31 Jul 2023, 17:06
ދާކާ (31 ޖުލައި 2023) :ބަންގްލަދޭޝްގައި ދިގުމުއްދަތަކަށް ވެރިކަން ކުރައްވަމުން ގެންދަވާ ބޮޑު ވަޒީރު ޝައިޚް ހަސީނާގެ ތާއީދު ކުޑަވެ އެ ގައުމުގެ ރައްޔިތުންގެ އެތައް ހާސް ބަޔަކު އޭނާގެ ވެރިކަމާ ދެކޮޅަށް ވެރިރަށް ޑާކާގެ މަގުތަކަށް ނުކުމެ ވަރުގަދަ އިހްތިޖާޖްތަކެއް ކުރަން ފަށާފައިވާއިރު އެ ކަމާ ދެކޮޅަށް ބާރުގެ ބޭނުން ކުރާނެކަމުގެ އިންޒާރު އެ ގައުމުގެ ފުލުހުން ދީފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ މަގްސަދުތަށް ހާސިލުކުރުމަށްޓަކައި ގައުމު ހަލަބޮލިކޮށް ހަރުކަށި އަމަލުތައް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށާއި ބާރުގެ ބޭނުން ކުރަން ޖެހޭ ހާލަތްތަކުގައި ބާރުގެ ބޭނުން ކުރާނެ ކަމުގައެވެ.

ފުލުހުން ބާރުގެ ބޭނުންކުރަނީ
ބަންގްލަދޭޝްއަކީ ސިޔާސީ މަގްސަދުތަށް ހާސިލުކުރުމަށްޓަކައި ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރުމާއި ހަޅުތާލު ކުރުމުގެ ފުރުސަތު ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބިދޭ ގައުމެކެވެ.
ނަމަވެސް ބޮޑު ވަޒީރު ޝައިޚް ހަސީނާ ވެރިކަމާ ދެކޮޅަށް ބަންގްލަދޭޝްގައި މިހާރު ކުރަމުންގެންދާ މުޒާހަރާތައް ހުއްޓުވުމަށްޓަކައި ފުލުހުން ގެންދަނީ އާދަޔާ ޚިލާފަށް ބާރުގެ ބޭނުން ކުރަމުންނެވެ. މީގެ ތެރޭގައި މުޒާހަރާތަކުގެ ބައިވެރިންގެ ގަޔަށް ކަރުނަ ގޭހާއި ޕެޕަ ސްޕްރޭ ޖެހުމާއި އަދި ރަބަރު ވަޒަން ބޭނުންކޮށްގެން ބަޑިން ހަމަލާދިނުން ވެސް ހިމެނެއެވެ.
މުޒާހަރާތަކާ ދެކޮޅަށް ފުލުހުން ބާރު ބޭނުން ކުރުމުގެ ސަބަބުން އެތައް ބަޔަކު ޒަޚަމްވެފައިވާއިރު ފުލުހުން ވަނީ އެތައް ބަޔަކު ހައްޔަރު ވެސް ކޮށްފައެވެ. ފުލުހުން ބުނާ ގޮތުން ބާރުގެ ބޭނުން ކުރީ މުޒާހަރާވެރިން ވެހިކަލްތަކުގައި އަލިފާންޖެހުން ހަރުކަށި އަމަލުތައް ހިންގަން ފެށުން ހިމެނެއެވެ.
ބަންގްލަދޭޝްގެ ދާޚިލީ ވަޒީރު އަސަދުއްޒަމާން ޚާން ވިދާޅުވި ގޮތުގައި ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށް ޓަކައި މުޒާހަރާތަކާއި ހަރަކާތްތައް ހިންގިދާނެއެވެ. ނަމަވެސް އެފަދަ މުޒާހަރާތަކާއި ހަރަކާތުގެ ތެރޭގައި ގާނޫނާ ޚިލާފު ހަރުކަށި އަމަލުތައް ހިންގުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ބަންގްލަދޭޝްގެ އާންމުން އެ ގައުމުގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރާ ދެކޮޅަށް ތެދުވަން ފަށާފައި މި ވަނީ ދިރިއުޅުމަށް ބޭނުންވާ އެންމެ އަސާސީ ތަކެތީގެ އަގު ބަންގަލަދޭޝްގައި އިންތިހާއަށް ބޮޑުވެ ދިރިއުޅުމުގެ ޚަރަދުތައް އާންމުންގެ އަތްފޯރާފަށަށްވުރެ މައްޗަށް ދިޔުމާ ގުޅިގެންނެވެ.

