05 May 2012, 22:12
ވަގަށް ނަގާފައިވާ ކަމަށް ޝައްކުކުރެވޭ ތަޅުތަކެއް ވިއްކަން އުޅުނު ދެވަނަ ފުރުސަތުގެ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ވަގަށް ނަގާފައިވާ ކަމަށް ޝައްކު ކުރެވޭ ބޮޑުދޮރުގައި ހަރުކުރާ އަތްގަނޑުލީ ތިން ތަޅު މާލޭ އުތުރު ހާބަރު ސަރަހައްދުގައި ވިއްކަން އުޅެނިކޮށް މީހަކު ހައްޔަރު ކުރީ މިއަދު އިރުއޮއްސި 6:25 އެހާކަންހާއިރު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. ރޭއަލިވާގޭ، އަބްދުﷲ ނައުޝާދު ކަމަށާއި މިހާރު އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"ވަގަށް ނަގާފައިވާ ކަމަށް ޝައްކު ކުރެވޭ، ބޮޑުދޮރުގައި ހަރުކުރާ އަތްގަނޑުލީ ތިން ތަޅު ވިއްކަން އުޅުނު މީހަކު މިއަދު ހައްޔަރުކުރީ. އެތަޅުތަކާ އެކު އިރުއޮއްސި 6:25 އެހާކަންހާ އިރު ހައްޔަރު ކުރީ މ. ރޭއަލިވާގޭ، އަބްދުﷲ ނައުޝާދު،" އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މި އަހަރުގެ މިހާތަނަށް ވައްކަމުގެ 2000 އަށް ވުރެ ގިނަ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.