01 Aug 2023, 08:16
ފިރޯޒް ނަދިއަދުވާލާގެ ކޮމެޑީ ފިލްމު "ވެލްކަމް3"ގެ ކާސްޓާ ބޮބީ ޑިއޯލް އަދި ލަވަކިޔުންތެރިޔާ މިކާ ސިންގް ގުޅިއްޖެއެވެ. މިކާ ސިންގްއާއެކު ޕަންޖާބު ލަވަކިޔުންތެރިޔާ ޑެލަރ މެހެނދީވެސްވަނީ އެކްޓަރުންގެގޮތުގައި ފިލްމާ ގުޅިފައެވެ.
އަކްޝޭ ކުމާރުވެސް ލީޑް ރޯލްއިން ފެންނަ ފިލްމުގެ ކާސްޓުންގެތެރޭގައި ސުނިލް ޝެޓީގެ އިތުރުން ސަންޖޭ ދަތު އަދި އަރުޝަދު ވާރުސީވެސް ހިމެނެއެވެ. ސަންޖޭއާއި އަރުޝަދުވެސް ފިލްމާ ގުޅުނީ ދާދި ފަހުންނެވެ.
މީގެ ކުރިން މިފިލްމުގެ ދެ ބައި އުފައްދާފައިވާއިރު ކުރީގެ ދެ ފިލްމުގައި އެކްޓަރު އަނިލް ކަޕޫރު އަދި ނާނާ ޕަޓޭކަރު މުހިއްމު ރޯލް ކުޅެފައިވެއެވެ. ނަމަވެސް ފިލްމު ކުޅެން ދެ އެކްޓަރުންނަށްވެސް ހުށަހެޅުނު ފައިސާގެ އަދަދާމެދު ޕްރޮޑިއުސަރާއެކު އެއްބަސްވުމަކަށް ނާދެވުމުން އަނިލް ކަޕޫރާއި ނާނާ ޕަޓޭކަރުވަނީ "ވެލްކަމް3"އިން ވަކިވެފައެވެ.
ފިލްމު "ވެލްކަމް"އަކީ 90އިގެ އަހަރުތަކުގައި ރިލީޒްވި ފިލްމުތަކުގެތެރެއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ހެއްވާ މަޖާ ފިލްމެކެވެ. މި ސީރީސްގެ ތިންވަނަ ފިލްމުގެ ސްކްރިޕްޓް ތައްޔާރުވެފައިވީނަމަވެސް ފިލްމުގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ ކުރިޔަށްއޮތް އަހަރުތެރޭއެވެ.
ފިލްމުގެ ލީޑްރޯލްތަކުން ފަސް އެކްޓަރުން ފެންނާނެއިރު ފިލްމަށް ބަތަލާއިންގެގޮތުގައިވެސް ގެންނާނީ އޭ ކެޓެގަރީގެ ބަތަލާއިންކަމަށް ރިޕޯޓުތަކުން ބުނެއެވެ. ކުރިން ގެނެސްދެވުނު ދެ ފިލްމެކޭ އެއްގޮތަށް މިފަހަރުގެ ފިލްމުވެސް މައިގަނޑުގޮތެއްގައި ބިނާކޮށްފައިވަނީ ކައިވެންޏަށްފަހު ފިރިހެނުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކުގެ މައްޗަށެވެ.
މިފަހަރުގެ ފިލްމުގައިވެސް ގެނެސްދޭ ހާދިސާތަކާއެކު އޯޑިއަންސް ހެއްވާލާނެކަމަށް ޕްރޮޑިއުސަރު ފީރޯޒްވަނީ ބުނެފައެވެ.