31 Jul 2023, 22:25
އިންތިޚާބުތަކުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓަކަށް ވެސް ކެމްޕޭން ކުރުމުގެ ހައްގު ލިބިގެންވާ ކަމަށާއި، ވާދަވެރިންނަށް އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.
ޓްރާންސްޕޭރެންސީން މި ފަދައިން ބުނެފައިވަނީ އެމްޑީޕީގެ ކެމްޕޭނަށް ހުރަސް އަޅާނަމަ އިދިކޮޅަށް ރާއްޖޭގެ އެއްވެސް ރަށެއްގައި ކެމްޕޭން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދާދި ފަހުން ވިދާޅުވެފައި ވަނިކޮށެވެ.
ފުވައްމުލައް ސިޓީގައި ބޭއްވި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ރައީސް އަކީ ހިތްތިރި ބޭފުޅެއް ނަމަވެސް އެމްޑީޕީގައި ދެން ތިބީ އެހާ ހިތްތިރި ބައެއް ނޫން ކަމަށެވެ.
އެކަމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ، ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ހައްގު ހަނިކުރުމަށް އިންޒާރު ދިނުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ.
އަދި، އެއީ އެއްވެސް ހާލެއްގައި ބަލައިގަނެ ވޭނެ ކަމެއް ނޫން ކަމަށާއި، އިންތިޚާބުތަކުގައި ތާއީދު ހޯދުމަށް ކެމްޕޭން ކުރުމުގެ ހައްގު ހުރިހާ ކެންޑިޑޭޓުންނަށް ވެސް ކަށަވަރު ކޮށްދެން ޖެހޭ ކަމަށް ވެސް ޓްރާންސްޕޭރެންސީ އިން ބުނެފައިވެއެވެ.
ފުވައްމުލަކުގައި ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާ ކުރިއަށްދިޔަ ވަގުތު އިދިކޮޅު ސަޕޯޓަރުން ވަނީ އެ ސަރަހައްދުގައި އަޑުގަދަކޮށް އިހުތިޖާޖު ކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް ފުލުހުން މަސައްކަތް ކޮށްފައިވާއިރު، އެ މީހުން ވަނީ ފުލުހުންނާ ދިމާލަށް ގައު އުކާ، އޭގެ އިތުުރުން އެ ސަރަހައްދުގައި ހުރި ކެފޭއަކަށް ވަދެ އެ ތަނަށް ވެސް ބައެއް ގެއްލުން ދީފައެވެ.
އިއްޔެ ހަވިރު ވެސް އިދިކޮޅުން ވަނީ އިހުތިޖާޖުކޮށް އަޑުގަދަކުރަން މަސައްކަތް ކޮށްފައެވެ.
އެ ކަންކަމަށް އިޝާރާތް ކުރައްވާ ފައްޔާޒު ރޭ ވިދާޅުވެފައިވަނީ، އެމްޑީޕީގެ ކެމްޕޭނަށް އިދިކޮޅުން ހުރަސް އަޅައިނަމަ، އިދިކޮޅުގެ ކެމްޕޭނަށް ވެސް ހުރަސްއަޅާނެ ކަމަށެވެ.