30 Jul 2023, 22:46
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް، އިދިކޮޅު ޕާޓީ ޕީޕީއެމްގެ ރަނިންމޭޓަކާ އެކު ރިޔާސީ އިންތިޚާބަށް ނުކުންނަށް ފަސް ނުޖެހޭނެކަމަށް އެ ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހުޅުދޫގައި ޑިމޮކްރެޓްސްގެ ޖަގަހަ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ޑިމޮކްރެޓްސްގެ ހަރަކާތްތަކަށް ޕީޕީއެމްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި، އިލްޔާސް އިންތިޚާބަށް ނުކުންނަވާ ހުންނެވީ ޕީޕީއެމްގެ ތާއީދު ލިބޭނެ ކަމަށް އުންމީދު ކޮށްގެން ކަމަށާއި އިލްޔާސްގެ ކެންޑިޑެސީއަކީ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުއްﷲ ޔާމީން އަބްދުލްޤައްޔޫމަށް އެހީތެރި ވެދޭނެ ކެނޑިޑެސީއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފަހަކަށް ނުޖެހޭނަން ޕީޕީއެމްގެ ރަނިންމޭޓަކާ އެކުގައި މި އިންތިޚާބަށް ނުކުތުމަށް،" އައްޑޫއިން މިހާތަނަށް ދެވުނު ގިނަ ރަށްރަށުން ޕީޕީއެމްގެ ތާއީދު އިލްޔާސަށް ލިބޭކަން ފާހަގަކުރައްވަ ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވި ނަމަވެސް، އިލްޔާސްގެ ރަނިންމޭޓެއްގެ ގޮތުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހަމަޖައްސަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެކަމަކު، އެކަން އެ ޕާޓީން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ރައީސް ޔާމީން މިވަގުތު ތަންފީޒު ކުރައްވަމުން ގެންދަވާ ޖަލު ހުކުމާ ގުޅުވައި ރައީސް ނަޝީދު ވިދާޅުވީ، މީހުންނަށް އަދަބު ދޭންވާނީ އިންސާފުވެރި ޝަރީއަތަކަށް ފަހު ކަމަށެވެ.
"މި އެމްއެމްޕީއާރުސީގެ މައްސަލައިގައި 270 އެތައް ބަޔަކު ހިމެނޭ، ހިމެނޭ އިރު ހަމައެކަނި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން އަދާކުރެއްވި ބޭފުޅަކު ގެންގޮސް ޖަލަށް ލާފައި ބޭއްވީމާ އޭގެ ބޭއިންސާފު އަޅުގަނޑުމެން އެންމެނަށް ވެސް ފެންނާނެ،" ނަޝީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ވެރިކަމަށް ފާޑުވިދާޅުވެ، އެމަނިކުފާނު ވިދާޅުވީ ރައީސް ވެރިކަން ކުރައްވަނީ މަޝްވަރާއެއް ނެތި ގިނިކަންޏާ ކަމަށެވެ. އެއީ، ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.