އަނެއްކޮޅުން ޝައިޚް ހަސީނާގެ ވެރިކަން ދިގުލައިގެންދިޔުމާއި އިދިކޮޅު ފަރާތްތަކުގެ އަޑުކަނޑުވާލުމަށްޓަކައި ހަސީނާގެ ސަރުކާރުން ކޯޓުތަކަށާއި މިނިވަން މުއައްސަސާތަކަށް ބާރާއި ނުފޫޒު ހިންގައި ޚުދު މުޚްތާރު ގޮތެއްގައި ވެރިކަން ކުރައްވާ ކަމުގެ ކަމުގެ ތުހުމަތު ވެސް އާންމު ރައްޔިތުން ހަސީނާގެ މައްޗަށް ކުރެއެވެ.
ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) ލީޑަރު ޚާލިދާ ޒިޔާ ވަނީ 2018 ވަނަ އަހަރުން ފެށިގެން ޖަލަށްލާފައެވެ. މި ކަމުގެ ސަބަބުން ހަސީނާގެ ސަރުކާރު ޒިންމާދާރު ކުރުވާނެ އިދިކޮޅު ސިޔާސީ ފަރާތެއް ނެތެވެ. ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ ޖަލަށްލާފައި ވަނީ ކޮރަޕްޝަނުގެ މައްސަލަތަކެއް އޭނާގެ މައްޗަށް ސާބިތުވެގެން ކޯޓުގެ ހުކުމަކުން ކަމަށްވިޔަސް ހަސީނާގެ ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ނުބަލައި ދޫކޮށްލާކަމުގެ ކަންބޮޑުވުން އެބައޮތެވެ.
އަނެއްކޮޅުން ޚާލިދާ ދިގު މުއްދަތަކަށް ޖަލަށްލާފައި ބެހެއްޓުމުގައި ހަސީނާގެ ސަރުކާރުގެ ބާރާއި ނުފޫޒު ކޯޓުތަކަށް ފޯރާފައިވާކަމުގެ ތުހުމަތު ވެސް އާންމު ސަރުކާރާ ދެކޮޅަށް ކުރެއެވެ. ބަންގްލަދޭޝްގެ މައި އިދިކޮޅު ފަރާތުގެ ބާރު ދިގުމުއްދަތަކަށް ކަނޑުވާލުމުގެ ސަބަބުން ހަސީނާގެ ސަރުކާރު ހިނގަނީ ޚުދުމުޚްތާރު ގޮތަކަށް ކަމަށް އާންމުން ވަނީ ދެކެން ފަށާފައެވެ.
ކުރިއަށް އޮތް އާންމު އިންތިޚާބަށް ބާރާއި ނުފޫޒު ފޯރުވަން ވެސް ހަސީނާގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާކަމުގެ އިހުސާސް އާންމު ކުރެއެވެ. އާންމު ރައްޔިތުންގެ މި މާޔޫސްކަމާ އެކު ތަކެތީގެ އަގުތައް ބޮޑުވެ އާންމުން ރުޅިގަދަވެފައިވާ މިދަނޑިވަޅުގައި ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރުމުގެ ފުރުސަތު އިދިކޮޅު މައި ޕާޓީކަމަށްވާ "ބީއެންޕީ"އަށް ވަނީ ލިބިފައެވެ.

ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާ
ސަރުކާރާ އިދިކޮޅު މުޒާހަރާތައް މިދިޔަ ރޯދަމަހަށްފަހު ވަނީ ފެށިފައެވެ. ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން އެންމެ ބޮޑު މުޒާހަރާ ބައްވާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ހުކުރު ދުވަހުގެ މުޒާހަރާގައި ބައި ލައްކައަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ރިޕޯޓްތައް ބުނާއިރު އެ މުޒާހަރާ ހޫނުވެ މުޒާހަރާވެރިން ވަނީ ހަރުކަށި އަމަލުތައް ވެސް ހިންގާފައެވެ.
ހަރުކަށި އަމަލުތަކުގެ ތެރޭގައި ތަންތަނުގައި ހުޅުޖެހުމާއި ފުލުހުންނަށް ހަމަލާދިނުންފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ބައެއް ސަރަހައްދުތަކުގައި މުޒާހަރާވެރިން ޕެޓްރޯލް ބޮމުން އާންމުންގެ މުދަލަށާއި ވިޔަފާރިތަކަށް ހަމަލާދިނުމުގެ ހަރުކަށި އަމަލުތައް ހިންގަމުންދާ ކަމަށް އެ ގައުމުގެ މީޑީއާ ބުނެއެވެ.
ހުކުރު ދުވަހުގެ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުން މުޒާހަރާވެރިންގެ 30 މީހުން ޒަޚަމްވެފައިވާއިރު މުޒާހަރާވެރިންގެ ހަމަލާތަކުގައި ފުލުހުންގެ އެތައް ބަޔަކު ވެސް ޒަޚަމްވި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހަސީނާ ބަންގްލަދޭޝްގައި ވެރިކަން ކުރައްވަމުން ގެންދަވާތާ މިހާރު ވަނީ 20 އަހަރާ ގާތްވެފައެވެ. މިހާރު މިއީ އޭނާގެ ހަތަރުވަނަ ދައުރެވެ. ކޮންމެ ދައުރަކީ 5 އަހަރެވެ. ނަމަވެސް މި ހަތަރު ދައުރުގައި އޭނާ ވެރިކަން ކުރައްވަނީ މެދުކެނޑުމަކައި ވެސް އެކުގައެވެ. ހަސީނާގެ ހަތަރުވަނަ ދައުރު ފެށުނީ 2019 ވަނަ އަހަރެވެ.