ސަރުކާރުގެ ހަރަދުގައި 34 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދ. މީދޫގައި ގާއިމު ކުރި ބަނދަރު މިއަދު ހުޅުވައިފި އެވެ.

މުޅިން އަލަށް މީދޫގައި ހެދި އެ ރަށު ބަނދަރު ހުޅުވުމަށް މިއަދު ހަވީރު ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ބަނދަރު ހުޅުވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު އެވެ.

އެ ރަށު ގިނަ ރައްޔިތުން ބައިވެރިވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާމިރު ވިދާޅުވީ ބަނދަރު ހެދުމުގައި ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެންބަރު، އަހުމަދު ސިޔާމް މުހައްމަދު އިސް ދައުރެއް އަދާކުރައްވާފައިވާ ކަމަށެވެ. އަދި އެހެންކަމާ އެކު ސިޔާމަށް އޭނާ ވަނީ ޝުކުރުއަދާކުރައްވައިފަ އެވެ.

އަދި އާމިރު ވިދާޅުވީ އެ އަތޮޅު ތަމްސީލު ކުރައްވާ ދެ މެންބަރުންގެ ހައިސިއްޔަތުން ސިޔާމާއި އާމިރު އެ އަތޮޅުގެ ތަރައްގީ ޓަކައި ކުރިއަށް އޮތްތާގައި ވެސް މަސައްކަތް ކުރެއްވުމުގައި ދެމިތިއްބަވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޑެންމާކުގެ ހޯގާޑު ކުންފުންޏާ ހަވާލުކުރި ބަނދަރު ހެދުމުގެ މަސައްކަތް ނިމިފައި ވަނީ މި އަހަރުގެ ފެބުރުއަރީ މަހު އެވެ. އެ ބަނދަރަކީ ދިގުމިނުގައި 1070 ފޫޓު އަދި ފުޅާމިނުގައި 300 ފޫޓު ހުންނަ ބަނދަރެއް ކަމަށް މީދޫ ކައުންސިލުން ބުނެ އެވެ.