31 Jul 2023, 08:57
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަންމާފުޅު ފާތިމަތު ހަސަން މިއަދު ހެނދުނު ސްރީލަންކާގައި އަވަހާރަވެއްޖެއެވެ.
އެކަމަނާ އަވަހާރަވީއިރު އުމުރުފުޅަކީ 86 އަހަރެވެ. ސިއްހީ ހާލުކޮޅު ދެރަވެ ފަރުވާދެމުންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
އެނގިފައިވާގޮތުގައި އެކަމަނާގެ ޖަނާޒާ އޮންނާނީ މިރެއެވެ.
ފާތިމަތު ހަސަންގެ ހަ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ. ސްރީލަންކާގައި ދިރިއުޅުއްވަމުން ގެންދެވީ ދަރިކަނބަލުން މުސްލިމާ އަބްދުލްގައްޔޫމާ އެކުގައެވެ. އެކަމަނާއަކީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގުގެ ބޮޑުދައިތާފުޅު ވެސްމެއެވެ.
ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވީއިރު، އެ މަނިކުފާނު ހުންނެވީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ޚިޔާނަތުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށްލައިފައެވެ. އެމަނިކުފާނު ޖަލުގައި ހުންނަވަނިކޮށް ދައްތާފުޅު، މޫމިނާ އަބްދުލްގައްޔޫމް ވެސް ވަނީ އަވަހާރަވެފައެވެ.