ބޮލީވުޑުގެ ކާމިޔާބު ނެށުންތެރިޔާ ނޯރާ ފަތޭހީގެ ކާމިޔާބީގެ ފަހަތުގައި އިތުރު އެއްވެސް މީހެއް ނުހުންނާނެކަމަށާއި، މިހާތަނަށް ހާސިލުކުރެވުނު ކާމިޔާބީއަކީ އަމިއްލަ މަސައްކަތުން ލިބުނު ކާމިޔާބީތައްކަމަށް ނޯރާ ބުނެފިއެވެ.

އިންޑިއާގެ ޒޫމް އެންޓަޓެއިންމަންޓަށް ދިން އިންޓަވިއުއެއްގައި ނޯރާ ބުނެފައިވަނީ، މިހާތަނަށް ވަރަށް ގިނަ ބައެއްގެ ފަރާތުން ހީވެސްނުކުރާކަހަލަ ހުށަހެޅުންތައް ލިބިފައިވާކަމަށެވެ.

މޮޅެތި ނެށުންތައް ހުށަހަޅައިދީގެން އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ޒުވާން ނެށުންތެރިޔާއަކީ ބޮލީވުޑް ފިލްމުތަކުގެ ލަވަތަކުން ފެނުމުގެ އިތުރުން ބައެއް ފިލްމުތަކުގައި އެކްޓްކޮށް ނެށުމުގެ ހުނަރު ދައްކުވައިދޭ ޓެލެވިޒަން ޝޯވްތަކުގެ ފަނޑިޔާރެއްވެސްމެއެވެ.

ފިލްމު އިންޑަސްޓްރީއާ ގުޅުނުތާ ކައިރީ ބައެއް ފަރާތްތަކުން ލަފާދީފައިވަނީ މަޝްހޫރުވާން ބޭނުންނަމަ އެމީހުން ބުނާ ވަކި އެކްޓަރަކާއެކު ލޯބީގެގޮތުން ގުޅުން ބޭއްވުމަށްކަމަށް ނޯރާވަނީ ބުނެފައެވެ. އެހެންނަމަވެސް އޭރުވެސް އެއިން އެއްވެސް ފަރާތެއްގެ އަޑު ނާހާ ކަމަށާ އަބަދުވެސް ބޭނުންވީ އަމިއްލަ މަސައްކަތުން ބޮލީވުޑްގައި ކެރިއާ ބިނާކުރުމަށްކަމަށް ނޯރާވަނީ ބުނެފައެވެ. އަދި އޭރުގެ ނިންމުމާމެދު މިއަދު ފަޚުރުވެރިވާކަމަށް ނޯރާ ބުނެފައިވެއެވެ.

ނޯރާއަށް މިއަދު ލިބިފައިވާ ކާމިޔާބީގެ ފަހަތުގައި އެއްވެސް ފިރިހެނެއް ނުހުންނާނެކަމަށާއި ކެރިއަރުގެ ނިންމުންތަކާއެކު ދިރިއުޅުމުގެ ނިންމުންތައް ނިންމަނީވެސް އަމިއްލައަށްކަމަށް ނޯރާ ބުނެފައިވެއެވެ.

ދާދިފަހުން ނޯރާވަނީ އަމިއްލަ ރިއަލިޓީ ޝޯވްއެއް ލޯންޗުކުރުމަށް ނިންމާފައިވާކަމަށް ބުނެފައެވެ. "ހިޕްހޮޕް އިންޑިއާ"ގެ ނަމުގައި ގެނެސްދޭ މި ޝޯވްއަކީ އެމޭޒަން މިނީ ޓީވީއިން ގެނެސްދޭ ޝޯވްއެކެވެ. މިއާއެކު ނޯރާ އަންނަނީ ކެރިއަރުގެ ފުރަތަމަ ތެލުގު ފިލްމަށްވެސް ތައްޔާރުވަމުންނެވެ.

ކެނެޑާގެ ޓޮރޮންޓޯއަށް ނިސްބަތްވާ ނޯރާވަނީ އެންމެ ފަހުން ބޭއްވުނު ފީފާ ވޯލްޑްކަޕް ނިންމުމުގެ ރަސްމިއްޔާތުގައިވެސް ނެށުމުގެ ހުށަހެޅުމެއް ހުށަހަޅައިދީފައެވެ. ނޯރާ ފަނޑިޔާރެއްގޮތުގައި މަސައްކަތްކޮށްފައިވާ ޝޯވްތަކުގެތެރޭ 'ޑާންސް ދިވާނޭ ޖޫނިއަސް' އަދި 'ޖަލަކް ދިކް ލާޖާ'ގެ ދިހަވަނަ ސީޒަން ހިމެނެއެވެ.