31 Jul 2023, 09:54
ސައުދީއަރަބިއާއިން ފުޓުބޯޅައިގެ ޓްރާންސްފާ މާކެޓު މުޅިން ބަދަލުކޮށްލާފައިވާ ކަމަށާއި މިހާރު އެ ދަނީ ބަދަލަކާ ދިމާއަށް ކަމަށް މެންޗެސްޓާ ސިޓީގެ ކާމިޔާބު ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ބޮޑެތި އަގުތަކެއް ހުށަހަޅައިގެން ސައުދީން ޓްރާންސްފާ މާކެޓަށް ބަދަލު ގެނެސްފައިވާ ކަމަށް ގާޑިއޯލާ ބުނެފައިވާ އިރު، އެ ކްލަބަށް ކުޅެމުންދިޔަ އަލްޖީރިއާ ފޯވަޑް ރިޔާދް މަހްރޭޒް ވެސް ވަނީ ސައުދީގެ އަލް އަހްލީއާ ގުޅިފައެވެ.
އަލް އަހްލީއަށް މަހްރޭޒް ދޫކޮށްލާފައިވަނީ 30 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. މަހްރޭޒް ވަނީ ސިޓީއާއެކު ހަތަރު ޕްރިމިއާ ލީގާއި މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ޓްރާންސްފާ މާކެޓު ހުޅުވުމާއެކު އަލް އަހްލީން ދިޔައީ މަހްރޭޒް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ދެކުނު ކޮރެއާގައި ސިޓީން ކުރިއަށްގެންދާ ތަމްރީނުތަކުގެ ތެރެއިން ގާޑިއޯލާ ވަނީ އެ ކްލަބުގެ ޓްރާންސްފާތަކާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ. އަދި ސައުދީން ފުޓުބޯޅައަށް ކުރާ ބޮޑު ހޭދައާ ގޮޅޭގޮތުން ވެސް އޭނާ ނޫސްވެރިންނާ ވާހަކަދައްކާފައިވެއެވެ.
"ފެންވަރުގެ ގޮތުން މަހްރޭޒްގެ ބަދަލުގައި ކުޅުންތެރިއެއް ހޯދަން ސިޓީން މަސައްކަތެއް ނުކުރޭ. ކޮންމެ ކުޅުންތެރިޔަކީ ވެސް ތަފާތު ކުޅުންތެރިއެއް. ސައުދީން އެ ވަނީ މުޅި މާކެޓް ބަދަލުކޮށްލާފައި. މީގެ މަސްތަކެއް ކުރިން ކްރިސްޓިއާނޯ ރޮނާލްޑޯ ގެންގޮސް، މިހާރު ގިނަ ފުޓުބޯޅަ ތަރިންތަކެއް ސައުދީ ލީގަށް އެ ދަނީ ގެންދަމުން. އެއީ އެއްވެސް މީހަކު ކުރިން އަންދާޒާ ކޮށްފައި އޮންނާނެ ކަމެއް ނޫން،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ޓްރާންސްފާ މާކެޓުގައި ސައުދީގެ ކަންކަމާ މެދު އެހެން ކްލަބުތަކުން ސަމާލުވާން ޖެހޭނެ ކަމަށާއި މަހްރޭޒް ވެސް ސައުދީއާ ގުޅުނީ ވަރަށް ބޮޑު ހުށަހެޅުމެއް އައިސްގެން ކަމަށެވެ. އަދި އެއީ ނޫނެކޭ ބުނެވޭނެ ވަރަށްވުރެ ބޮޑު ހުށަހެޅުމެއް ކަމަށް އޭނާ ބުންޏެވެ.
ރޮނާލްޑޯއަށްފަހު ކުރިއަށްއޮތް ސީޒަނަށް ސައުދީގެ ކްލަބުތަކަށް ގެންދިޔަ ތަރިންގެ ތެރޭގައި ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ، މިޑްފީލްޑަރު އެންގޯލޯ ކަންޓޭ، ސެނެގާލް ފޯވަޑް ސާޑިއޯ މާނޭ، ޕޯޗުގަލް މިޑްފީލްޑަރު ރުބެން ނެވޭސް، ސެނެގާލް ގޯލްކީޕަރު އެޑުއާޑް މެންޑީ, އިނގިރޭސި މިޑްފީލްޑަރު ޖޯޑަން ހެންޑަސަން އަދި ސާބިއާ މިޑްފީލްޑަރު ސާގޭ މިލިންކޮވިޗް ސަވިޗް ހިމެނެއެވެ.
ސައުދީ ކްލަބުތަކުން ހުށަހަޅާ ޓްރާންސްފާ ފީތަކުގެ އިތުރުން އެ ކުޅުންތެރިންނަށް ދޭ މުސާރަތައް ވެސް އިންތިހާއަށް ބޮޑެވެ. އެގޮތުން އަލް ނަސްރުން ރޮނާލްޑޯއަށް ވެސް އަހަރެއްގެ މައްޗަށް 177 މިލިއަން ޕައުންޑްގެ މުސާރައެއް ދެއެވެ.