31 Jul 2023, 11:34
މި އަހަރުގެ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ވާދަކުރައްވާ މުޙައްމަދު ނާޒިމްގެ ވެރިކަމެއްގައި، މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިއުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް އެމަނިކުފާނު މިރޭ ވައުދުވެއްޖެއެވެ.
އެމްއެންޕީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މިހާރަކަށް އައިސް މޫނު ބުރުގާ އަޅާ އަންހެނުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ސިފަ ކުރާ ކަމަށާއި، އެއީ ވަރަށް ބިރުވެރިކަމެއް ކަމަށް ވިދާޅުވިއެވެ.
"ނިގާބު އެޅުމާއެކު ކުއްލި ސިހުމެއް މީހުންނަށް މި އަންނަނީ. އެގޮތަށް މި ގަބޫލު ކުރުވަނީ މީހުން ލައްވާ. އެއީ ޓެރެރިސްޓުން ގޮތުގަ ގަބޫލު ކުރުވަނީ،" ނާޒިމް ވިދާޅުވިއެވެ.
ބަވަނަވެފައިވާ މި ދުނިޔޭގައި ޒަމާނާ އެއްގޮތަށް ބަދަލުވާންޖެހޭކަން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ ތުނބުޅި ލީ ކޮންމެ މީހަކީ ޓެރަރިސްޓަކަށް ނުވާނެ ކަމަށެވެ.
"ކޮންމެ ތުނބުޅި ލީ މީހަކީ ޓެރަރިސްޓެއް ނޫން. ކޮންމެ ނިގާބު އެޅި މީހަކީ ވެސް ޓެރަރިސްޓެއް ނޫން،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަންހެނުންގެ ހައްގު ތަކަށް މިއަދު ވަކާލާތު ކުރަންޖެހޭ ކަމަށެވެ. އެގޮތުން، އިސްލާމް ދީނުގައި ނިވާ ކުރުމުގެ މިންގަނޑުތަކެއް އޮންނަ ކަމަށާއި އޭގެ ތެރޭގައި މޫނު ބުރުގާ އެޅުން ވެސް ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ ނިގާބު އަޅާ މީހުންގެ ހައްގުތައް ވެސް ސަރުކާރުން ނިގުޅައިގެންފައިވާ ކަމަށެވެ.
ކައުންޓާ ޓެރެރިޒަމް ޑިޕާޓްމެންޓެއް އެންމެ ފުރަތަމަ އުފެއްދީ އޭނާގެ ބެލުމުގެ ދަށުންކަން ފާހަގަ ކުރައްވާ، ނާޒިމް ވިދާޅުވީ އެއަށް ފަހު އޭނާއަށް ފެންނަ ޚިޔާލުތަކެއް އެތަނަށް ހުށަހެޅުއްވި ކަމަށެވެ.
"އަޅުގަނޑުގެ ސަރުކާރެއްގައި ނިގާބު އަޅާ އަންހެން ކަނބަލުންނަށް، ކިޔަވާ ކުދިންނަށް ދަންނަވަން އޮތީ އެގޮތަށް ތިބެގެން އެކަން ކުރެވޭނެ މާހައުލެއް އަޅުގަނޑު ގާއިމު ކުރާނަން. އެ މާހައުލަކީ ސްކޫލް މަދަރުސާތަކުގައި ހެދޭ ކްލާސް ރޫމަކީ އެކަމަށް ޚާއްސަ ކުރެވޭ ކްލާސް ރޫމް ތަކަކަށް ހަދާނީ. އެ ކްލާސް ރޫމް ތަކުގައި އެ ކަނބަލުންނަށް އެންމެ ކަންބޮޑުވާ މައްސަލައަކަށް އޮންނަނީ އެމީހަކީ ކާކުކަން ނޭނގުން. އެކަން އެނގޭ ގޮތަށް އަޅުގަނޑުމެން ބަދަލު ކުރާނީ. އެތެރެއަށް ވަނީމަ އެ ކިޔަވާ ކުދިންނަށާއި މުދައްރިސަށް އޭނާ އެއީ ކާކުކަން އަންގައިދެވޭނެ. މާހައުލަށް ބަދަލެއް މި ގެންނަނީ،" ނާޒިމް ވިދާޅުވިއެވެ.
މިމައްސަލައަށް ހައްލެއް އެބައޮތް ކަމުގެ ޔަގީންކަން ދެއްވާ ނާޒިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މޫނު ބުރުގާ އަޅައިގެން ސަރުކާރުގެ ވަޒީފާތަކުގައްޔާއި ސްކޫލް މަދަރުސާގައި ތަކުގައްޔާއި އާއްމު ތަންތަނުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ކަމެއްވެސް ކުރެވޭނެ ކަމަށެވެ.
ނާޒިމް މިހެން ވިދާޅުވިއިރު، އަރަބިއްޔާ ސްކޫލުގެ ބައެއް ދަރިވަރުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދާތީ، އެކަން އެގޮތަށް ނުކުރުމަށް ސްކޫލުން އެންގުމުން، އެ މައްސަލަވަނީ އެ ސްކޫލުގެ ބެލެވެރިންގެ ފަރާތުން ކޯޓަށް ހުށަހަޅާފައެވެ. އަދި، މޫނު ބުރުގާ އަޅާ މުދައްރިސުން ކިޔަވައިދޭ ވަގުތު މޫނު ނެގުމަށް އެޑިއުކޭޝަންއިން އެންމެ ފަހުން އެކުލަވާލި ގަވާއިދުގައި އޮތް ކަމަށް ބުނެ، ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން ދެއެވެ.