31 Jul 2023, 08:07
އަބިޝެކް ބައްޗަންއާއި ބަތަލާ ސައިޔާމީ ހޭރު ލީޑް ރޯލް ކުޅޭ ފިލްމު "ގޫމަރު" ކުރިޔަށްއޮތް އޮގަސްޓް މަހުގެ 18ގައި ސިނަމާއަށް ގެންނަން ތާވަލުކޮށްފިއެވެ.
ފިލްމު "ޕާ"، "އިންގްލިޝް ވިންގްލިޝް" އަދި "ޗީނީ ކަމް"ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ އާރު ބަލްކީގެ މިފިލްމަކީ، ކުޅިވަރުގެ ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ހިތްވަރުގަދަ އަންހެނެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
ފިލްމުގައި ބަތަލާ ސައިޔާމީ ފެންނާނީ ދިމާވާ ސިއްހީ މައްސަލައަކާހެދި ކްރިކެޓް ކުޅުމުގައި ދަތިތަކެއްހުރި ނަމަވެސް އެދާއިރާއިން ކުރިޔަށްދާން ބޭނުންވާ ކެރޭ ކުޅުންތެރިއެއްގެ ރޯލްއިންނެވެ.
ފިލްމު "ގޫމަރު" އޮގަސްޓް މަހު ރިލީޒްކުރުމަށް ތާވަލުކުރެވުނުއިރު މިމަހު ވަރަށްގިނަ ފިލްމުތައް ސިނަމާތަކަށް ގެންނަންވަނީ ނިންމާފައެވެ. އޭގެތެރޭގައި، އޮގަސްޓް 11ގައި ރިލީޒްކުރެވޭ ފިލްމު "ގަދަރު2" އަދި އޮގަސްޓް މަހު 25ގައި ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމު "ޑްރީމް ގާލް2" ހިމެނެއެވެ. މީގެއިތުރުން އަކްޝޭ ކުމާރު މުހިއްމު ރޯލްއިން ފެންނަ ފިލްމު "އޯމައި ގޯޑް2"ވެސް އޮގަސްޓް މަހުގެ 11ވަނަ ދުވަހު ރިލީޒްކުރުމުގެ ފުރުސަތު ބޮޑެވެ. މިފިލްމު މިހާރުވަނީ ސެންސަރު ބޯޑަށް ހުށަހަޅާފައެވެ.
އަބިޝެކް ބައްޗަން ކުޅިވަރު ކޯޗެއްގެ ރޯލްއިން ފެންނަ މިފިލްމު ސިނަމާތަކަށް ގެނައުމުގެ ކުރިން އޮގަސްޓް މަހުގެ 11ވަނަ ދުވަހު ފެށޭ އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބޯން (އައިއެފްއެފްއެމް)ގައި ޕްރިމިއާކުރުމަށްވެސްވަނީ ނިންމާފައެވެ.
އަބިޝޭކްއާއި ސައިޔާމީގެ އިތުރުން ބަތަލާ ޝަބާނާ އަޒްމީ، އެކްޓަރު އަންގަދު ބެދީ އަދި ވަރަށް ހާއްސަ ފެނިލުމަކުން އެކްޓަރު އަމީތާބް ބައްޗަންވެސް ފިލްމުން ފެންނާނެއެވެ. އަމީތާބް ބައްޗަންއަކީ ފިލްމުގެ ޑައިރެކްޓަރު އާރު ބަލްކީގެ ވަރަށް ގިނަ ފިލްމުތަކުގައި އެކީގައި މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ.