ބޮލީވުޑްގެ 90އިގެ އަހަރުތަކުގެ ތެރޭގައި ފިލްމީ ދާއިރާއަށް ތަޢާރަފުވި އެކްޓަރު ފަރުދީން ޚާންގެ 18 އަހަރުވީ ކައިވެންޏަށް ރޫޅާލަން ނިންމައިފިކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފަރުދީންއާއި އަންހެނުން ނަތާޝާ މަދުވާނީގެ ދިގު ކައިވެންޏަށް ނިމުން ގެންނަން ނިންމާފައިވަނީ ދިރިއުޅުމުގެ ވަރަށް ގިނަ މުހިއްމު ނިންމުންތަކުގައި ދެ މީހުންގެ ޚިޔާލު ތަފާތުވާން ފެށުމުންކަމަށް އިންޑިއާގެ ނޫސްތަކުގައިވަނީ ލިޔެފައެވެ. ފަރުދީން ޚާންއާއި ނަތާޝާއަކީ އަބަދުވެސް ދެ މީހުންގެ ޒާތީ ދިރިއުޅުމުގެ ވާހަކަތައް މީޑިއާއަށް ޢާއްމުކުރުމާ ދެކޮޅު ދެމަފިރިންނެވެ. މިހާތަނަށް ދެ މީހުންގެ ދިރިއުޅުމާބެހޭ ޒާތީ އެއްވެސް ވާހަކައެއް މީޑިއާއަށް ހާމަވެފައިނުވާއިރު ދުވަސްވީ ކައިވެންޏަށް ނިމުން ގެންނަ ޚަބަރާއެކު ވަރަށްގިނަ ބަޔަކަށްވަނީ ހައިރާންކަމެއް ލިބިފައެވެ.

ނަތާޝާއަކީ ކުރީގެ މަޝްހޫރު ފިލްމީ ބަތަލާ މުމްތާޒުއަށް ލިބުނު ދެ އަންހެނުން ކުދިންގެތެރެއިން ދޮށީ އަންހެން ދަރިފުޅެވެ. ފަރުދީން ޚާންގެ ބައްޕައަކީ ކުރީގެ މަޝްހޫރު ފިލްމީ ތަރި ފިރޯޒް ޚާންއެވެ.

މިހާތަނަށް ފަރުދީންއާއި ނަތާޝާގެ ފަރާތުން ރަސްމީ ބަޔާނެއް އަދި ނުނެރޭއިރު އެ އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތަކުންވަނީ މިއީ ތެދު ޚަބަރެއްކަމަށް އިންޑިއާގެ ނޫސްތަކަށް މައުލޫމާތު ދީފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ދެމަފިރިން ވަކިން ދިރިއުޅޭތާ ވެސް މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. އެގޮތުން ފަރުދީން ޚާން އިންޑިއާގެ މުމްބާއީގައި ދިރިއުޅެމުން އަންނައިރު ނަތާޝާ ދިރިއުޅެމުން އަންނަނީ އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.

ފަރުދީންއާއި ނަތާޝާގެ ކައިވެނިކުރީ 2005ވަނަ އަހަރުއެވެ. މި ކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވާއިރު ދެ މީހުން ވަކިވި ނަމަވެސް އެންމެ ބޮޑު އިސްކަމެއްދޭނީ ދެ ކުދިންގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށްކަމަށް އާއިލާއާ ޙަވާލާދީ ރިޕޯޓުތަކުންވަނީ ބުނެފައެވެ.

ފިލްމު "ޕްރޭމް އަގަން"އިން ހިންދީ ސިނަމާއަށް ތަޢާރަފުވި ފަރުދީންއަކީ ބެލުންތެރިންގެ ތަރުހީބު ހޯދުމުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު އެކްޓަރެކެވެ. ފިލްމީ މަސައްކަތްތަކާ 2010ވަނަ އަހަރު ދުރަށް ޖެހިލުމަށްފަހު ފަރުދީންވަނީ މިއަހަރުތެރޭ ފިލްމީ ދާއިރާއާ އަލުން ގުޅިފައެވެ. ދެ ފިލްމީ ޕްރޮޖެކްޓަކަށް އެކްޓަރު ސޮއިކޮށްފައިވާއިރު އޭގެތެރޭގައި ސަންޖޭ ލީލާ ބަންސާލީ ނެޓްފްލިކްސްއަށް އުފައްދާ "ހީރާ މަންޑީ" ހިމެނެއެވެ.