ގިނަ ބަޔެއްގެ މެދުގައި މަގުބޫލު ސްޕައިޑަމޭންގެ އެނިމޭޝަން ކަމަށްވާ "މައިލްސް މޮރާލްސް" ޓްރިލޮޖީގެ ފަހު ފިލްމު "ސްޕައިޑާ މޭން: ބިޔޯންޑް ސްޕައިޑާ ވާސް" ނެރޭނެ ދުވަހެއް ނޭނގޭ ގޮތަށް ރިލީޒްކުރުން ފަސްކޮށްފިއެވެ.

މުޅިން ތަފާތު އެނިމޭޝަން ސްޓައިލަކާ އެކު 2018 ވަނަ އަހަރު ނެރުނު ސްޕައިޑަމޭން ފިލްމު ވެފައިވަނީ ބޮޑު ފްރެންޗައިޒަކަށެވެ. އެގޮތުން ފުރަތަމަ ފިލްމު "އިންޓު ދަ ސްޕައިޑާ ވާސް" އަށް ފަހު ދެވަނަ ފިލްމެއް ނެރެފައިވަނީ މިއަހަރެވެ. މިއަހަރު ނެރުނު "އެކްރޮސް ދަ ސްޕައިޑާ ވާސް" ވަނީ ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

އެއާއެކު މިއަހަރުގެ ތެރޭގައި އިއުލާނުކޮށްފައިވަނީ ތިންވަނަ ފިލްމު އަންނަ އަހަރުގެ މާޗު މަހުގެ ފަހުކޮޅުގައި ދައްކަން ފަށާނެ ކަމަށެވެ.

ނަމަވެސް ސޮނީ އިން ޕްރޮޑިއުސްކުރާ މި ފިލްމު ނެރޭނެ ދުވަސް މިހާރު ބަދަލުވެއްޖެއެވެ. މީގެކުރީން ސީދާ ރިލީޒް ތާރީހެއް ކަނޑައަޅާފައިވި ނަމަވެސް އަންނަ އަހަރުގެ ޝެޑިއުލް ރޯސްޓަރުން ވަނީ ފިލްމު ނަގާފައެވެ.

ފިލްމު ނެރޭނެ ދުވަހަކާ ގުޅޭގޮތުން މީޑިއާތަކުން ސޮނީ ސްޓޫޑިއޯއާ ސުވާލު ކުރުމުން އެކަމަށް ޖަވާބެއް ދީފައެއް ނުވެއެވެ. އަދި ފިލްމު ރިލީޒްކުރުން ކެންސަލު ކުރި ސަބަބެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ޚަބަރު ފެތުރިފައިވާ ގޮތުގައި ފިލްމު ރިލީޒްކުރުން ކެންސަލުކޮށްފައިވަނީ އެމެރިކާގެ އެކްޓަރުންނާއި ލިޔުންތެރިން ކުރިއަށްގެންދާ ހަޅުތާލާ ގުޅިގެންނެވެ. މިދިޔަ މެއި މަހު އެ ހަޅުތާލުތައް ފަށާފައި ވަނީ ލިޔުންތެރިންނަށް ހައްގު އުޖޫރަ ނުލިބޭ ކަމަށް ބުނެއެވެ.