވިދާޅުވެ އެއްޗެއް ވިދާޅުވި. އެހެންނަމަވެސް އެ ވިދާޅުވީ ނަރަކަޔަށް ގޮސް ޑިމޮކްރަސީ ހިފައިގެންއަންނަ ވާހަކައެއް ނޫން އެވިދާޅުވީ،"
ޕީޕީއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީ ން އާއި ޕީޕީއެމްގެ ޕާލަމެންޓް މެންބަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ހިސްޓޯ ވިދާޅުވީ އެމްޑީޕީގައި ހުންނެވިއިރު ވެސް ހިދުމަތްކޮށް ދެއްވޫ ފުވައްމުލަކު ރައްޔިތުންނަށް ކަމަށާއި ޕީޕީއެމްއަށް ބަދަލުވުމަށްފަހުގައި ވެސް ހިދުމަތް ކުރައްވާނީ ފުވައްމުލަކު ރައްޔިތުންނަށް ކަމަށެވެ.
ހިސްޓޯ މިރޭ ޕީޕީއެމްއަށް ސޮއިކުރެއްވި އިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރަކަށް ހުންނައިގެން ވަހީދުގެ ސަރުކާރުގެ ނައިބު ރައީސްއާއި 14 ވަޒީރުންނަށް ރުހުންދެއްވި މައްސަލާގައި ވާހަކަފުޅު ދައްކަވަމުން ސަންއަށް ދެއްވި އިންޓަވިއެއްގައި ހިސްޓޯ ވިދާޅުވެފައި ވަނީ އޭނާ އެހެން ޕާޓީއަކަށް ގުޅިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އެމްޑީޕީއާއި ދެކޮޅަށް އަމަލު ކުރަމުންދަނީ، އަދި އެމްޑީޕީ އެތެރޭގެ ހިންގުމާ ދެކޮޅަށް އަޑު އުފުލަމުންދަނީ އެ ޕާޓީ އިސްލާހު ކުރުމަށް ކަމަށެވެ. އަދި އެއީ އިތުރު ކަމެއް ބޭނުންވެގެން ނުވަތަ އެހެން ޕާޓީއަކަށް ދިއުމަށް ދައްކާ އުޒުރެއް ނޫން ކަމަށް ހިސްޓޯ އެ ދުވަހު ވިދާޅުވި އެވެ.