04 Aug 2023, 10:30
"ﷲ ސުބުހާނަހޫ ވަތައާލާ ގުރުއާނުގެ އަލްއިސްރާ ސޫރަތުގެ އަށްޑިހަ ދެވަނަ އާޔަތުގައި ވަހީކުރައްވާފައިވަނީ وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارً މާނައަކީ ތިމަންރަސްކަލާނގެ ގުރުއާނުން މުއުމިނުންނަށް ރަހުމަތާއި ޝިފާއެއްކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ ގުރުއާނުން އަނިޔާވެރިވި މީހުންނަށް ގެއްލުމެއް ނޫނީ އިތުރުނުވާހުއްޓެވެ."
***
"ސަބަބަކީ ފުރަތަމަ ދަރިފުޅު...."އެވާހަކަ ހިތަށް އެރުމުން ވަކިންބޮޑަށް ހިތަށް ބާރުވިއެވެ."އެކުއްޖާ ދުނިޔޭގައި ހުރިކަމެއް އުޅޭ ހާލެއްވެސް ނޭގޭ. މަންމައަކަށްވެ ހުރެ އަމިއްލަ ދަރި އެއްލައިލީމަ ދުނިޔެއިން މި އިމްތިހާންކުރިމަތިވީތަ؟ ހުރިހާ ހިތާމަތަކުގެ މައްޗަށް އެ ދަރިފުޅުގެ ހިތާމަވެސް ކުރެވޭ.މިހުރިހާ ދުވަހު ސިކުނޑީގެ އެބައި އޮފް ކޮށްލައިގެން ހުއްޓަސް މިފަހަރު ހަމަ ބިރުގަންނަނީ..."
ކާއިނާތުގެ ކަރުނަތައް ހުއްޓުވަން ޖީލަން މަސައްކަތެއް ނުކުރިއެވެ.
ކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑަށް ކާއިނާތު އެނބުރި ބަލައިލިއެވެ. ކުރިމަތީގައި ހުރި ދަރިފުޅު ޒާދާ ފެނުމުން މޫނުގެ އެތަން މިތަނުގައި ބޮސްދީ ގެނެސް މޭގައި ޖައްސާ ބާރުކޮށްލެވުނުގޮތަށް ދުރުކޮށްލަންވެސް ހިތް ނޭދުނެވެ. އެއަށްފަހު ގައިގާ ކޫރުމެއްހާ މިންވަރު އެޅިފައި ހުރި ތޯބަލަން އަތާއި ތަންތަނަށް ބަލައިލެވުނެވެ. ދަރިފުޅު ދުނިޔޭގައި ހުއްޓާ ފެނުނުކަމަށްޓަކާ އޭނަ ﷲ ސުބުހާނަހޫވަތައާލާއަށް ހަމްދުކުރިއެވެ. ޒާދާ ވަރަށް ހެވިލާފައި ހުރެ ބޮޑުބޭބެ ޖީލަންގެ ގައިގާވެސް ބައްދައިލިއެވެ.
"ދަރިފުޅު ކިހިނެއްވީ؟ކޮން ބަޔެއް ގެންދިޔައީ؟ ޓެރަރިސްޓުންތަ؟ އެމީހުން އަނިޔާއެއްނުދޭތަ؟" ޒާދާގެ އަތުގައި ހިފަހައްޓާލައިގެން ހުރެ އެތައް ސުވާލެއް އެއްފަހަރާކުރަން ފެށުމުން ޖީލަން އިޝާރާތްކުރީ ހަމަޖެހިގެން ހުރުމަށެވެ. ކާއިނާތު މަޑުމަޑުން ބޯ ޖަހައިލީ އެއްބަސްވުމުގެ ގޮތުންނެވެ.
