ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) މިރޭ ޕީޕީއެމަށް ސޮއިކުރައްވައި ދާދި ދެންމެއަކު ފުވައްމުލަކު ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވައިފި އެވެ.

އޭނާ ޕީޕީއެމްއަށް ސޮއި ކުރެއްވީ މިވަގުތު ފުވައްމުލަކުގައި ޕީޕީއެމުން ކުރިޔަށް ގެންދާ ޖލްސާގަ އެވެ. މި ޖަލްސާގައި ޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ ޕާޓީގެ ޕީޖީ މެންބަރުން ބައިވެރިވެސް ވަޑައިގަންނަވަ އެވެ.

ހިސްޓޯ މިއަދު ފުވައްމުލަކަށް ވަޑައިގަތީ ވެސް ރަައީސް މައުމޫންގެ އަރިހުގަ އެވެ.

ޕީޕީއެމަށް ސޮއި ކުރެއްވުމަށްފަހު ހިސްޓޯ ވިދާޅުވީ ޕީޕީއެމުން އޭނާއަށް އެފަދަ މަރުހަބާއެއް ކިޔާނެ ކަމަށް ގަބޫލު ކުރެވިފައި ނުވާ ކަމަށާއި ކީ މަރުހަބާއަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ވިދާޅުވި ވީ އޭނާ ފައިސާއަށް ނުވިކޭނެ ކަމަށައި އޭނާ އެމްޑީޕީގައި ހުންނެވި އިރު ވެސް އަދި ޕީޕީއެމްގައި ވެސް މަސައްކަތް ކޮށްދެއްވާނީ ފުވައްމުލަކާއި ގައުމަށް ކަމަށެވެ.

އެމްޑީޕީގެ ވެރިކަން ބަދަލުވުމަށްފަހު އެމްޑީޕީގެ ދެ ޖަލްސާއެއްގައި ހިސްޓޯ ބައިވެރިވަޑައިގެންނެވި ނަމަވެސް ފަހުން އޭނާ ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ރައްޔިތުން މަޖިލީހުގައި އެމްޑީޕީއާ ދެކޮޅަށް ދެއްކެވި ވާހަކަތަކުގެ ތެރޭގައި އަވަސް އިންތިހާބަކަށް ދެވޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށާއި އެމްޑީޕީގެ ލީޑަޝިޕް "ކޯމާ"އެއްގައި އޮތް ކަމަށް ވިދާޅުވުން ހިމެނެ އެވެ.

މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދުއްދީން (ޑީން) އަށާއި ވަޒީރުނަށް ރައްޔިތުން މަޖިލީހުން ރުހުން ދިނުމަށް ފެނޭތޯ ބެލުމުގެ މައްސަލަ އެޖެންޑާ ކުރި ޖަލްސާ އެމްޑީޕީން ބޮއިކޮޓް ކޮށްފައި ވަނިކޮށް ހިސްޓޯ ވަނީ އެ ޖަލްސާއަށް ވަޑައިގެން ނައިބު ރައީސް ވަހީދުއްދީނަށާއި ވަޒީރުނަށް ރުހުން ދެއްވާފަ އެވެ.

އެމްޑީޕީން ވަކިވެ ވަޑައިގެން ހިސްޓޯއާ ޕީޕީއެމާ ގުޅިވަޑައިގަތީ އޭނާއާމެދު މެދު ފިޔަވަޅު އަޅާނެ ކަމަށާއި މައްސަލަ ބަލަމުންދާ ކަމަށް އެމްޑީޕީން ބުނެފައި ވަނިކޮށެވެ. ހިސްޓޯއަކީ އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ސޮއި ކުރެއްވެވި މެންބަރުންގެ ތެރެއިން ޕާޓީ ދޫކުރައްވާ އެހެން ޕާޓީއަކާ ގުޅިވަޑައިގެނެވި ފުރަތަމަ މެންބަރެވެ.