ދިރާގް ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް ރަނގަޅު ކާމިޔާބީއެއް އަދި ހޯދިފައި ނުވާއިރު، ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) އެކްސިޓެންޓުވެ، އޭނާ އަށް ނުކުޅެވުމަކީ ޓީމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ވީބީ އައްޑޫ އެފްސީގެ ކޯޗް ތުރުކީގެ ޖޭން ވަންލީ ބުނެފި އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވަޑް އަޑުބަރޭ އެކްސިޑެންޓްވީ އޭނާ ދިރިއުޅޭ ހުޅުމާލޭގައި އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އެ އެކްސިޑެންޓްގައި އަޑޭގެ ފައިގެ ބޮޑުވާއިނގިލި ފަޅައިގެން ގޮސް، ދެއަތާއި ދެފައިގެ އެކިއެކި ތަންތަން މަށައިގެން ވަނީ ގޮސްފައެވެ. އަދި އެ އަނިޔާތަކާ ގުޅިގެން އޭނާ ދޮޅު މަސްދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ ގާތްކަމެއް ކަމަށް ވެސް ވީބީން އިއްޔެ ވަނީ ބުނެފައެވެ.

ސަން އޮންލައިނާ ވަހަކަ ދައްކަމުން ވީބީގެ ކޯޗް ވަންލީ ބުނީ، އަޑޭގެ އެކްސިޑެންޓާ މެދު ކަންބޮޑުވާ ކަމަށާއި އޭނާއަށް ކުރިއަށް މިއޮތް މަހެއް ހާދުވަހު ނުކުޅެވި ހުންނަން ޖެހުމުން އޭގެ އަސަރު ޓީމަށް ކުރިމަތިވުން ވަރަށް ބޮޑު ކަމަށެވެ. އަދި ލީގުގައި ރަނގަޅު ނަތީޖާއެއް ހޯދިފައިނުވާ މިދުވަސްކޮޅު ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ނުކުޅެވުމުން އެކަމާ ހިތާމަ ކުރާކަމަށް ވެސް ކޯޗް ވަންލީ ބުންޏެވެ.

ވަންލީ ބުނީ، އޭއެފްސީ ކަޕުގައި މިމަހުގެ ނުވަ ވަނަ ދުވަހު ކުވައިތު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭމެޗުގައި ވެސް އަޑޭއަށް ނުކުޅެވޭނެ ކަމަށެވެ. އަދި މިމަހުގެ 14 ވަނަ ދުވަހު ވެލެންސިޔާއާ ދެކޮޅަށް ދިރާގް ދިވެހި ލީގުގައި ކުޅޭ މެޗަށް ވެސް އަޑޭ ފިޓް ވުވާނެ ކަމަށް ވަންލީ ބުންޏެވެ.

ވީބީގެ މެނޭޖަރު ސަތޯ ބުނީ، ކެޕްޓަން އަޑޭ އެކްސިޑެންޓުވެ، އޭނައަށް ކުރިއަށް އޮތް ދުވަސްތަކުގައި ނުކުޅެވުމުން ދެން ޓީމުގެ ކެޕްޓަން ކަން ކުރާނީ ވައިސްކެޕްޓަން ސަންވީލް ގާސިމް (ބޮންޑާ) އެވެ.

ދިރާގް ދިވެހި ލީގުގެ ފުރަތަމަ ބުރުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ވީބީ އަދި އޮތީ އެއް ޕޮއިންޓާއެކު ލީގުގެ ހަ ވަނައިގައެވެ.