"ގޭންގަކުން ކިޑްނެޕްކުރީ.. ފައިސާ ބޭނުންވެގެން.ނަސީބަކުން އެމީހުން ޓްރީޓްކުރީ ހަމަ ވަރަށް ރަގަޅަށް. އެއްވެސް އަނިޔާއެއް ނުކޮށް ގަޑިން ކާންދީފައި އަރާމު ކޮޓަރިއެއްގައި ބަހައްޓާފައި ތިބީ.އެގެއަށް ޕިއްޒާ ހިފައިގެން ދިޔަ ފްރެންޑަކީ ދަންނަ ކުއްޖެއް ސޯ އޭނަ ސަލާމަތްކޮށްދިނީ.. ކޮބާ ރާހާ؟ ގެއަށް ދިޔައިމަ ރާހާ ހޮސްޕިޓަލުގައި އޮތްކަން އެނގުނީ.........."
"ރާހާ އޯކޭ އެއްނޫން..ވަރަށް ބަލި.."ކާއިނާތު ހިނގައިގަތީ ޒާދާގެ އަތުގައި ހިފައިގެންނެވެ. ޖީލަންވެސް އަނެއްފަރާތުގައި ހުރިއިރު ބަސްމަދެވެ. ޒާދާވެސް އިތުރަށް އަހާކަށް ނޫޅުނެވެ. ހިތްބިރުގަތީއެވެ. މަންމަ ރާހާ ބައްޔޭ ބުނާނީ ވަރަށް ބަލިވީމައެވެ. ރާހާ އޮތް ކޮޓަރިއަށް ވަންއިރު އަދްރިއަން އެނދުގެ ކައިރީގައި ހުރި ގޮނޑިއެއްގައި އިށީދެލައިގެން ރާހާއާއި ވާހަކަދައްކަން އިނެވެ. އެކޮޓަރިވެސް ތަނަވަސްވެފައި ހިތްގައިމެވެ. ކުޑަދޮރުން ފެންނަ މަންޒަރުތައް އެހާ ފުރިހަމައެވެ.
"ޒާދާ...."ރާހާ ބާރަށް ގޮވައިލުމުން އަދްރިއަންވެސް އެނބުރި ބަލާލުމާއެކާއެކު ލޯ މަރާލެވުނީ ހިތަށް ކުރެވުނު މަސްހުނި އިހުސާސްތަކުންނެވެ. ދަރިފުޅުދެކެ ވާ ލޯބީގެ މަތިވެރިކަން ފުރަތަމަ އިހުސާސްވީ ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަހު އޭނަގެ އަތްމައްޗަށް ލެވުނު ވަގުތުގައެވެ. އެދުވަހުވެސް އޭނަގެ ލޮލުން އައީ އުފާވެރިކަމުގެ ކަރުނައެވެ. އޭނަ ޒާދާ ގެނެސް މޭގައި ޖައްސައިލަމުން ނިތްކުރިއަށް ބޮސްދިނެވެ. ލޮލުން ފައިބައިގެން ދިޔައީ އުފާވެރިކަމުގެ ކަރުނަ ތިއްކެކެވެ. އޭނަ ﷲ ސުބުހާނަހޫ ވަތައާލާއަށް ކުރި ދުޢާތައް އައްސަވާ ވޮޑިގެންފިއެވެ.
ރާހާވެސް ތެދުވެ ޒާދާގެ ކަދުރާއަށް އަތް ވައްޓައިލިއެވެ.
"ދަރިފުޅު ކިހިނެއް ތިހެދީ؟ ބައްޕަމެން ބިރުގަންނަވައިލީ...ޓެރަރިސްޓުންނާއެކު ސީރިޔާއަށް ދިޔައީއޭ ބުނީމަ އެކަން ގަބޫލުކުރަން ފަސޭހައެއްނުވި. އެކަމަކު ޚަބަރު ބަލަން އެތަނަށްވެސް ފޮނުވާލައިގެން މިހިރީ...."
