އާޖެންޓީނާ ތަރި ލިއޮނެލް މެސީއަށް ބާސެލޯނާ އިން ފުރިހަމަ އަލްވަދާއެއް ކިޔުމުގެ ފުރުސަތު ދޭނެ ކަމަށް އިންޓަ މަޔާމީގެ ކޯ-އޯނަރު ޖޯޖް މާސް ބުނެފިއެވެ.

އިނގިރޭސި ފުޓުބޯޅަ ލެޖެންޑް ޑޭވިޑް ބެކަމް އާއި ވިޔަފާރިވެރިޔާ ޖޯޖް މާސްގެ އިންޓަ މަޔާމީއާ މެސީ ގުޅިފައިވަނީ ބާސެލޯނާއަށް އަލުން މެސީ ގެންދިއުމަށް ވެސް މަސައްކަތްތަކެއް ކުރަމުންދަނިކޮށެވެ. މީގެ ކުރިން 2021 ވަނަ އަހަރު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ގުޅުމުގެ ކުރިން ބާސާއާ އަލްވަދާއު ކިޔުމުގެ ފުރުސަތެއް މެސީއަށް ލިބިފައެއް ނުވެއެވެ. ނަމަވެސް މިހާރު އެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމުގެ ޔަގީންކަން އިންޓަ މަޔާމީގެ ފަރާތުން މާސް ވަނީ ދީފައެވެ.

"އަހަރެންނަކަށް އަދި ނޭނގޭ އެއީ އެކުވެރިކަމުގެ މެޗެއް ކަމެއް ނުވަތަ އަލްވަދާއު ކިޔުމަށް ކުޅެވިގެންދާނެ ހާއްސަ މެޗެއް ކަމެއް. ބާސާގެ ކޭމްޕް ނޯ ސްޓޭޑިއަމް ހުޅުވުމާއެކު މެސީއަށް އަލްވަދާއު ކިޔުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް އަހަރެން އުންމީދުކުރަން. މެސީއަށް އަލްވަދާއު ކިޔުމުގެ ފުރުސަތު ލިބޭނެ. އެކަން ތަނަވަސްކޮށްދޭން އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން," މާސް ބުންޏެވެ.

ލޯނުގެ ދަށުން މެސީއަށް ބާސާއާ ގުޅުމުގެ ފުރުސަތު އޮތްތޯ ސުވާލުކުރުމުން މާސް ބުނީ، ބާސާ އިން މެސީއަށް ފުރިހަމަ އަލްވަދާއެއް ހައްގު ނަމަވެސް، ލޯނުގެ ދަށުން ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އަދި އެއީ ވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

އިންޓަ މަޔާމީ އާއި ބާސާގެ އިތުރުން ސައުދީ އަރަބިއާ އިން ވެސް މެސީއަށް ބޮޑު ހުށަހެޅުމެއް ލިބިގެންދިޔައެވެ. އިންޓަ މަޔާމީއަށް މެސީ މިހާތަނަށް ކުޅުނު ދެ މެޗުން އޭނާ ވަނީ ތިން ގޯލު ކާމިޔާބުކޮށްފައެވެ.