ތަފާތު އެކި ކަހަލަ ނުރައްކާތެރި ނަފުރަތުގެ ވާހަކަތައް ދައްކަމުން ދިޔުމުގެ ސަބަބުން ސަސްޕެންޑު ކުރި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްގެ ޓްވިޓާ އެކައުންޓް އަލުން އެކްޓިވޭޓް ކޮށްފިއެވެ.

ކާންޔޭގެ ތަފާތު އަމަލުތަކާއި ވާހަކަތަކުގެ ސަބަބުން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ސަސްޕެންޑް ކޮށްފައެވެ. އަދި، އޭގެތެރެއިން ޓްވިޓާ ވަނީ ދެ ފަހަރެއްގެ މަތީން ސަސްޕެންޑް ކޮށްފައެވެ. ފުރަތަމަ ފަހަރަށް އެކައުންޓް ސަސްޕެންޑް ކޮށްފައިވަނީ ޖޯޖް ފްލޮއިޑްގެ މަރާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާއި އެންޓި ސެމިޓިކް ކޮމެންޓުތަކާ ގުޅިގެންނެވެ.

ނަމަވެސް އެއަށް ފަހު ޓްވިޓާގެ މެނޭޖްމެންޓް ބަދަލުވެ ދުނިޔޭގެ އެންމެ މުއްސަނދި މީހާ އީލޯން މަސްކް ޓްވިޓާ ގަތެވެ. އަދި، ހިޔާލު ފާޅުކުރުމުގެ ބާރު ހުރިހާ އެންމެނަށް ވެސް ލިބެން ޖެހޭނެ ކަމަށް އަންގައި އޭނާ ކާންޔޭގެ އެކައުންޓް އަލުން އެކްޓިވޭޓް ކުރިއެވެ.

މި ފަހަރު އޭނާ އުޅުނީ ޓްވިޓާގައި ނާޒީން ޕްރޮމޯޓުކޮށް އެޑޮލްފް ހިޓްލަރު ދިފާއު ކުރުމަށެވެ. އެއާ އެކު އޭނާގެ އެކައުންޓް އަލުން ސަސްޕެންޑް ކުރިއެވެ.

މިހާރު މަސްކު ވަނީ އަލުން އޭނާގެ އެކައުންޓް އެކްޓިވޭޓް ކޮށްފައެވެ. މި ފަހަރު އޭނާގެ އެކައުންޓް އެކްޓިވޭޓް ކޮށްފައިވަނީ ޓްވިޓާގެ ރީބްރޭންޑާ އެކުގައެވެ. ޓްވިޓާގެ ރީބްރޭންޑާ އެކު މިހާރު ޕްލެޓްފޯމަށް ކިޔަނީ "އެކްސް (x)" އެވެ. މިއީ މަސްކުގެ އެންމެ ފުރަތަމަ ކުންފުންޏާ އެއްގޮތް ކުރުމަށް ގެނައި ބަދަލެކެވެ.

ކާންޔޭގެ އެކްސް އެކައުންޓް އެކްޓިވޭޓް ކުރުމަށް ފަހު އަދި މިހާތަނަށް އޭނާ އެއްވެސް ޕޯސްޓެއް ކޮށްފައެއް ނުވެއެވެ. އޭނާގެ އެންމެ ފަހުގެ ޕޯސްޓަކަށް އިނީ 22 ޑިސެމްބަރުގައި ކުރި ޕޯސްޓެކެވެ.

އެކްސްއާ އެކު ޕްލެޓްފޯމަށް އަންނަނީ ތަފާތު ގިނަ ބަދަލުތައް ގެންނަމުންނެވެ. ނަމަވެސް މިއިން ގިނަ ބަދަލުތަކަކީ އާންމުންނަށް ކަމުދާ ބަދަލުތަކެއް ނޫނެވެ. އޭގެ ތެރޭގައި ތަފާތު އެކި މުހިއްމު ފީޗާތައް، ސަބްސްކްރިޕްޝަންގެ ފަހަތުގައި ފޮރުވުން ހިމެނެއެވެ.