01 Aug 2023, 09:16
ގަތަރުގެ ވަތަނިއްޔާ ޓެލެކޮމް (މިހާރުގެ އުރީދޫ) ކުންފުންޏަށް ރާއްޖޭގައި ޚިދުމަތް ދިނުމުގެ ފުރުސަތު ދިނުމަށް ދިވެހި ސަރުކާރުން ނިންމީ 2001ވަނަ އަހަރު ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލުތަކަކާ އެކުގައެވެ.
އޭރު ރާއްޖޭގެ ޓެލެކޮމް ސިނާއަތުގައި ޚިދުމަތް ދެނީ އެންމެ ކުންފުންޏެކެވެ. އެއްވެސް ވާދަވެރިޔަކު ނެތެވެ. އެހެންކަމުން، ރާއްޖެ ފަދަ ގައުމެއްގެ ތަރައްގީއާއި ކުރިއެރުމަށް މުހިއްމު އެ ޚިދުމަތް ހޯދުމުގައި އާންމުންގެ އަތްފޯރާފަށަށް އަގުތަށް ތިރިކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އޭރުގެ ސަރުކާރަށް ވިސްނުނީ ދާއިރާ ވާދަވެރިކަމަށް ހުޅުވާލުމަކީ އެންމެ ރަނގަޅުގޮތް ކަމަށެވެ.
އެ ކުންފުނި ރާއްޖޭގައި ހިންގަން ފެށިތާ އަހަރެއް ވެސް ނުވަނީސް ރާއްޖެއާ ގުޅާލަދިން ސަބްމެރިން ކޭބަލް އިފްތިތާހުކޮށް ދިނުމުގެ ރަސްމިއްޔާތުގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ވާހަކަތަކަށް އަލިއަޅުއްވާލެއްވިއެވެ.
"ރާއްޖެ މިއަދު ދެކެމުން މިގެންދާ މުއާސަލާތީ އެކިއެކި ޚިދުތްތަކަށް ވަރަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން މި ކަންކަމުން އެބަ އެނގޭ. ޚާއްސަކޮށް ރާއްޖެއިން ބޭރަށް އަޅުގަނޑުމެން ގުޅާގުޅުންތަކުގެ އަގުތައް މިއަދު މިވަނީ ވަރަށް ބޮޑަށް ތިރިވެފައި. އަދި އިންޓަރނެޓުގެ ޚިދުމަތްވެސް ރަނގަޅު ފެންވަރެއްގައި މިދަނީ ލިބެމުން،" މައުމޫން އެ ދުވަހު ވިދާޅުވިއެވެ.
މައުމޫން އެ ދުވަހު ދެއްވި ތަގުރީރުގައިވަނީ މުވާސަލާތީ ޚިދުމަތްތަކަށް ކުރު މުއްދަތެއްގެ ތެރޭގައި އައި ބޮޑު ބަދަލުތައް ފާހަގަކުރައްވާފައެވެ. އަދި، އެކަމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި، އާންމުންނަށް ލިބެމުންދިޔަ ފަސޭހަތަކާއި ކުރިއެރުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހުޅުމާލޭގައި އުރީދޫއިން އިމާރާތްކުރާ އައު އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އެއީ 2005ވަނަ އަހަރުގެ އޮގަސްޓުމަހު އުފެދުނު ކުންފުނި އެންމެ ހަތް މަސް ދުވަސްތެރޭގައި ހާސިލްކުރި ކާމިޔާބީއެވެ. މަސައްކަތުގައި ހުރި ދަތި އުނދަގޫތަކާއެކު ވެސް މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކޮށް، ސަބް މެރިން ކޭބަލް ގެނެސް، ދާއިރާގައި ފައިހަމަކޮށްލީއެވެ.
ހަމައެކަނި އެކަން އެކަންޏެއް ނޫނެވެ. އުރީދޫގެ ކާމިޔާބު ދަތުރަށް ބަލައިލުމުން ހާމަވާ ކަމަކީ، އެ ކުންފުނިން ރާއްޖެއަށް ގެނައި "ޑިޖިޓަލް އިންގިލާބު"ގެ ކޮންމެ މަރުހަލާއެއްވެސް ކަޑައްތު ކޮށްފައިވަނީ "ރާސްޓަސް" ދުވެލީގައި ކަމެވެ.