"އެމީހުންނަށް އަދަބުލިބެންޖެހޭނެ. އެހާ ބޮޑު ކުށެއްކުރި ބަޔަކު ދޫކޮށްފައި ބޭތިބުމުން އަނެއްކާ ނުކުރާނެކަން އެނގެނީ ކިހިނެއް؟" އަދްރިއަން ބުމަކައިރިކޮށްލީ ހިތްހަމަނުޖެހިފައިވާގޮތަކަށެވެ."ދަރިފުޅަށް އެމީހުން ހެޔޮކޮށް ހެދިޔަސް އެއީ ފުރަތަމަ ކޮށްގެންވާނެކަމެއްނޫން. މި ކޭސް ބަލަން ޖެހޭނެ ފުލުހުންނަށް ރިޕޯޓްވެސް ކުރާނަން....ކީކޭ ޖީލަން ބުނަނީ؟"
"އެއްބަސް...ނޫނީ ފައިސާވެރިންގެ ދަރިން ކިޑްނެޕްކުރުން އާދައަކަށްވެދާނެ.އެކަހަލަ ބަޔެއްގެ ހެޔޮކަމަކީ ގަބޫލުކުރެވޭނެކަމެއްނޫން. އެއީ ދަޅައެއް. ތިބުނާ ޒުވާނަކު ގޮސް ޒާދާމެން ސަލާމަތްކޮށްނުދިން ނަމަ ބިރުދައްކައިގެން ފައިސާވެސް ހަމަ އަތުލާނެ...އެހެން އަނިޔާވެސް ކުރާނެ...ކާންޓް ޓްރަސްޓް އެކަހަލަ އަނިޔާވެރި ބަޔަކަށް..."
"މެހެރާޒްއާއި އެކުވެރިވުމަކީވެސް ރަގަޅުކަމެއްނޫން. އޭނަ އަޑީގައި ހުރެެގެން ހިންގި ކަންތައްގަނޑަކާއި ބޮޑަށް ވައްތަރީ..އެގޮތަށް ޑްރާމާތަކުންވެސް ފެނޭ. އޭނަ ކްރެޑިޓް ނަގަންވެގެން ސަލާމަތްކޮށްދީފައި އެކަމުގެ ބަދަލުހޯދަން އަދި އަންނާނެ. އޭނަ މާ އިނަސެންޓްވެގެން ހުއްޓަސް ފޭކްމީހަކާއި ވައްތަރީ. މަންމަވެސް ކިޔާނެ ނުމޮށޭގުރާ ބާރަށް ދައިގަންނާނެއޭ.............."ކާއިނާތު އަނެއްކާވެސް ޒާދާގެ އަތުގައި ހިފަހައްޓާލަމުން ބުރަކަށީގައި ފިރުމަންފެށިއެވެ.
"ނޫން މަންމާ...މެހެރާޒް އެހެނެއް......"
"ޒާދާގެ ސިކުނޑި ޅަކަމުން އެކައްޗެއްވެސް ނުވިސްނޭނެ. މަންމަގާތު އެކަހަލަ ޝައިތާނުންގެ ދިފާއުގައި ވާހަކަ ނުދެއްކިއްޔާ ރަގަޅީ....." ކާއިނާތު ޒާދާގެ ޖުމްލަ ހުއްޓުވިއެވެ.
"ހީޒް ނޮޓް އެ ޝައިތާން މަންމާ.."ޒާދާއަށް ބާރަށް ބުނެވުނެވެ.
"މެހެރާޒްއާއި ކޮން ގުޅުމެއް ހޭ އޮތީ؟"ކާއިނާތުގެ އަޑު ބާރުވިއެވެ.
"މަންމަ ތިހީކުރާކަހަލަ ގުޅުމެއްނެތް. މަސްޖިދުން ދިމާވީ. ވަރަށް ކުރިންވެސް އެއްއިރެއްގައި ފިރިހެނުންތަކެއް ފޮށެނިކޮށް މެހެރާޒް ސަލާމަތްކޮށްދިނީ. ފަހުން އެއީ މެހެރާޒްކަން ހަދާންވީ. ހީޒް އެ ނައިސް ގައި މަންމާ..."ޒާދާ ރާހާއަށް ސަމާލުކަން ދިނެވެ."ރާހާއަށް ކިހިނެއްވީ؟ފައިގެ މައްސަލަތަ؟"
"ޔެސް..."
