30 Jul 2023, 22:35
ތަފާތު ޚިޔާލުތަކުގެ މީހުންނަށް އެ ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ކުރިއަށް އޮތް ތަނުގައި ވެސް ދެއްވާނެ ކަމަށާއި އެންމެ ފައިދާ ހުރި ގޮތަކީ އެކި ޚިޔާލުތައް އަޑު އަހައި އެންމެ ފައިދާހުރި ގޮތް ހޯދުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްްޖެއެވެ.
ފުވައްމުލައް ސިޓީގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިހާރު ވެސް ތަފާތު ޚިޔާލުތަކަށް ފުރުސަތު ދެއްވަން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ތަފާތު ޚިޔާލުތަކަށް ފުރުސަތު ދެއްވައި، އަޑު އައްސަވާނެ ކަމަށެވެ.
"ޚިޔާލު ތަފާތުވާ މީހުންނަށް އަޅުގަނޑު ޖާގަ ވެސް ދެން. އެ ކަން އެއީ ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެން އެ ކަން ކުރާނެ ގޮތް،" ރައީސް ވިދާޅުވިއެވެ.
އެ ވާހަކަފުޅާ ގުޅުވައި، މިރޭ ވެސް ރައީސް ވަނީ ކޯލިޝަން ވެރިކަމަކީ ގިނަ ރައްޔިތުންނަށް ފައިދާކުރާނެ ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. އުފާވެރި އަމާން ރާއްޖެެއެއްގެ ތަސައްވުރު ހަގީގަތަކަށް ހެދޭނީ ވެސް ގިނަ ޕާޓީތަކެއް ހިމެނޭ ވެރިކަމަކުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މި ތަޖުރިބާ ކުރީ ފަސް އަހަރު. ކޯލިޝަން ސަރުކާރެއް އުފައްދައި ތަފާތު ޚިޔާލުތަކުގެ ތެރޭގައި ވމަސައްކަތްކުރީމާ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނީ. ފަހަރުގައި އަޅުގަނޑަށް އޭގެ އެންމެ ރަނގަޅު ފައިދާ ނުވެދާނެ،" ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެކި ޚިޔާލުތަކުގެ ތެރެއިން އެންމެ ފައިދާހުރި ގޮތް ހޯދުމަކީ ރައްޔިތުންނަށް ލާބަހުރި ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
"އޭގެ ތެރެއިން އަަޅުގަނޑުމެންނަށް ނެރެވޭ އެއްޗެއް އަޅުގަނޑު ހިތުން އެންމެ ރަނގަޅު ވާނީ،" ރައީސް ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގައި އޮތް ކެމްޕޭން ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ
ދެވަނަ ދައުރުގައި ވެސް ފުވައްމުލަކު ތަރައްގީވާނެކަމުގެ ޔަގީންކަން
ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެކުލަވާލި މެނިފެސްޓޯއަކީ ރައްޔިތުންގެ އަޑު އަހައިގެން އެކުލަވައިލި މެނިފެސްޓޯއެއްކަން ހާމަކުރައްވައި ރައީސް ވިދާޅުވީ ފުވައްމުލަކުން ވެސް އެއިރު ހުށަހެޅީ ރައްޔިތުންގެ މެނިފެސްޓޯއެއް ކަމަށެވެ.
އެގޮތުން ފުވައްމުލަކުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރި ހަލާކުވެފައި ހުރި މަގުތަކުގެ މަސައްކަތް ފަށައި މުހިންމު މިންވަރަކަށް އެ މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން 19.7 ކިލޯމީޓަރުގެ މަގު ހަދައި ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕްލޭނަކީ މި ރަށުގެ މަގު ހަދައި ނިންމާނީ މި ރަށުގައި ހަދަންޖެހޭ ހުރިހާ މަގެއް ނިންމައިފައޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު ފުވައްމުލަކުގައި ހުރި ގިނަ ވަސީލަތްތައް ހުރީ އަލުން ތަރައްގީކުރަން ޖެހިފައިކަމަށެވެ. އެއާޕޯޓަކާއި ބަނދަރެއް އޮތް ނަމަވެސް އިތުރު ތަރައްގީ ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެން އަންނަ ދައުރެއްގައި:
އޭޓީއާރް ޖެއްސޭވަރަށް ފުވައްމުލަކު އެއާޕޯޓް ބޮޑުކުރުން
- ފުވައްމުލަކު ބަނދަރު ބޮޑުކުރެވެން އޮތް ގޮތް ބަލައި އެ ކަން ކުރުން
- މަލްޓި ޕާޕަސް އޮފިސް ކޮމްޕްލެކްސްއެއް ތަރައްގީކުރުން
- 50 އެނދުގެ އައު ހޮސްޕިޓަލެއް އަަޅައި އެ ތަން ކުޑަކުދިންގެ ބަލިތަކަށް ޚާއްސަކުރުން
- ގައުމީ ޔުނިވާސިޓީގެ އައިޓީ ސެންޓަރަކާއި ޓިވެޓް ސެންޓަރެއް ގާއިމްކުރުން
- ސިޓީ ހޮޓަލެއް ބިނާކުރުން
"އިރާދަކުރެއްވިއްޔާ ފުވައްމުލަކު ސިޓީއަށް ތަރައްގީއަށް މި ބޭނުންވާ ކަންތައްތައް ކުރުމުގައި އަޅުގަނޑުމެން ކުރިއަށް އޮތް ފަސް އަހަރު ވެސް ދެމިތިބޭނަން،" ރައީސް ވިދާޅުވިއެވެ.
ދިމާވި ބައެއް ލަސްތަކާހެދި ފުވައްމުލަކުގައި މި ދައުރުގައ ކުރަން ހުރި މުހިންމު މަސައްކަތްތައްކަމަށްވާ ސިންތެޓިކް ޓްރެކާއި ސްޓޭޑިއަމާއި އިންޑޯ ސްޕޯޓްސް ޓްރެކްގެ މަސައްކަތް ނުފެށިވީ ނަމަވެސް ދެން އަންނަ ދައުރެއްގައި އެ މަސައްކަތް ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފާއިތުވި 10 އަހަރު ފުވައްމުލަކުގައި ނުހިންގޭ މަޝްރޫއު މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭ ހިންގިފައިވާކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ތައުލީމީ ޒުވާން ޖީލެއް ބިނާކުރުންކަމަށެވެ.