ރާއްޖޭގައި އުރީދޫގެ ދަތުރު
- 2005 - ކުންފުނި އުފައްދާ ޚިދުމަތް ދޭންފެށި
- 2006 - ވޯފް ސަބްމެރިން ކޭބަލް ރާއްޖެއާ ގުޅާލި
- 2008 - ތްރީޖީ ތައާރަފުކުރި
- 2009 - ވަޔަލެސް ބްރޯޑްބޭންޑް ތައާރަފުކުރި
- 2013 - ފޯޖީ ތައާރަފުކޮށް، ފިކްސްޑް އަދި މޯބައިލް ބްރޯޑްބޭންޑުގެ ޚިދުމަތް ފެށި
- 2013 - އުރީދޫ މޯލްޑިވްސްގެ ނަމަށް ރީބްރޭންޑްކުރި
- 2014 - ފޯޖީ އެލްޓީއީ އެޑްވާސްޑް ތައާރަފުކުރި
- 2015 - މުޅި ރާއްޖެ ސަބްމެރިން ކޭބަލަކުން ގުޅާލި
- 2016 - އުރީދޫ ސުޕަނެޓުގެ ޚިދުމަތް ފެށި
- 2020 - ފައިވްޖީ ތައާރަފުކުރި
- 2020 - ކޮލަންބޯއިން މާލެއަށް ސަބްމެރިން ކޭބަލެއް އެޅި
- 2021 - ޓަޔާ ތްރީ ޑޭޓާ ސެންޓަރެއް ގާއިމުކުރި
މިއީ ޚިދުމަތުގެ ދާއިރާގައި އުރީދޫގެ ގިނަ ކާމިޔާބީތަކުގެ މަދު މިންވަރެކެވެ. މީގެ އިތުރުން، އެ ކުންފުނިން އަންނަނީ އިޖްތިމާއީ ޒިންމާގެ ދަށުންނާއި، އެހެނިހެން ގޮތްގޮތުން، ދިވެހިންނަށް ބޭނުންޖެހިފައިވާ އެކި ކަންކަމުގައި އިސްނަގާ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
މިދިޔަ އަހަރަށް އެކަނި ބަލައިލި ކަމުގައި ވިޔަސް އެފަދަ ގިނަ ކަންތައްތަކެއް ފާހަގަކުރެވެއެވެ. އެގޮތުން އެކުންފުނީގެ ފަރާތުން ވަނީ މިދިޔަ އަހަރުގެ ވޯލްޑްކަޕް ދިވެހިންނާ ހަމައަށް ގެނެސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްދީފައެވެ. އަދި 166 ސިއްހީ މަރުކަޒަކަށް ބޭނުންވާ ހެލްތު ކިޓް ހަދިޔާކޮށްފައިވެއެވެ.
ކޮންމެ އަހަރަކު ވެސް ގަދަ ފޯރީގައި ބާއްވާ އުރީދޫ މަސްރޭސް މިދިޔަ އަހަރު ވެސް ކާމިޔާބު ކަމާއެކު ބޭއްވިއެވެ. އަދި ރޯދަމަހުގެ މުނާސަބަތުގައި މާލޭގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަކޮށްގެން ރޯދަ ވީއްލުމުގެ ޕެކްތަކެއް ބަހާފައިވެއެވެ.
ނޮވެމްބަރ 30، 2019: ރާއްޖޭގެ އެންމެ ކުލަގަދަ ދުވުން، އުރީދޫ ކަލާރަން 2019ގެ ތެރެއިން -- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް
އުރީދޫ ކަލާ ރަންގެ ކުލަތައް މިދިޔަ އަހަރު ވެސް ގަަދައެވެ. އަދި އީ ގޭމިން އަށް ހާއްސަކޮށް، އުރީދޫ ނޭޝަންސް، ގޭމާސް ލޭންޑުގެ ނަމުގައި ހާއްސަ ޕްލެޓްފޯމެއް ވަނީ ތައާރަފުކޮށްފައެވެ.
މިއަހަރު، އުރީދޫގެ 18ވަނަ އަހަރީ ދުވަސް ފާހަގަކުރަމުން ދާއިރު ވެސް، ކަސްޓަމަރުންނަށް އުފާވެރި ޚަބަރުތަކެއް ދިނުމަށް އެ ކުންފުނި އޮތީ ތައްޔާރަށެވެ.
އަބަދުވެސް، ކަސްޓަމަރުންނާ އެންމެ ގާތުން މަސައްކަތް ކުރަމުން އަންނަ އުރީދޫއިން ދެނީ ކުރިއަށް އޮތްތަނުގައި ވެސް ފަސޭހަ، ލުއި އެތައް ކަމެއް ތައާރަފުކޮށްދޭނެ ކަމުގެ ޔަގީންކަމެވެ. ފަޚުރުވެރިކަމާއެކު "މަވެސް އުރީދޫ"އޭ ބުނެލެވޭނެ ކަމުގެ ޔަގީންކަމެވެ.