"ތަންކޮޅެއް އެ މައްސަލަ ގޯސްވީ. މަންމަމެންނަށް ފަރުވާކުޑަކޮށްލެވުނީ..." ކާއިނާތު އަދްރިއަންއާއި ހަތަރުކަޅިހަމަކޮށްލީ މާނަވީގޮތަކަށެވެ. އެބެލުމުން އޭނަ ކުށްވެރިކުރިކަން އަދްރިއަން ދެނެގަތެވެ. ކާއިނާތު ކުށްވެރިކުރަނީ އޭނައެވެ. ފަރުވާކުޑަކޮށް ބަލިދެނެގަތުމުގައި ލަސްވީ އަދްރިއަންއާއިހެދިއޭ ކާއިނާތު ހާސްފަހަރު ބުނެފިއެވެ.
ޒާދާ ރާހާގެ އިސްތަށިގަނޑާއި ކުޅެލަމުން ހިނިތުންވެލިއެވެ. އަދި ހިތްވަރުދިނުމުގެ ގޮތުން ވާހަކަދެއްކިއެވެ. އެއްވެސް ކަމަކަށް އުއްމީދުކަނޑައިލުމަކީ އިންސާނުން ކުރަން ހެޔޮވާވަރުގެ ކަމެއްނޫނެވެ. ﷲއަކީ ރަހުމާންވަންތަ ރަހީމްވަންތައެވެ. އެފަރާތުން އަންގަވަނީ ކޮންމެކަމެއްގައި އެފަރާތް ހަދުމަކޮށް ކަންތައްތަކަށް އެދުމަށެވެ. ފައިވާނުގެ ވަދުކެނޑުންފަދަ ކުޑަކަމެއްގައިވެސްމެއެވެ. ޒާދާ ހިތްވަރުކޮށްފައި ވާހަކަދެއްކިޔަސް އޭނަގެ ހިތަށް ބިރުވެރިކަން ވަނެވެ. އެކަނިވެލަން ބޭނުންވިއެވެ. އެތައް ދުވަހަކަށް ހައްޔަރުގައި ހުރެފައި މިނިވަންވުމުން ލިބުނު އުފާކޮޅު ފެނަށްވިޔަސް އޭނަގެ މޫނުމަތިން އެފަދަ ބަލިކަށިކަމެއް ނުދައްކާ ކޮންމެ ކަމެއްގައި "ޕޮޒިޓިވް" ކޮށް ވިސްނާ އެހެންމީހުންނަށްވެސް ވައިރަސްއެއްހެން އެ ސިފަ ފަތުރަން ބޭނުންވީއެވެ.
ޒާދާއާއި ބައްދަލުކުރަން މަހްރާއައުމުން އެކި ވާހަކަތައް ދެކެވުނެވެ. ބާސިލްއާއިއެކު އުޅެންޖެހުނުލެއް ތަފްސީލްކޮށް ކިޔާނުދިނަސް އަތުގައި ބިޑި އަޅުވައިގެން އެކީ އުޅެން ޖެހުނުކަމަށާއި އެހެންވެ އަދިވެސް ފާފަވެރި އިހުސާސްތައް ކުރެވޭކަމުގައި ބުނެލިއެވެ. މެހެރާޒްއަށް ތައުރީފުކުރުމުން މަހްރާ އެވާހަކަ އޮޅުން ފިލުވަން ބޭނުންވިއެވެ. ޒާދާއަށް ރޮވެންފެށީ ކޮޓަރީގައި އެކަނިވުމުންނެވެ. ސިކުނޑީގައިވާހާ ޚިޔާލުތަކެއް ކަރުނައިގެ ސިފައިގާ ބޭރުވެ ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ.
