އެކްޓަރު އަރުޖުން ރާމްޕާލްގެ ދެ އަންހެން ކުދިންގެތެރެއިން ހަގު ދަރިފުޅު މާއިރާ މޮޑެލިންގް ދާއިރާއާ ގުޅިއްޖެއެވެ.

އިންޑިއާގެ މުމްބާއިގައި ކުރިޔަށްދާ އިންޑިއާ ކޫޗިއާ ވީކްގެ ފެޝަން ޝޯވްގެ ރޭމްޕްގައި މާއިރާ ހިނގާފައިދާ މަންޒަރު އަރުޖުންވަނީ އަމިއްލަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މާއިރީ މޮޑެލިންގް ދާއިރާއިން ކުރިޔަށްދާން ނިންމި ނިންމުމާއެކު ރޭމްގައި ހިނގާފައިދާ މަންޒަރު ފެނުމުން ވަރަށް ބޮޑު އުފަލެއް ލިބުނުކަމަށާއި ދަރިފުޅާމެދު ފަޚުރުވެރިވާކަމަށް އެކްޓަރުވަނީ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައެވެ.

އަރުޖުންގެ ދަރިފުޅު މާއިރާ މޮޑެލިންގް ދާއިރާއިން ކުރިޔަށްދާން ނިންމިއިރު އެކްޓުކުރުމުގެކުރިން އަރުޖުންއަކީވެސް މޮޑެލިންގް ދުނިޔޭގައި އެންމެ ވިދުންގަދަ އެއް މޮޑެލްއެވެ. އަދި އަރުޖުންގެ އޭރުގެ ޙަޔާތުގެ ބައިވެރިޔާ މެހެރް ޖޭސިއާއަކީވެސް މޮޑެލް ކުރުމުގެ ދާއިރާގައި އަރުޖުންއާއެކު މަސައްކަތްކުރި ފަރާތެކެވެ. ދެ މީހުންގެ 20 އަހަރުވީ ކައިވެނި ރޫޅާލުމަށްފަހު އަރުޖުން ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ސައުތު އެފްރިކާއަށް ނިސްބަތްވާ ބަތަލާ އަދި މޮޑެލް ގެބްރިއާލްއާއެވެ. އަރުޖުންއާއި ގެބްރިއާލްއަށް ދެ ފިރިހެންކުދިންވަނީ ލިބިފައެވެ.

އަރުޖުންގެ ދަރިފުޅު މާއިރާ މޮޑެލްއެއްގެ ގޮތުގައި ފެނުމުން ގިނަބަޔަކަށް އަރުޖުން މޮޑެލްކުރި ދުވަސްތަކުގެ ހަނދާންތައް އާވިކަމަށާއި މާއިރާ ބޮޑަށް ވައްތަރީވެސް މަންމަ މެހެރްއާއިކަމަށްވަނީ ބުނެފައެވެ. މީގެއިތުރުން ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުންވެސްވަނީ އަރުޖުންއަށް މަރުހަބާ ކިޔާފައެވެ.

މާއިރާ މޮޑެލިންގް ދާއިރާއިން ކުރިޔަށްދާން ނިންމިއިރު އަރުޖުން ބުނެފައިވަނީ ދޮށީ ދަރިފުޅު މަހީކާ އެކްޓިންގްއަށް ޝައުޤުވެރިވާކަމަށެވެ. އެހެންނަމަވެސް އެކްޓިންގް ދާއިރާއަށް ނުކުތުމުގެކުރިން މަހީކާ އެ ދާއިރާއިން ކިޔެވުމަށް ލަފާ ދީފައިވާނެކަމަށް އެކްޓަރުވަނީ ބުނެފައެވެ. މިދިޔަ އަހަރު ބަތަލާ ކަންގްނާއާއެކު އަރުޖުން ފެނިފައިވަނީ ފިލްމު "ދާކަދު"އިންނެވެ.