31 Jul 2023, 14:52
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކޯލިޝަނާ ވާދަކޮށްލަން ކެރޭ އެއްވެސް ލީޑަރެއް ނުފެންނަ ކަމަށް ރައީސްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސިޔާމް މި ފަދައިން ވިދާޅުވީ ރައީސް ށ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ފުނަދޫގައި ވާހަކަފުޅުދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ މި ފަހަރުގެ އިންތިޚާބުގައި ވާދަކުރާނެކަމަށް ވިދާޅުވެ ލީޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އަދި ތިބީ ފިލައިކަމަށެވެ. ފާޅުވާއިރު ދެން އެ ލީޑަރުން ދައްކާނެ މަންޒަރެއް ބަލައިލުމުގެ ޝައުގުވެރިކަން އޮތްކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ހަމަ ނުފެނޭ އެހެން އެއްވެސް ސިޔާސީ ވާދަވެރި އެއްވެސް ލީޑަރެއް، އަޅުގަނޑުމެންނާ ވާދަކޮށްލަން ކެރޭ އެއްވެސް މީހަކު ނުފެނޭ،" ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ރައީސް ޞާލިޙުގެ ފަސް އަހަރުގެ ވެރިކަން ތަޖުރިބާކުރެވެފައިވާއިރު އިތުރު އައު ވެރިކަމެއް ގެންނަންވީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.
"ދެން ކީއްކުރަންތޯ ގޮތްނޭނގޭ އެއްޗެއް ތަޖުރިބާ ކުރަން އަޅުގަނޑުމެން ބޭނުންވަނީ،" ސިޔާމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ކޮންމެ ފަސް އަހަރަކުން ރިޔާސީ އިންތިޚާބެއް އޮންނައިރު އެހެން އިތުރު އައު ވެރިއަކު އައިސްފިނަމަ ތަރައްގީގައި ދެ އަހަރު ގެއްލިގެން ދިއުމުގެ ފުރުސަތު އޮންނާނެކަމަށެވެ.
ވިސްނަންވީ ސިޔާސީ ވެރިއަކު ހޯދުމަށް ނޫންކަމަށާއި ރައްޔިތުންނަށް ފައިދާހުރި ގޮތަށް ކަންތައްތައް ކުރާނެ ބަޔަކު ހޯދުމަށްކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި މުޅި ރާއްޖޭގައި ދަތުރުކުރާއިރު މިހާރު ފެންނަނީ މި ދައުރުގައި ތަރައްގީ އައިސްފައިހުރި މިންވަރުކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ތަރައްގީ ބޭނުންނަމަ އޮތް ހަމައެކަނި ޗޮއިސްއަކީ ރައީސް ޞާލިޙު ދެވަނަ ދައުރަކަށް އިންތިޚާބުކުރުންކަމަށް ސިޔާމް ވިދާޅުވިއެވެ.