***
ރާހާ ކެންސަރުކަން ޔަގީންވުމުން ބަކެޓް ލިސްޓް ތައްޔާރުކުރިއިރު މަރުވެދާނެކަމުގެ ބިރު އެކުޑަ ކުޑަ ހިތުގައި އަށަގަތީ ވަރަށް ބޮޑަށެވެ. ލޯބިވާ މަންމައާއި ބައްޕަ އަދި ދޮންތައާއި އާއިލާ އަދި އެކުވެރިންނާއި ވަކިވެގެން އެހެން އާލަމަކަށް މިހާއަވަހަށް ދާންޖެހިދާނެކަމަށް އޭނަ ހިޔެއްނުކުރެއެވެ. ބިރުވެރިކަން ހިތުގައި ވަކިތަކެއްހެން މޫހަރައިލިއިރު މަރާއިމެދު ވިސްނައިލިޔަސް ހަތަރެސްފައި ފިނިވެ ޕެނިކްވާން އުޅެއެވެ. ހިތަށް ފިނިކަމެއް ލިބުނީ މަހްރާގެ ވާހަކަތަކުންނެވެ.
"ޑެތްއަކީވެސް ނިއު ބިގިނިންއެއް..."
"ރިއަލީ؟"
"ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސެއްގައި ވޭ.ﷲ އާއި ބައްދަލުކުރަން ލޯބިވާ އަޅުތަކުންނާއި ހީ ލަވްސް ޓު މީޓް.. އަދި ﷲއާއި ބައްދަލުކުރަން ހޭޓްކުރާ މީހުންނާއި ހީ ހޭޓްސް ޓު މީޓް....މުއުމިނުންވެއްޖެއްޔާ ކޮންމެ ވަގުތެއްގައިވެސް މަރުވެދާނެކަމަށް ތައްޔާރަށް ތިބެންޖެހޭނީ..އެއްވެސް މީހަކަށް މަރުގެ ވަގުތެއް ނޭގޭނެ. ކެންސަރުގެ ސްޓޭޖް ފޯ އޭ ބުނެ މަންތެއް ދޭ މީހުން އެ މަންތް ދެމިގެންދޭ ފަނަރަ އަހަރަށްވެސް. އަދި އެއްކޮށް ރަގަޅުވާމީހުންވެސް ތިބޭ. ސޯ ޓްރަސްޓް ﷲ. ގިނައިން ނަމާދުކޮށް ދުޢާކުރޭ. ރަގަޅުވާނެ އިންޝާﷲ. އެންމެންގެ ހެޔޮދުޢާތައް މުހިއްމުވާނީ.. ގުރުއާނަކީވެސް ޝިފާއެއް. ޝިފާގެ އާޔަތްތަކާއި ސަކީނާގެ އާޔަތްތައް އަޑުއަހަން ފެށުމުން ވަރަށް ހިތްހަމަޖެހޭނެ. ހުރިހާ އެންޒައިޓީއެއް ފިލާނެ...ރާހާ ގުރުއާން ދަސްކުރަންފަށަންވީނު..."
"އިންޝާﷲ.."ރާހާ ފޯނުން މަހްރާ ބުނި ވީޑިއޯ ހުޅުވައިލުމަށްފަހު އަޑުއަހަންފެށިއެވެ."ޔެސް....ޔޫ އާ ރައިޓް. ވަރަށް ރިލެކްސިން...ސޫދިން ލައިކް ހަމަ ގަނޑުފެނުން ހިތް ތެންމާލާފަދަ.....ލަވް އިޓް........."
"ބުނީމެއްނު.."
"އާންޓްމެން އުމްރާއަށް ފުރަން އުޅޭ ވާހަކަ މަންމަ ބުނި. އަހަރެން ދާން ބޭނުމިއްޔާ ދެވޭނެތަ؟"
"ޔަގީން. ކީއްވެ ނުގެންދާނީ؟"
"ބަލިވީމަ..."
"ކޮންމެވެސް ވަރަކަށް ކީމޯ ނަގާ ރަގަޅުވީމަ ޕްލޭންކުރާނީ ދޯ..ޕެއިން އާ އެއްޗެހިވެސް އޯކޭވީމަ ދަތުރުކުރަން ފަސޭހަވާނެ..."
"އޭގެފަހުން ކްރޫޒްޝިޕެއްގައި ދަތުރެއްކޮށްލަންވެސް ޖެހޭ. އެވެސް ޑްރީމެއް. އައިސްބާގްތައް ބަލައިލަން.."
