ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންގެ ތެރެއިން މާލީ ފުދުންތެރިކަން ނެތް މީހުންނަށް ގަނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ފަށައިފިއެވެ.

ފެމެލީ ޕްރޮޓެކަޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހިދުމަތް މިއަދުން ފެށިގެން ލިބޭނެ ކަމަށެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ފުދުންތެރިކަން ނެތް މީހުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދެފިނަމަ އެފަދަ މީހުންނަށް ގާނޫނުގައިވާ ގޮތުގެ މަތީން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓިން ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެ އޮތޯރިޓީން އިތުރަށް ބުނެފައިވަނީ ގެވެށި އަނިޔާ ލިބިފައިވާ މީހުންނަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގިނަ އަސަރުތަކެއް ކޮށްފައިވާ ބަޔަކަށް ވީއިރު އެންމެ އެދެވޭ ގޮތުގައި އެފަދަ މީހުންނަށް އިންސާފު ހޯދައިދިނުމުގައި ލިބެންޖެހޭ ގާނޫނީ ލަފަ އާއި އެހީތެރިކަން ލިބިދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފެމެލީ ޕްރޮޓެކްޝަން އޮޓޯރިޓީން ފޯރުކޮށްދޭނީ "ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން މާލީ ފުދުންތެރިކަން ނެތް މީހުންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގަވާއިދު"ގައި ވާ ގޮތުގެ މަތިންނެވެ. ގާނޫނި ލަފާ ބޭނުންފުޅުވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ހާއްސަކުރެވިފައިވާ ފޯމު ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން އަދި އެ އޮތޯރިޓީގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެއެވެ.