30 Jul 2023, 21:36
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ފުވައްމުލަކުގައި ހުޅުވާ އެ ޕާޓީގެ އެންމެ ފުރަތަމަ ޕޮލިޓިކަލް ސެންޓަރު މިއަދު ހުޅުވައިފިއެވެ.
ފުވައްމުލަކު ސިޓީ، ފުނާޑު އަވަށުގައި ހުންނަ މި ޕޮލިޓިކަލް ސެންޓަރު ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ. އެ މަނިކުފާނުގެ އަރިހުގައި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.
ޕޮލިޓިކަލް ސެންޓަރު ހުޅުވުމަށް ފަހު، ސެންޓަރުގައި ކުރިއަށް ދިޔައީ ދިދަ ނެގުމުގެ ހަރަކާތެވެ. އެ ހަރަކާތަށް ފަހު ރައީސް ވަނީ އެ ސެންޓަރު ހުޅުވައިދެއްވުމަށް ފަހު ފޮތުގައި ސޮއިކުރައްވައިފައެވެ.
މި ސެންޓަރު ހުޅުވައި، ފުވައްމުލަކުގައި އެމްޑީއޭގެ ހަރަކާތްތައް ވަރުގަދަ ކުރުމާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ މި ސެންޓަރާ އެކު އިންތިޚާބަށް ކުރިއަށް އޮތް ދުވަސްތަކުގައި ފުވައްމުލަކުގައި ހަރަކާތްތައް ވަރުގަދަވާނެ ކަމަށެވެ.
"ޕޮލިޓަކަލް ސެންޓަރު އަޅުގަނޑުމެންގެ ދެ ރައީސުން [ރައީސް ޞާލިހާއި އެމްޑީއޭގެ ރައީސް ސިޔާމް] ހުޅުވައިދެއްވުމަކީ ލިބުނު ބޮޑު ޝަރަފެއް. މި ތަނުގައި ރިޔާސީ އިންތިޚާބަށް ހަމަ 24 ގަޑިއިރުހެން ވަރުގަދައަށް ތައްޔާރުވުމަށް މަސައްކަތް ކުރާނެ،" މައުރޫފް ވިދާޅުވިއެވެ.
މީގެ އިތުރުން މައުރޫފް ވަނީ ފުވައްމުލަކު ރައްޔިތުންގެ ފަރާތުން ކީ މަރުހަބާއަށް ޝުކުރު އަދައިކުރައްވައިފައެވެ. އަދި، މިއީ ރައްޔިތުން މި ސަރުކާރު ދަމަހައްޓަން އޮތް ތާއީދު ސާފުވާ ކަމުގެ ހެއްކެއްކަމަށް ވިދާޅުވެފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ފުވައްމުލަކުގައި އެމްޑީއޭގެ ޕޮލިޓިކަލް ސެންޓަރު ހުޅުވައިދެއްވަނީ -- ފޮޓޯ/ ކެމްޕޭން ޓީމު
"މީގެން ދޭހަވާ އެއްޗަކީ އިބްރާހިމް މުޙައްމަދު ޞާލިހަށް އޮތް ގަދަރާއި އިހްތިރާމާއި އެ މަނިކުފާނު ރައްޔިތުންނަށް ވަކިން ޚާއްސަކޮށް ފުވައްމުލަކު ރައްޔިތުންނަށް އެ މަނިކުފާނު ކޮށްދެއްވައިފައި ހުރި ކަންތައްތަކާއި އޯގާތެރިކަން އިހުސާސްވެގެން އެހާ ގިނަ ރައްޔިތުން އެއާޕޯޓަށް ވަޑައިގެންނެވީ،" މައުރޫފް ވިދާޅުވިއެވެ.
ރައީސް މާދަމާ މެންދުރުފަހާ ހަމައަށް ފުވައްމުލަކުުގައި ރިޔާސީ ކެމްޕޭންގެ ހަރަކާތްތައް ހިންގަވާނެއެވެ. މި ކަމުގައި އެމްޑީއޭގެ ރައީސް ސިޔާމް ވެސް ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.