ރާހާ އޭނަގެ ބަލީގެ މަތިން ހަނދާން ނައްތާލާފައި ދިރިއުޅުމުގައި ބާކީއޮތް ދުވަސްތައް އުފާވެރިކަމާއެކު ހޭދަކުރަން އަޒުމްކަނޑައެޅިއެވެ. ދެރަވެ މާޔޫސްވުމުން ނަފުސަށް ދެވޭ އިތުރު ގެއްލުމެކެވެ. އެހެނޭ ކިޔާފައި ކެންސަރު އޭނަގެ ހަށިގަނޑުން ދުރަށް ދާނެނަމަ އެންމެ ރަގަޅުތާއެވެ. މަހްރާ ބުނާހެން ގުރުއާން ދަސްކޮށް އަޑުއހާ ޒިކުރުކޮށް ނަމާދުކުރުމުން ހެއްދެވި ފަަރާތާއި އޮތް ގުޅުން ރަގަޅުވެ މަރާއިމެދު އޮތް ޖެހިލުންކަން ފިލަންފެށިއެވެ. އަދި އޭނަ ދީނީ ލެކްޗާތައް އަޑުއަހާ ދީނީ ކަންތައްތައް އޮތްގޮތް ކުރިއަށްވުރެ ބޮޑަށް ދެނެގަންނަން މަސައްކަތްކުރިއެވެ.
***
މެހެރާޒްއާއި އެލިޒަބަތްވެސް އެކީގައި އުޅެމުންދިޔައީ ހަމަ މާމައަކާއި މާމަދަރިއެއް އުޅޭނެހެންނެވެ. ކައްކަން އެކަކު އަނެކަކަށް އެހީތެރިވެހަދާއިރު މެހެރާޒް އެލިޒަބަތް ގޮވައިގެން ހިނގައިލަން ނޫނީ ބާޒާރުކުރަންވެސް ގެންދެއެވެ. ދޭތެރެއަކުން ސްޕީކަސް ކޯނާރއަކަށް ގެންގޮސް ލެކްޗާތައް އަޑުއަހަައިލައެވެ. ރޭގަނޑު ކެއުމަށްފަހު މެހެރާޒް އިޝާނަމާދުކުރާއިރު އެލިޒަބަތް ނިކަން ޝައުގުވެރިކަމާއެކު ނަމާދުގެ ހަރަކާތްތަަކަށް ބަލަން އިނދެއެވެ. އެއަށްފަހު މެހެރާޒްއަށް އެނގޭވަރަކުން އޭނަ ދީނުގެ މައުލޫމާތުތައް އޮޅުން ފިލުވައިދެނީ އިސްލާމްދީނަށް އޭނަގެ އެކުވެރިޔާ ވަންނާނެކަމުގެ އުއްމީދުގައެވެ.
***
ބާސިލްގެ މެސެޖްތައް ލިބެން ފެށުމުން އަޅާނުލާން ހުރެފައިވެސް ޒާދާ ވާހަކަދެއްކިއެވެ.
"ކުރިންވެސް ބުނީމެއްނު މަޖުބޫރުވެގެންނޭ އެކީގައި އުޅުނީ. މިހާރު ރައްޓެހިވެގެން ވާހަކަދެއްކުމަކީ ރަގަޅުކަމަކަށް ނުދެކެން..މިބުނީ ހަލާލު ގުޅުމަކަށް ނުވާނެ.."
"ހެހެ...ދެން މެރީ މީ..."
