30 Jul 2023, 23:43
ވެރިކަން ނުލިބި، އަމިއްލައަށް ލެއާއި ދާ އޮހޮރުވައިގެން އެއްކުރި ފައިސާއާއި މުދަލުން ނިކަމެތިންނަށް އެހީވި ކެންޑިޑޭޓަކީ އޭނާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.
ސެޕްޓެމްބަރު ނުވައެއްގައި އޮންނަ އިންތިޚާބަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ގާސިމް މިރޭ މީޑިއާތަކަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ވެރިކަމަށް ވަޑައިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ކަންކަމަކީ އެއްވެސް ވެރިއެއްގެ "ހެޔޮފުޅު"ކަން ނޫން ކަމަށާއި އެއީ، ކޮންމެ މީހަކު ވެރިކަމަށް އަޔަސް ކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަންތައްތައް ކަމަށެވެ.
ގާސިމް ވިދާޅުވީ، މިހާރު ވެސް އޭނާގެ ޚަރަދުގައި ކިޔަވައިގެން ތިބި 7،000 އަށް ވުރެ ގިނަ ދިވެހިން، އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑު އެ ކަންކަން ކުރީއިރުގައި ދިވެހި ސަރުކާރަކުން ނުކުރޭ. ބޭރަކަށް ކުދިންނެއް ކިޔާވަކަށް ވެސް ނުފޮނުވާ ދައުލަތުގެ ޚަރަދުގައެއް،" ގާސިމް ވިދާޅުވިއެވެ.
"ތަންތަނުން ލިބޭ ސްކޯލާޝިޕްތަކުގައި ދިވެހި ސަރުކާރުން މީހުން ތަންތަނަށް ފޮނުވާފައި ހުރީ. ދިވެހި ސަރުކާރުން ޚަރަދު ކޮށްގެނެއް ނޫން. އަޅުގަނޑުގެ ފިނޭންސް މިނިސްޓަރު ކަމުގައި އަޅުގަނޑު ރައީސް މައުމޫން އަރިހުގައި އާދޭސް ދަންނަވައިގެން އެތައް ވަރަކުން ދިވެހި ދަރިވަރުންނަށް ފޮތް ފަންސޫރާއި ޖީސީއީ އިމްތިޙާނަށް ފައިސާ ދައްކައިދޭ ގޮތް ހެދީ،"
އޭނާ ވިދާޅުވީ ބޭސް ފަރުވާއަށް ވެސް އެތައް ނިކަމެތިންނަކަށް އެހީވިން ކަމަށާއި އަދި، އެތައް އަހަރެއް ފަރުވާގައި ބޭރު ގައުމުތަކުގައި ހޭދަކުރި މީހުން ވެސް އެބަތިބި ކަމަށާއި ބަޖެޓު ހުސްވެގެން ދުވަހަކު ވެސް އެ ޚަރަދުތައް ހުއްޓައިނުލާ ކަމަށެވެ.
"ބައެއް މީހުންނަށް ފަސް އަހަރު ހަތަރު އަހަރު އެބަހުރި މަސައްކަތް ކޮށްދީފައި،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، މީހެއްގެ ގާބިލުކަން ބެލުމަށް މާޒީގައި އޭނާ ކިހާ ކަންތައްތަކެއް ކޮށްދީފައިވޭތޯ ބަލަން ޖެހޭނެ ކަމަށެވެ. އަދި، ހެޔޮ ވެރިކަމެއް ކޮށްދެވޭނެ އެފަދަ ބޭފުޅަކަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެހެން ކެންޑިޑޭޓުންނަކީ އަމިއްލަ ފައިސާއިން ކަންތައްތައް ކޮށްދެއްވާފައިވާ ބޭފުޅުންނެއް ނޫން ކަމަށާއި އަމިއްލަ ފައިސާއާއި މުދަލުން އެންމެ ގިނަ ކަންތައްތައް ކޮށްދީފައިވާނީ އޭނާ ކަމަށެވެ.