01 Aug 2023, 11:02
ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ހޯދުމުގެ މަސައްކަތް ޗެލްސީން ވެސް ފަށާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައުމަށް އެންމެ އަހަރަކަށް ވެފައިވުމުން، އެ ކްލަބުން އޭނާގެ ކޮންޓްރެކްޓް އާކުރުމަށް ހުށަހެޅި ނަމަވެސް، އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އެމްބާޕޭ ބޭނުންވަނީ ކުރިއަށްއޮތް ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއް ދަށުން ރެއާލް މެޑްރިޑާ ގުޅުމަށެވެ. އެކަމާ ގުޅިގެން ޕީއެސްޖީން މިހާރު މަސައްކަތްކުރަނީ އެ ކްލަބަށް ފައިދާވާނެ ގޮތަށް އެމްބާޕޭ ވިއްކާލުމަށެވެ.
ޕީއެސްޖީން އެމްބާޕޭ ވިއްކުމުގެ ވިސްނުން ގެންގުޅޭތީ، ކްލަބުތަކުން ދަނީ އޭނާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ. ލިވަޕޫލުން ލޯނުގެ ދަށުން އެމްބާޕޭ ހޯދުމުގެ މަސައްކަތްކުރަމުންދާ އިރު، މިހާރު ޗެލްސީން ވެސް އެމްބާޕޭ ހޯދުމުގެ ރޭހުގައި ބައިވެރިވާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޗެލްސީން ދަނީ އެމްބާޕޭގެ ޓްރާންސްފާ ކާމިޔާބުވާނެ ފަދަ ހުށަހެޅުމަކަށް ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު ޗެލްސީން ނިންމާފައިވަނީ ޕީއެސްޖީއަށް ބަދަލުގައި ކުޅުންތެރިއެއްގެ އިތުރުން ފައިސާގެ އަގެއް ހުށަހެޅުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފާއިތުވެދިޔަ ދެ ޓްރާންސްފާ މުއްދަތުގެ ތެރޭގައި 500 މިލިއަން ޕައުންޑް ހަރަދުކުރި ޗެލްސީން މިފަހަރުގެ ޓްރާންސްފާ މުއްދަތުގައި ބޮޑަށް މަސައްކަތްކުރަމުންދަނީ އެ ކްލަބުގެ ކުޅުންތެރިންތަކެއް ދޫކޮށްލުމަށެވެ. އެގޮތުން މިހާތަނަށް އެ ކްލަބު ދޫކޮށްލި މުހިންމު ކުޅުންތެރިންގެ ތެރޭގައި 79 މިލިއަން ޑޮލަރުގެ އަގަކަށް އާސެނަލާ ގުޅުނު ޖަރުމަން މިޑްފީލްޑަރު ކައި ހަވާޓްޒް އާއި 72 މިލިއަން ޑޮލަރުގެ އަގަކަށް މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓް ފާހަގަކޮށްލެވެއެވެ.
އުމުރުން 24 އަހަރުގެ އެމްބާޕޭ ހޯދުމަށް މިހާތަނަށް އެންމެ ބޮޑު އަގެއް ހުށަހަޅާފައިވަނީ ސައުދީ އަރަބިއާގެ އަލް ހިލާލުންނެވެ. ހަލް ހިލާލުން އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން އޭނާ ގެންދަން ހުށަހަޅާފައިވަނީ ދުނިޔޭގެ ރެކޯޑު އަގެއް ކަމަށްވާ 259 މިލިއަން ޕައުންޑް (332 މިލިއަން ޑޮލަރު) އެވެ. ނަމަވެސް އެ ހުށަހެޅުމަށް އެމްބާޕޭ ވަނީ ދެކޮޅު ހަދައިފައެވެ.