"ނޫން...އަދި މިއުޅެނީ ކިޔަވަން. އެދުވަހަކަށް އިންތިޒާރުކުރޭ..."ޒާދާ ރުޅިގަދަވެފައި ދަތްތަކަށް ބާރުލިއެވެ. ދެން ވިސްނާލާފައި ހަމަޖެހިލަމުން ހިނިތުންވެލީ އައޫޒު ކިޔަމުންނެވެ. ރުޅިއަކީ ޝައިތާނާގެ ފަރާތުން އަންނަ އެއްޗެކެވެ. އައޫޒު ކިޔެވުމުން ޝައިތާނާ ދުރަށް ދާނެއެވެ." މޮޅަށް ކިޔަވައިގެން ކެރިއާ ބިލްޑްކުރަނީ އުއްމީދުތަކަކާއިއެކީ. އަމިއްލަ ފައިމައްޗަށް ތެދުވާން އެކަންޏެއްނޫން. މޮޅަށް ކިޔަވާ ސިއްހީ ދާއިރާ ޚިޔާރުކުރީ މުޖުތަމައަށްވެސް ފައިދާހުރިކަމެއް ކޮށްދޭން. މިސާލަކަށް ކެންސަރުގެ ވޭނުގައި އުޅޭ މީހުންނަށް ފަރުވާދިނުން. އަހަރެން ކައިވެނިކުރާނީ އަހަރެން ލޯބިކުރާ ކަންތައް ކުރަން ސަޕޯޓްދޭނެ ރަގަޅުމީހަކާއި. އޭރުން ކައިވެންޏާއެކު ކެރިއާވެސް މެނޭޖްކުރެވޭނީ..."
ބާސިލް ޗޮކެއް ކަނޑައިލިއެވެ."ފައިސާގެ ބޭނުމަކީ ކޮބާ؟"
"ބާސިލް އުޅޭހެން ކާރުގައި އުދުހެން އެނޫން ކޮންކަމެއްގައި..."ޒާދާ ފޯނު ކަނޑައިލިއެވެ. ބާސިލްއަކަށް ނުވިސްނޭނެއެވެ.
***
ކާއިނާތުގެ ބައްޕަ ނާޒިމް ވިޔަފާރިދަތުރެއްގައި އައިސް ޖީލަންގެ ގާތުގައި މަޑުކޮށްލި ދުވަސްކޮޅެކެވެ. ކާއިނާތު ބައްޕައާއި އާއިލާއަށް ދައުވަތުދިނެވެ. އެންމެން ކައި ނިމިގެން ޖީލަންއާއިއެކު ވާހަކަދައްކަމުން ކާއިނަތު ނުކުތީ ބަގީޗާތެރެއަށެވެ. ޚަރީފު މޫސުމްގެ ކުލަތައް މަޑުމަޑުން ގަސްތަކުގެ ކުރިތަކުން ފެންނާން ފަށާފައިވާއިރު ފިނިވައިރޯޅިތައް ޖެހެމުން ދިޔައެވެ. ބަގީޗާގައި ދިއްލާލާފައިވާ ބައްތިތަކުގެ އަލީގައި ތަން ފެންނަނީ ސިހުރުވެރިކޮށެވެ.
"އަހަރެންގެދަރިފުޅު ދިނީ ކޮންބަޔަކަށް ކަން ޖީލަންއަށް އެނގެއެއްނު. ކީއްވެ ޚަބަރު ބަލައިނުލީ؟"
"އެމީހުން އެހެން ގައުމަކަށް ފުރައިގެން ދިޔައީ. އަންގާވެސް ނުލާ. އައިމް ސޮރީ ކާއީ..ވަރަށް ހޯދަން އުޅުނިން. އެކަމަކު ކާއީވެސް އަޅާނުލާތީ ފަހުން ދަރިފުޅު ބޭނުންނުވާކަމަށް ނިންމާ އެހިސާބުން ހެއްދެވި ފަރާތާއި ވަކީލުކޮށްލީ..."
"އެކުއްޖާގެ މަތިން ހަނދާން ނައްތައިލަން މަސައްކަތްކުރިޔަސް ދިރިއުޅުމުގެ ކަންތައްދާގޮތުން ހިތަށް އަރަނީ ހަމަ އެހެދުނީ ގޯހެކޭ ކޮންމެ ހާލެއްގައިވިޔަސް ދަރިންނަށް ނަސްލު އޮޅިގެންނުވާނެ. އޭނައަށް މަންމައާއި ބައްޕަ ކާކުކަން އެނގެން ޖެހޭނެ...އެމީހުން އުޅުނު އެޑްރެސް ދީފާނަންތަ؟"
"އޯކޭ. ހިނގާ ތިކަމާއި އުޅެން. ކާއީ ބުނިހެން ހީ ހޭޒް އެ ރައިޓް ޓު ނޯ..."
