31 Jul 2023, 21:23
ސެޕްޓެމްބަރު ނުވައެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުން އޮންލައިންކޮށް ރީރެޖިސްޓާ ވުމަށް ހުޅުވާލި މުއްދަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފިއެވެ.
ރިޔާސީ އިންތިޚާބަށް އޮންލައިންކޮށް ރީރެޖިސްޓާވުމަށް ހުޅުވާލި މުއްދަތު މިރޭ 12:00 އަށް ހަމަވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ މުއްދަތު އޮގަސްޓު މަހުގެ ދެވަނަ ދުވަހާ ހަމައަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަކު، ހާޒިރުވެ ރީރެޖިސްޓާވުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.
މިއީ، އޮންލައިކޮށް ރީރެޖިސްޓާ ކުރެވޭ ގޮތަށް ކަނޑައެޅި ފުރަތަމަ ފަހަރެވެ. އެގޮތުން، އޮންލައިންކޮށް ރީރެޖިސްޓާ ކުރުމަށް އީސީން ވަނީ ޙާއްސަޕޯޓަލެއްހަދައިފައެވެ.
އީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެއަށް ވޯޓުލީ މީހުން މި ފަހަރު އަލުން ރީރެޖިސްޓާ ކުރާކަށް ނުޖެހޭނެއެވެ.
އިއްޔެއާ ހަމައަށް އޮންލައިކޮށް، 10،000 އަށް ވުރެ ގިނަ މީހުން ރީރެޖިސްޓާ ކޮށްފައިވާއިރު އެއީ އެހެން އިންތިޚާބުތަކާ އަޅާ ބަލާއިރު ދަށް އަދަދެކެވެ. އަދި، ރީރެޖިސްޓާ ކުރާނެ ކަމަށް އީސީން ކުރިން ލަފާކޮސްފައި އޮތް، 42،000 މީހުންގެ 42 އިންސައްތައެވެ.
މުޅި ރާއްޖޭގައި ޖުމުލަ 600 ވޯޓު ފޮށި މި އަހަރު ބެހެއްޓުމަށް ނިންމާފައި ވެއެވެ. މި ރިޔާސީ އިންތިޚާބުގައި 280،000 އެއްހާ މީހުން ވޯޓުުމުގެ ހައްގު ލިބިފައިވާ ކަމަށް އީސީން ބުނެފައިވެއެވެ.