އައްޑޫ ސިޓީގެ ހުޅުމީދޫގައި މޫދަށް އެރި އުޅުނު އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

ހުޅުމީދޫ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުންނެވި އަހުމަދު އަޝްރަފް މިރޭ ވިދާޅުވީ އެ ރަށު އިންޖީނުގޭ ސަރަހައްދަށް މޫދަށް އެރިއުޅުނު، މީދޫ، ގުލޭނޫރަންގެ، އައިމިނަތުދީދީ،74، މަރުވެފައި އޮއްވައި ފެނުނީ މިއަދު މެންދުރު 12:15 އެހާކަންހާ އިރު ކަމަށާއި ނަމަވެސް އެ މީހާ މަރުވެފައި ވަނީ ގެނބިގެން ކަމެއް ނުވަތަ އެ ނޫން ހާދިސާއެއް ހިނގައިގެން ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އަޝްރަފު ވިދާޅުވީ މިއަދު 10:30 އެހާކަންހާއިރު މޫދަށް ގޮސް އުޅުނު އެ އަންހެންމީހާ މަރުވެފައި އޮއްވައި އެ ރަށު ބަޔަކަށް ފެނިގެން ހޮސްޕިޓަލަށް ގެނައީ ފުލުހުންގެ ވެހިކަލެއްގައި ކަމަށެވެ. އަދި ވިދާޅުވީ އެމީހާއަކީ އާންމުކޮށް ކޮންމެ ދުވަހު ވެސް މޫދަށް ގޮސްއުޅޭ މީހެއް ކަމަށެވެ.

"މިރަށު އިންޖީނުގެ ހުންނަ ސަރަހައްދުގެ މޫދަށް މިއަދު ހެނދުނު 10:30 އެހާކަންހާއިރު ގޮސް އުޅުނު 74 އަހަރުގެ އަންހެނަކު މިއަދު 12:15 އެހާކަންހާ އިރު މަރުވެފައި އޮއްވައި ފެނުނީ މިރަށު ބަޔަކަށް. ދެން ފުލުހުނަށް ރިޕޯޓުކޮށްގެން ފުލުހުންގެ ވެހިކަލްގައި ހޮސްޕިޓަލަށް ގެނައީ. ގެނައި އިރު ވެސް އޮތީ މަރުވެފައި." އަޝްރަފް ވިދާޅުވި އެވެ.

ފުލުހުން ވެސް ވަނީ އެ ރަށު މޫދުގައި މަރުވެފައި އޮތް މީހަކު ހޮސްޕިޓަލަށް ގެންދިޔަ ކަން ކަށަވަރުކޮށްދީފަ އެވެ.