"މަރުވުމުގެ ކުރިން އެކުއްޖާއާއި ބައްދަލުކޮށް މާފަށް އެދެން ބޭނުން..."
ވާހަކަދައްކަން ތިއްބާ ޕިއްޒާ ހިފައިގެން މެހެރާޒް އައުމުން ކާއިނާތުއަށް ލޯ ބޮޑުކޮށްލެވުނެވެ. ލަދެއް ބިރެއްނެތި މި ޖާހިލު ޒުވާނާއަށް އެމީހުންގެ ގެއަށް އަންނަން ކެރުނުކަމާއިމެދު އޭނަ ހަމަހައިރާންވިއެވެ. ކާއިނާތު އެއްޗެކޭ ބުނަން އުޅެނިކޮށް ޒާދާ ދުވަމުން އައިގޮތަށް މެހެރާޒްގެ އަތުން ޕިއްޒާ އަތުލިއެވެ." ތެންކްސް އެލޮޓް މެހެރާޒް."
ކާއިނާތު އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިނަމަވެސް ޖީލަން ހުއްޓުވިއެވެ. މެހެރާޒް އަޖޫޒު އަންހެނަކު ގޮވައިގެން ބާޒާރުކުރަން އުޅެނިކޮށް އިއްޔެ ކާއިނާތުއާއި ދިމާވިއެވެ.ކާއިނާތު ވިސްނަމުން ދިޔައީ އެންމެ ކަމެކެވެ. އޭނަގެ އެކުވެރިއެއްގެ ފިރިއަކު ފުލުހުންގެ ތެރޭގައިވެއެވެ. އޭނައަށް ގުޅައިގެން ކޮންމެވެސް ގޮތަކުން އަދި މެހެރާޒް ޖަލަށް ލައިގެން ނޫނީ އޭނަގެ ހިތެއް ނުފުރޭނެއެވެ.
***
ޖީލަންގެ މަސައްކަތުން އޭނަ ކާއިނާތުގެ ދަރިފުޅުދިން މީހުން ބާމިންގަަމްގައި ދިރިއުޅޭކަން އެނގުމުން އެމީހުންނާއި ގުޅަން މަސައްކަތްކޮށް އެންމެފަހުން އެމީހުން ދަރިފުޅު ގޮވައިގެން އެގެއަށް އަންނަން އެއްބަސްވިއެވެ. ޚަބަރު ލިބުނީއްސުރެ ކާއިނާތުގެ ދެފައި އެއްތަނެއްގައި ނުޖެހެއެވެ. ތަފާތު ބާވަތްބާވަތުގެ މީރު އެއްޗެހި ތައްޔާރުކުރިއެވެ. އަދްރިއަންގާތުގައިވެސް ބުނީ ކުރީގެ އެކުވެރިއެއްގެ އާއިލާއަށް ދައުވަތުދެނީ ކަމުގައެވެ.
ރާހާވެސް ކީމޯ ހަދައިގެން އައިސް ހޮޑުލާފައި ހާލު ދެރަވުމަށްފަހު އޭރު ކޮންމެވެސް ވަރަކަށް ރަގަޅުވެ ތެދުވެ އުޅުނެވެ. މަންމަގެ އެދުމަށް ރާހާއާއި ޒާދާވެސް ގެއަށް އަންނަ މެހުމާނުންނާއި ބައްދަލުވާން ތައްޔާރުވެގެން ސިޓިންރޫމްގައި އިންތިޒާރުގައި ތިއްބެވެ.
"މަންމާ ދުވަހަކުވެސް އެ ފްރެންޑްގެ ވާހަކަ މަންމަ ނުބުނަމެއްނު..އެއީ ކޮންބަޔެއްތަ؟"
އެވަގުތު ބެލްގެ އަޑުއިވުނެވެ. ކާއިނާތުގެ މޭގަނޑު ތެޅިގަތީ ވަކިގޮތެއް ބަލާފައެއް ނޫނެވެ.
ނުނިމޭ